އެމެރިކާގެ ރިއަލިޓީ ޓީވީ ޝޯއެއްގެ ތަރިއެއްގެ ހައިސިއްޔަތުން އާންމުންގެ ބޮޑު މަޤުބޫލްކަމެއް ހޯދައިފައިވާ ކިމް ކާޑޭޝިއަންއަށް މި ހަފްތާ ވެގެންދާނީ ނުލާހިކު 'ބިޒީ' ހަފްތާއަކަށެވެ. އޭނާގެ ދައްތަ ކްލޯއީއަށްވެސް އަންހެން ދަރިއަކު ލިބުމާއި ގުޅިގެން މުޅި އާއިލާ އުޅޭނީ އަވަދިނެތިކަން ގައިމެވެ. ނަމަވެސް ހުރިހާ ކަމެއް އެއްފަރާތްކޮށްލާފައި ވަގުތު ހުސްކޮށްލައިގެން ކިމް މި ވަނީ ދާދިފަހުން އޭނާ ކުޑައިރު ކިޔެވި ހައި ސްކޫލަށް ޒިޔާރަތް ކޮށްފައެވެ.

ކިމް ވަނީ އޭނާގެ ރައްޓެހިންތަކަކާއިއެކު ހުކުރު ދުވަހު ހަވީރު އެ ސްކޫލަށް ޒިޔާރަތް ކޮށްފައި ކަމަށާއި މި ދަތުރަށް ކިމް ވަނީ "ޕާޓީ ބަސް" އެއް ކުއްޔަށް ނަގައިފައި ކަމަށް ޚަބަރުތައް ބުނެއެވެ.

"އެންމެންވެސް މި ތިބެނީ އެކަކު އަނެއްކަކާ މިކަހަލަ ގޮތަކަށް ދިމާ ނުވެގެން. އެންމެންވެސް ސްކޫލް ނިމުނީމަ ލައިފްއާއިގެން ބިޒީ ވީ. މިއަދު ވަރަށް އުފާވެއްޖެ މި ގޮތަށް އަލުން އެންމެން ދިމާވީމަ" ކިމް ބުނެފައިވެއެވެ.

kim-kardashian-high-school-reunion

 

އޭނާ އިތުރަށް ބުނެފައިވަނީ ކުޑައިރުގެ ހަނދާންތައްވެސް އިތުރަށް އާލާވެގެން ހިނގައްޖެ ކަމުގައެވެ.

ކިމް އޭރު ދިޔައީ ހަމަ އެކަނި އަންހެން ކުދިންނަށް ހާއްސަ ސްކޫލަކަށް ކަމަށާއި މި ރި-ޔޫނިއަންއިން ފިރިހެނަކު ނުފެންނަނީ ވެސް އެހެންވެ ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ކިމް އާއި އޭނާގެ ރައްޓެހިންވަނީ، ކުޑައިރުގެ ހަނދާންތައް އާލާ ކޮށްލުމުގެ ގޮތުން ސްކޫލްގެ ހޯލަށްވެސް ޒިޔާރަތް ކޮށްފައެވެ. އަދި މި ހޯލުގައި ހިނގާލުމުގެ ފުރުސަތު މި ލިބުނީ 20 އަހަރު ފަހުން ކަމުގައި ކިމް ވަނީ ބުނެފައެވެ.

ރައްޓެހިންނާއިއެކު ހޭދަކުރެވުނު އުފާވެރި މަންޒަރުތަކާއި ސްނެޕް ވީޑިއޯތައް ކިމްވަނީ އޭނާގެ މީސް މީޑިއާ އެކައުންޓް ތަކުގައި އާންމުވެސް ކޮށްފައެވެ.