އިންޑިއާގެ ޕުންޖާބީ ލަވަކިޔުންތެރިޔާ ޕަރްމިޝް ވެރްމާ މަރާލަން ގޭންގް ސްޓާރަކު މަސައްކަތް ކޮށްފިއެވެ.

މޮހަލީގައި އޭނާގެ ގަޔަށް ބަޑި ޖަހާފައި ވަނީ ކާކުކަން ފުލުހުންނަށް އަދި ހޯދިފައި ނުވިނަމަވެސް، އެ މީހަކު ވަނީ އޭނާއަކީ ކާކުކަން ސާބިތުކޮށްދޭން ފޭސްބުކްގައި ޕޯސްޓެއް ޖަހާފައެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، ވެރްމާގެ ގަޔަށް ބަޑިޖަހާ މަރާލަން އުޅުނު ނަމަވެސް، އޭނާ ވަނީ ސަލާމަތްވެފައެވެ. އޭނާ ގަޔަށް ޖަހަން އަމާޒްކުރި ވަޒަން އަރާފައި ވަނީ އޭނާގެ ފަޔަށެވެ. އެއިރު އޭނާގެ ގާތުގައި ރަހުމަތްތެރިއަކުވެސް ހުއްޓެވެ. އޭނާއަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވިއިރު، މި ދެ މީހުންނަށް މޮހޮލީ ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ.

ވެރްމާގެ ގަޔަށް ބަޑި ޖަހާފައި ވަނީ އޭނާ އިވެންޓެއް ނިންމުމަށްފަހު، އޭނާގެ ބޮޑީގާޑުންވެސް ގެއަށް ލާފައި ގެއަށް ދަނިކޮށް ކަމަށް ވެއެވެ.

މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ރޭ 12:30 ހާއިރުއެެވެ.

އެ ހާދިސާއަށް ހަތަރު ގަޑިއިރު ފަހުން އިންޑިއާގެ މަޝްހޫރު ގޭންގް ސްޓާރެއްކަމަށްވާ ޑިލްޕްރީޓް ސިންގ ޑަހަން ވަނީ، ވެރްމާގެ ގަޔަށް ބަަޑީ ޖެހީ އޭނާކަމަށް އެއްބަސްވެފައެވެ.

"އޭނަ އަމިއްލައަށް ސަލާމަތްވުމަށް ވަރަށް މަސައްކަތް ކުރި. ނަމަވެސް އެހެރީ އަނިޔާވެފައި". އޭނާ ބުންޏެވެ.

ގޭންގް ސްޓާރު ބުނީ ވެރްމާ މަރާލާނެ ކަމުގެ އިންޒާރު މީގެ ކުރިންވެސް އޭނަ ދިން ކަމަށެވެ. އަދި ވެރްމާ ދުނިޔޭގައި އެ ހުރީ ނަސީބަކުން ކަމަށް ވެސް ބުނެފައި ވެއެވެ.

އޭނާ ވަނީ. ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ދެ ފޮޓޯއެއްވެސް ލާފައެވެ. އެއް ފޮޓޯ އިން ފެންނަނީ ވެރްމާގެ ފޮޓޯއެއްގައި ނުބައި ފާހަގަލާފައިވާ މަންޒަރެވެ. އަނެއް ފޮޓޯއިން ފެންނަނީ އެ މީހުންގެ ގޭންގް މެންބަރުން ފިސްތޯލެއް ހިފައިގެން ތިއްބާއެވެ.

ވެރްމާގެ ގަޔަށް ބަޑިޖަހަންވީ ސަބަބެއް އޭނާއަށްވެސް ނޭނގެއެވެ.

މި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، ވްރެމާގެ ގަޔަށް ބަޑި ޖެހި ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ހޯދަމުންދާކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު