އިންޑިއާގެ ބޮލީވުޑް ސިނަމާގައި މިހާރު އެންމެ ނަން ހިނގާ ދެ ލޯބިވެރިންނަކީ ކުޅަދާނަ ދެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައި ވީނަމަވެސް، އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާއި ބެހޭ ގޮތުން މާބޮޑު ބަހެއް ނުބުނެއެވެ. އެހެންކަމުން މި ދެތަރިން ކައިވެނި ކުރާނީ ކޮން ދުވަހެއްގައިތޯ ކުރެވޭ ސުވާލަކީ މިހާރު ފޭނުންގެ ބޮޑު ސުވާލެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކުރާނެ ދުވަހެއް ނޭނގިގެން ގިނަ ބަޔަކު، އެ ދުވަހެއްގެ އިންތިޒާރުގައި ތިއްބައި ރަންބީރުގެ ފޭނަކު މިވަނީ އެ އެންމެން ސިއްސުވާލާފައެވެ. މި ދެ ލޯބިވެރިން ކައިވެނިކުރާ މަންޒަރު ފެންނަ ގޮތަށް ހަދާފައިވާ ފޮޓޯއެއް އޭނާ މީސްމީޑިއާގައި އާންމުކުރުމާއެކު ގިނަ ބަޔަކު ވަނީ އަންތަރީސްވެފައެވެ. މި ފޮޓޯ ފެނިގެން ބައެއް މީހުން، އާލިއާ އާއި ރަންބީރަށް މަރުހަބާގެ މެސެޖުތައްވެސް ފޮނުވަމުން ދިޔައެވެ. އަނެއް ބަޔަކު ފާޑުކިޔަމުން ދިޔައީ ކައިވެނި ސިއްރު ކުރީ ކަމަށް ބުނެއެވެ.

ނަމަވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ މި ފޮޓޯއަކީ ހަދާފައިވާ ފޮޓޯއެއްކަން ވަނީ ހާމަވެފައެވެ. އަދި އެއީ އާލިއާ މީގެ ކުރިން ކުޅެފައިވާ، ކައިވެނީގެ މަންޒަރެއް ދައްކުވައިދޭ އިޝްތިހާރަކުން ނަގާފައިވާ މަންޒަރެކެވެ. މި ފޮޓޯ ހަދާފައި ވަނީ އާލިއާ ރަންބީރުގެ ބޮލުގައި މާފަތި އަޅުވާ މަންޒަރު ފެންނަ ގޮތަށެވެ. އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކައިވެނިކުރާ މަންޒަރު ފެންނަ މި ފޮޓޯއަކީ ހަޤީޤަތުގައި ވެސް އެދެމީހުންގެ ކައިވެނީގެ ހަފްލާ ސިފަވެގެންދާނެ ގޮތް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ. މި ދެމީހުން ޑޭޓުތަކަށްދާ މަންޒަރާއި އެކުގައި އުޅޭތަން ގިނަ ބައެއްގެ ސަމާލުކަމަށް އަންނަމުން ދިޔަ ނަމަވެސް ރަސްމީކޮށް އެ ގުޅުމާއި ބެހޭ މާގިނަ ވާހަކަތަކެއް މީޑިއާގައި ދައްކާކަށް އެމީހުން ބޭނުމެއް ނުވެއެވެ. މި ދެތަރިންގެ ދެމެދުގައި ޚާއްސަ ގުޅުމެއް އުފެދިފައިވާކަން ހާމަވެފައި ވަނީ، ދެމީހުން އެކުގައި ފެނިގެންދާ ފިލްމް، "ބްރަމަސްތްރާ"ގެ ޝޫޓިންގް ކުރިޔަށް ދަނިކޮށެވެ.

ޓީވީ ޕްރޮގްރާމެއްގައި، ރަންބީރާއި ކައިވެނި ކުރާނީ ކޮން ދުވަހެއްގައިތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެމުން އާލިއާ ދާދި ފަހުން ބުނެފައި ވަނީ، އަވަސް އަރުވާލައިގެން ކައިވެނިކުރަން ބޭނުން ނުވާ ކަމަށާއި، ކައިވެންޏަށް ތައްޔާރުވެ އެކަން ކުރާން ޖެހޭ ދުވަސް އައުމުން ކައިވެނި ކުރާނެ ކަމަށެވެ. މިއީ ކައިވެންޏާއި ގުޅޭގޮތުން އާލިއާ ހަމަ އެކަނި ދައްކާފައިވާ ވާހަކައެވެ.