މުސްލިމް އަންހެނުން އަޅާ ބުރުގާ އަކީ ސްކޮޓުލޭންޑު ފުލުހުންގެ ޔުނީފޯމުގެ ރަސްމީ ބައެއް ކަމުގައި ކަނޑައަޅައި، އެ ގައުމުގެ އަންހެން ފުލުހުންނަށް ބުރުގާ އެޅުމުގެ ހުއްދަ ދީފިއއެވެ.

އެ ގައުމުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް މިކަން ނިންމީ އެގައުމުގެ އަންހެން ފުލުހުންގެ އަދަދު އިތުރު ކުރުމަށް ކަމަށާއި، މި ނިންމުމުގެ ސަބަބުން މީގެ ކުރިން ފުލުހަކަށް ވުމަށް ނުވިސްނާ މުސްލިމް އަންހެނުންގެ ވިސްނުންވެސް ބަދަލުވެގެން ދާނޭ ކަމަށެވެ.

މީގެ ކުރިން ސްކޮޓުލޭންޑުގައި އަންހެން ފުލުހުންނަށް ބުރުގާ އެޅެނީ ފުލުހުންގެ ވަޒީފާ އާއި ގުޅި، ސީނިއާ އޮފިސަރެއްގެ ހުއްދަ އެކަން ކުރުމަށް ލިބުމުންނެވެ. ބައެއް މީހުންނަށް މި ހުއްދަ ނުލިބޭ އިރުގައި އަނެއްބައި މީހުންނަށް ލިބެނީ އެތައް އަހަރެއް ފަހުންނެވެ. އެހެންކަމުން އެ ގައުމުގައި މުސްލިމް ފުލުހުންގެ އަދަދު ވަނީ ވަރަށް މަދުވެފައެވެ.

ނަމަވެސް، މި ނިންމުމާއި އެކު އެ ގައުމުގެ ގިނަ އަދަދެއްގެ މުސްލިމުން ވަނީ މި ނިންމުމަށް މަރުހަބާ ކިޔައި، މިކަމުގެ ސަބަބުން އަންހެން ފުލުހުންގެ އަދަދު އިތުރުވާނޭ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ބުނެފައެވެ.

5 މިލިއަނަށް ވުރެން ގިނަ މީހުން ދިރިއުޅޭ ސްކޮޓުލޭންޑުގައި ދިރިއުޅެނީ ވަރަށް މަދު މުސްލިމުންތަކެކެވެ. ނަމަވެސް މިފަދަ ފުރުސަތުތައް މުސްލިމުންނަށް ފަހިވެގެން ދާ ކަމުގައި ވަނީނަމަ މުސްލިމުންގެ އާބާދީ އެ ގައުމުގައިވެސް އިތުރުވެގެންދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.