ރޭޕްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އެމީހުންނަށް މީގެ ކުރިން ދިމާވެފައިވާ ވާހަކަތައް ކިޔައިދޭން ވަރަށް އުނދަގޫވާނެއެވެ. ހާއްސަ ގޮތެއްގައި އެމީހުން އެ ހާލަތުގައި ކަންކޮށްފައިވާގޮތް އެހިކަމުގައި ވިއަސް އެ ސުވާލަށް ޖަވާބެއް ނުދެވޭނެ އެވެ. ސަބަބަކީ ރޭޕަކީ އަންހެނެއްގެ ހަޔާތުގެ އެންމެ ބަނަ ދުވަސްތަކެވެ.

މިއީ ރޭޕްގެ ޝިކާރައަކަށްވެފައިވާ އުމުރުން 20 އަހަރުގެ އަންހެން ކުއްޖެއްގެ ވާހަކައެވެ. އޭނާ ރޭޕް ކުރި އުމުރުން 48 އަހަރުގެ ފިރިހެން މީހާ ގޮވައިގެން ކޯޓަށް ދިއުމުން ކޯޓުގައި ތިބި ގާޒީން ކޮށްފައިވާ ސުވާލުތަކެވެ.

އަހަރެން ރޭޕް ކޮށްފައިވަނީ އަހަރެން ސްކޫލް އިން ގެއަށް ދިޔަ މަގުމަތީ، ކާރެއް މަޑު ކުރުވައިގެން އެ ކާރު ތެރެއަށް ލައިގެން ގޮސް އެއްވެސް ބަޔަކު ނުފެންނަ، އަޑު ނުއިވޭ ހިސާބަކަށް ގެންގޮސްފައެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރެވެ. އިންސާފު ހޯދަން ކޯޓަށް މައްސަލަ ވައްދައިގެން އުޅެނިކޮށް، 3 އަހަރު ފަހުން ކޯޓަށް އަހަރެން ހާޒިރުވީމެވެ. އުއްމީދު ކޮށްގެން ދިޔައީ އޭނާ އަށް އަދަބު ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ކަން ހިނގާދިޔައީ މުޅިންވެސް ހީ ނުކުރާފަދަ ގޮތަކަށެވެ.

ކޯޓަށް ހާޒިރުވުމުން ފުރަތަމަ ވެސް ޝަރީއަތް ފަށައި ގާޒީ އޭނާ އާއި ސުވާލު ކުރީ، އަހަރެން ރޭޕް ކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ އޭނާތޯއެވެ. އޭނާ އެކަމަށް އިންކާރު ކުރުމުން އަހަރެންގެ ދިފާއީ ވަކީލު ތެދުވެ އެއީ ދޮގެއް ކަމަށް ބުނުމުން ގާޒީ ސުވާލު ކުރަން ބޭނުންވީ އަހަރެންނާއެވެ. އަދި އަހަރެން ކައިރިން އެހީ، އޭނާ ރޭޕް ކުރަން އުޅޭ ކަން އެނގުމުން އެއްވެސް ކަހަލަ ދިފާއެއް ބޭނުން ކޮށްފައިވޭތޯއެވެ.

އަހަރެން ނޫނެކޭ ބުނުމުން، މީހަކު ގަދަކަމުން އެހެން މީހަކަށް ކަމެއް ކުރަން އުޅޭ ނަމަ ކުރަން ވީ ކޮން ކަމެއް ތޯ ވެސް ސުވާލު ކުރިއެވެ. އަދި ރޭޕް ކުރަން އުޅޭކަން އެނގޭނަމަ ދެފައި ކައިރި ކޮށް، ފުލުހުންނަށް ގުޅަން ނޭނގޭތޯ ވެސް އަހަރެން ކައިރިން އެހި އެވެ. އެވަގުތު އަހަރެން ފެންކަޅިވާން ފެށިއެވެ. އަޅުގަނޑުގެ ވަކީލު ވާހަކަ ދައްކަން ފުރުސަތަކަށް އެދުމުންވެސް އެކަމެއް ފުއްދައެއް ނުދެއެވެ. އަހަރެން ކައިރިން އެކަންކަން ކުރިތޯ ސުވާލު ކުރިއެވެ.

"ސްކޫލް ޔުނިފޯމް ލައިގެން ހުއްޓާ ކާރަކަށް އަރުވައިގެން ގެންދިޔައީ. ކާރު ތެރެއިން ދަބަސް ޖަހައިގަތީ. ފޯނު އޮތީ ދަބަސް ތެރޭ. ގެންދިޔައީ މީހަކަށް އަޑެއް ނީވޭ، ނުފެންނަ ހިސާބަކަށް. އަމިއްލަ ދިފާއުގައި ވަރަށް މަސައްކަތް ކުރިން. ބާރު ގަދަ ވީ އޭނާ" ފެންކަޅިވެ ހުރެ އަހަރެން ކިޔައިދިނީމެވެ.

އަހަރެންގެ ވާހަކައަށް އަޑުއެހުމެއް ނެތި ގާޒީ ގެންދިޔައީ އޭނާ ދިފާއު ކުރަމުން ކަމަށް އަހަރެން ހިތައް އެރިއެވެ. ކެތް ނުކުރެވޭ ހިސާބަށް ދިއުމުން އަހަރެން ރޮވެން ފެށިއެވެ. ގިނަ ބަޔަކު ހާޒިރުވެފައި އޮތް މަޖިލީހުގެ އެދުވަހުގެ އަޑު އެހުން ނިންމާލިއެވެ.

އަހަރެން ގެއަށް ދާން ނިކުތް ތަނުން ވަކީލު އައިސް އަހަރެން ކައިރީ ބުނީ، ދެން އޮތް އަޑު އެހުމަކަށް ގާޒީ ބަދަލުކުރަން މިހާރު އެޑްވައިސަރީ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. ސަބަބަކީ އެފަރާތަށްވެސް އެ ގާޒީގެ އަމަލު ހުރި ގޮތުން ވަކި ކޮޅަކަށް ބުރަވެ ވާހަކަ ދެއްކިފައިވާ ކަން ފާހަގަ ކުރެވުމުންނެވެ.