އެމެރިކާގެ މަޝްހޫރު އެކްޓަރ، ޒެކް އެފްރޯން އަށް ފުރާނައަށް ނުރައްކާ ވާވަރުގެ ބައްޔެއް ޖެހިއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި އޭނާއަށް މި ހާލަތު މެދުވެރިވެފައި ވަނީ، "ކިލިންގް ޒެކް އެފްރޯން" ނަމަކަށްކިޔާ ޝޯވް އެއްގެ މަސައްކަތް އޭނަ ކުރަމުން ދަނިކޮށް، އޯޝަނިއާގެ ޤައުމެއް ކަމަށްވާ ޕަޕުއަ ނިއުގިނީގައެވެ.

އުމުރުން 32 އަހަރުގެ ޒެކް އެފްރޯން އަށް މި ބަލި ޖެހިފައި ވަނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ވެއެވެ. މިކަމާއި ގުޅިގެން އޭނާ ވަގުތުން އޮސްޓްރޭލިއާގެ ބްރިސްބޭންގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ޒެކް ފަހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އޭނާއަށް ޕަޕުއަ ނިއުގިނީގައި ކުރިމަތިވި ހާލަތުން މިހާރު އަރައިގަނެވިފައިވާ ކަމަށެވެ. އަދި އެކަން ދިމާވުމުން އޭނާ އާއިއެކު ތިބި އެންމެންނަށްވެސް ޝުކުރު އަދާކުރާ ކަމަށް ބުނެފައި ވެއެވެ.

ޒެކްއަށް ވަނީ މި ބަލި ޖެހުމާއި ގުޅިގެން ތިން ހަފްތާ ވަންދެން އެޑްމިޓްކޮށްގެން ފަރުވާދީފައެވެ. ނަމަވެސް އޭނާއަށް ޖެހިފައިވަނީ ކޮން ބައްޔެއް ކަމެއް މީޑީއާގައި ހާމަކޮށްފައެއް ނުވެއެވެ.

ޒެކް މިހާރު ބަލިން ރަނގަޅުވެފައި ވާއިރު، އޭނާ ވަނީ އެނބުރި އެމެރިކާއަށް ގޮސްފައެވެ.

ޒެކްގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރޭގައި "ކިލިންގް ޒެކް އެފްރޯން" ހިމެނޭއިރު، އޭނާ އެންމެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވަނީ ޑިޒްނީގެ "ހައި ސްކޫލް މިއުޒިކަލް" ސީރީޒް އިންނެވެ.