މީހެ ސާޅީހަކަށް އަހަރު ކުރިން ހަނދަށް އިންސާނުން ފޮނުވިފަހުން، ޖައްވުގެ ދުރު ހިސާބަކަށް އިންސާނުން ގެންދިއުމުގެ ގޮތުން ތައްޔާރުކުރާ ބިޔަ ރޮކެޓްގެ މަސައްކަތް ހަޤީޤަތަކަށްވެ ނިމުމަކާއި ގާތަށް އަތުވެފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނެފިއެވެ.

ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް)ގެ ނަމުން ނަންދީފައިވަ މި ރޮކެޓަކީ އިންސާނުން ހަނދަށާއި ދުނިޔެއާއި އިންވެގެން އޮންނަ ގުރަހަ ކަމަށްވާ މިއްރީޚު (މާސް) އަށް ފޮނުވުމަށް އުފައްދާ ރޮކެޓް އެކެވެ. ނަމަވެސް އެ މިޝަންތަކުގައި ބޭނުންކުރާނީ މި ފަރުމާއަށް ތައްޔާރުކުރާ އެހެން ރޮކެޓްތަކެކެވެ.

އިންސާނުން ޖައްވުގެ ދުރު ހިސާބުތަކަށް ފޮނުވުމަށް އުފައްދާ އެސްއެލްއެސްގެ ފުރަތަމަ ރޮކެޓް ފޮނުވުމަށް ހަމަޖެހިފައިވަނީ ހަނދަށެވެ. މި މިޝަން ލޯންޗުކުރުމަށް ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް ފުރަތަމަ ހަނދަށް މި ރޮކެޓް ފޮނުވާއިރު އިންސާނުން ފޮނުވުމަށް ހަމަޖެހިފައެއް ނުވެއެވެ. ނާސާއިން ބުނެފައިވާ ގޮތުގައި މިފަދަ ރޮކެޓެއްގައި އިންސާނުން ހަނދަށް ފޮނުވުމަށް ނިންމާފައި ވަނީ 2024 ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން މިއްރީޚުއަށް އިންސާނުން ފޮނުވުމުގެ މިޝަން ކުރިޔަށްދާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ނާސާއިން އުފައްދާ އެސްއެލްއެސްގެ ފުރަތަމަ އުޅަނދުގެ ފޮޓޯތައް މިހާރު މީޑިއާތަކުން ދައުރުކުރަމުން ދާއިރު، އެ އުޅަނދުގެ އުސްމިނުގައި 212 ފޫޓު ހުރެއެވެ. މި އުޅަނދުގައި ބާރުގަދަ އާރުއެސް-25ގެ ހަތަރު އިންޖީނު ހުންނާނެއެވެ. މި ދެ އިންޖީނު ހިންގުމަށް 2.7 މިލިއަން ލީޓަރުގެ ލިކުއިޑް އޮކްސިޖެން އާއިހައިޑްރޮޖެން ހިމެނޭ ބޮޑު ދެ ޓޭންކު ރޮކެޓުގައި ހުންނާނެއެވެ.

ނާސާއިން ނިންމާފައިވަނީ މީގެ ކުރިން އުފައްދާފައި ނުވާހައި ބިޔަ ބާރުގަދަ އުޅަނދެއް ބޭނުންކޮށްގެން ހަނދާއި މިއްރީޚަށް އިންސާނުން ދަތުރުކޮށް އެތަންތަނުގައި ދިރާސާ ކުރިޔަށްގެންދިއުމަށް ޚާއްސަ ސްޓޭޝަންތަކެއް ޤާއިމްކުރުމަށެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ދުނިޔެއިން ބޭރުގައި އިންސާނުން އާބާދު ކުރުމަކީވެސް ނާސާގެ ވިސްނުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ތިވާހަކަ ޖާހިލު މުއްލާއިންތަކަށް އަޑުއިވޭ ހިސާބުގައި ނުދައްކާތި

    5
    4
  2. ޙަސްން

    40 އަހަރު ކުރިން އިންސާނުން ހަނދަށް ދިޔަނަމަ 2019 ވަނަ އަހަރު ހަނދުގަ ހޮޓާ ތައް އަޅާފަ ހުރީސް މުއްސަނދި މަހުޖަނުންނަށް ، މިހާރު ނާސާއިން ބުނަނީ ހަނދަށް ދާން ބޭނުންކުރި ޓެކްނޮލޮޖީ ނައްތާލާފީމޯ އޭގެ ރެކޯރޑްސްވެސް ނުބަހައްޓާ ... ކަނޑުގެ އަޑީގެ ސިއްރުތައް ނުހޯދޭ އިރު ދެން އެހެން ދުނިޔެއެއް ހޯދޭނޭތަ !

    10
    2
  3. ޢަބްދުއްލަޠީފު

    ޤުރްއާނުގަ އޮވޭ ދެތަނެއްގާ ދިރުން ލެއްވި ވާހަކަ. މަލަކޫތި ޢާލަމާ ސިދުރަތުލްމުންތަހާ ޤަބޫލު ނުކުރާމީހުން ޤުރްއާނުގައި ބަޔާން ވެފައިވާ ދެވަނަތަން ހޯދައިގެން އެތަނަށް ދިރިއުޅުން ބަދަލު ކުރަން ވެގެން މުޅި ކާއިނާތުގަ އަތްފުނާ އެޅީމަ އަހަރުމެންނަކާ ކީކީހެއްޔެވެ. އަހަރުމެން މިދުނިޔޭގަ އުޅެލާފަ ދެވަނަ ދުނިޔޭގައި ހުރި އަހަރުމެންގެ ގެތަކަށް ދާން މިތިބީ ތައްޔާރުވެގެންނެވެ. ޝުކުރިއްޔާ! މަށަކީވެސް ތިޔަބުނާ ކަހަލަ މުއްލާއަކީމު.