އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ އުމުރުން ދުވަސްވީ މާމަ އެއްގެ ގޭ، އަވަށްޓެރިއެއް ކޮތަރުތަކަށް ކާންދޭ އެއްޗެއް ގެނައި ފަހުން އޮންނަނީ ހުސް ކޮތަރުގެ ބޮޑުކަމުދާ ތަކެތިން ފުރިފައި ކަމަށްބުނެ މާމަގެ ރުޅިގަނޑު ބާލައިފިއެވެ.

އެ ގައުމުގެ ސްކެގްނެސްގައި ދިރިއުޅެމުން އަންނަ ކޭތީ ވައިޓު ބުނެފައި ވަނީ އަަވަށްޓެރިޔާގެ ގެއިން ކޮތަރުތަކަށް ކާންދޭން ފެށިފަހުން އޭނާގެ މުޅިގޭ ކޮތަރުގެ ނަޖިހުން ފުރުމުގެ އިތުރުން، އޭނާ އަށް ރޭގަނޑުގެ ހަމަނިދި ނުލިބޭތާ 2 އަހަރު ވެފައިވާ ކަމަށެވެ.

6 ކުދިންގެ މަންމަ ކަމުގައިވާ އުމުރުން 55 އަހަރުގެ ކޭތީ ބުނެފައި ވަނީ ގެއިން ބޭރަށް ނިކުތުމާއި އެކު އެ ކޮތަރުތައް ގަޔާއި ދިމާލަށް އައިސް ގަޔަށްވެސް ސީލާ ކަމަށާއި މިހެން ކަންތައް ވަމުން ދިއުމުގެ ސަބަބުން އޭނާ ބޭރަށް ނިކުތުމަށްވެސް ޖެހިލުންވާ ކަމަށެވެ.

ކޮތަރުތައް ކޭތީގެ ގޭގައި

"އަހަރެން މިހުންނަނީ މިކަމުގައި ހަދާނެ ގޮތް ހުސްވެފައި. ކޮންމެ ދުވަހަކު އެ އެއްޗެހިން އަހަންނަށް ހަމަލާދޭތީ ހުންނަން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި" އެ ގައުމުގެ ނޫސްތަކާއި އޭނާގެ ކަންބޮޑުވުމުން ހިއްސާ ކުރަމުން ބުނެފައިވެއެވެ.

ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކޭތީ އިތުރަށް ބުނެފައި ވަނީ އޭނާ ކިތަންމެ ވަރަކަށް ސާފު ކުރަން މަސައްކަތް ކުރި ނަމަވެސް އެ ހުރިހާ ކަމެއް ކޮތަރުތަކުގެ ސަބަބުން ބޭކަރުވަމުންދާ ކަމަށެވެ.

ނޫސްތައް މެދުވެރިކޮށް މިކަމަށް ސަމާލުކަން ހޯދި ފަހުން ކޭތީގެ ދިފާއުގައި އެތައް ބަޔަކު ތެދުވެފަައިވާކަން ފާހަގަކޮށްލެވެއެވެ.