މާލީގޮތުން އެހީތެރިވާނެ ބަޔަކު ނެތުމުގެ ސަބަބުން ދެ ކުދިންނާއި އެކު ދަތި ހާލުގައި އުޅެން ޖެހިފައިވާ މައެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.

ވަގުތަށް އެނގިފައިވާ ގޮތުން، ދެކުނުގެ ރަށަކަށް އުފަން 25 އަހަރުގެ އެ އަންހެން މީހާ އުޅެ ބޮޑުވީ އޭނާ ދިރިއުޅުނު ރަށުގެ ގޭގޭގައި މަންމައާއި އެކު މަސައްކަތްކޮށްގެންނެވެ. އެހެންނަމަވެސް އޭނާގެ މަންމައަކީ، އެހީތެރިކަން ބޭނުންވާ މީހަކަށް ވުމާއި އެކު، އެ އަންހެން މީހާގެ މަންމަ ވަނީ ގުރާދޫ އަށް ބަދަލުކޮށްފައެެވެ. އޭގެ ފަހުން އެ އަންހެން މީހާ މާލެ ބަދަލުވެ ޒަވާޖީ ދިރިއުޅުމެއް ފެށީ މާލޭ މީހަކާއި ކައިވެނިކޮށްގެންނެވެ. އެއީ 2013ވަނަ އަހަރުއެވެ.

އެހެންނަމަވެސް އެ ކައިވެނީގައި އޭނާއަށް ވަނީ ގެވެށިއަނިޔާގެ އެތައް ކަމަކާއި ކުރިމަތިލާން ޖެހިފައެވެ. 2017ވަނަ އަހަރުގެ ތެރޭގައި އޭނާގެ ފިރިމީހާ ކައިރިން ވަނީ ވަރިވެފައެވެ. އެހެންނަމަވެސް މާލީ ގޮތުން ތަނަވަސްކަމެއް ނެތުމާއި، އޭނާ ހުންނާނެ އިތުރު ތަނެއް ނެތުމުގެ ސަބަބުން އޭނާގެ ކުރީގެ ފިރިމީހާގެ ގޭގައި މަޑު ކުރަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ.

"ވަރަށް ނިކަމެތިކޮށް ކަންކަން ކުރަނީ. އޭނާގެ އެބަތިބި ދެ ކުދިން. އެންމެ ފުރަތަމަ އިނދެގެން އުޅެނިކޮށް މައްސަލަތައް ރިޕޯޓްކުރީ. އޭރު ކުޑަ ދަރިފުޅަށް ދެ އަހަރު. ދެ ކުދިން އެބަ ތިބި، ވަރި ކުރިތާ މިހާރު ދޮޅު އަހަރުވަރު މިވަނީ. އޭނައަކަށް ނެތް އެގޭގަ ހުރުން ނޫން އެހެން ގޮތެއް. ވަރަށް ކަޑަކޮށް އެމީހުން ކަންކަން ކުރަނީ. ކޯޓުން ލިބޭ ލާރި ނޫން ގޮތެއް އެ ކުދިން ބަލަން ނެތީމަ ކިހިނެއް އެގެއިން ނުކުންނާނީ."

ދެ ކުދިންނާއި އެކު ދާނެ ތަނެއް ނެތިފައި، ހުރި މި އަންހެން މީހާގެ މައްސަލަ ޖެންޑަރ މިނިސްޓްރީއަށާއި، ފުލުހުންގެ އިދާރާއަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިހާތަނަށް އެއްވެސް މުޢައްސަސާއަކުން އޭނާ އަށް އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެއެވެ. ވަގުތަށް މިވާހަކަތައް ކިޔާދިން މީހަކު ބުނީ ދާދި ފަހުންވެސް އެ އަންހެން މީހާއަށް އަނިޔާކޮށްގެން ފުލުހުންނަށް ރިޕޯޓްކުރިކަމަށެވެ. އެހެންނަމަވެސް ފުލުހުން އައުމުން އެ އަންހެން މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް ބުނެ ފުލުހުން ފޮނުވާލީ ކަމަށް ވަގުތަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

" ފުލުހަށް ގުޅީމަ ފުލުހުން އައި. އެއީ ކުރީގެ ފިރިމީހާގެ ފިރިހެން ރައްޓިއްސަކު އެ އަންހެން ކުއްޖާގައިގައި ޖަހަން އުޅެގެން. އައީމަ މިބުނަނީ އޭނަގެ މަންމަވެސް ސިކުނޑީގެ އުނިކަމެއް ހުރެއޭ. އޭނަވެސް އެހެންނޭ، ސިކުނޑީގަ އުނިކަމެއް ހުރެއޭ. ފުލުހުން ނުބަލާ އެ މައްސަލަ ރަނގަަޅަކަށް. އެހެންވީމަ އަސްލު ފިޔަވަޅެއް ނޭޅޭ. އެ މައްސަލަ ޑޮކިއުމެންޓް ކުރަން ދާން ޖެހެނީ. އޭނާއަކަށް ނެތް އެވާހަކަ ދެއްކޭކަށް އަސްލު. އެ ރައްކާތެރިކަމެއް އިހުސާސް ނުވޭ."

މި މައްސަލަ މީސްމީޑިއާގައި ފެންމަތިވުމުން ޖެންޑަރއިން ނުރަސްމީކޮށް، އެ މައްސަލައިގެ މައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށް ވަގުތަށް ވަނީ ކަށަވަރުވެފައެވެ. މިފަދަ މައްސަލަތަކަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދީ ވަނިކޮށް އެ މައްސަލަތައް ގޯސްވެ، މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ސީރިއަސް އަނިޔާތައް ލިބިފައި އެބަހުއްޓެވެ. ގެވެށި އަނިޔާ ލިބޭ މީހުން ރައްކާތެރިކުރުމުގެ ޤާނޫނެއް ވުޖޫދުގައި އޮތް ނަމަވެސް އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ނުލިބި ހިރާސް އޮތް މާހައުލުތަކުގައި އަނިޔާ ލިބޭ ފަރާތްތައް މަޑު ކުރަން ޖެހުމަކީ ރާއްޖޭގައި ދިމާވަމުންދާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަމާ މާލެ

    އަދިވެސް ޖެންޑާ މިނިސްޓަރު ޓީވީ ތަކައް އަރާ ދޮގު މައުލޫމާތު ދޭތި. މިނިސްޓަރު ކަން ނުކުރެވެއްޏާ އިސްތިއުފާ ދީފަ ގޭގަ އޮންނާންވީ.

    45
    3
  2. މަކިނބޫ

    ކަމާ ބެހޭ ފަރާތް ތައް ކަޑައީ.. އޭނަގެ ކުރީގެ ފިރިމީހާ ގޭގަ ކަމާބެހޭ ފަރާތްތަކުން އޭނަ ބަހައްޓައިގެން އެ އުޅެނީ އޭނަ އާ ކުދިން ވަންނާނެ ތަނެއް ދޯ ހޯދައިދޭން ޖެހޭނީ.. އެވަރު ކަމެއް ވެސް ނުވޭ

    35
    1
  3. ސޯލިހު ސަރުކާރު

    ރާއްޖޭގަ ވަރަށް އާންމު ކަމެއް ދެންމީ.. އެމީހަކު ރުޅި އަންނަ ކޮންމެ މީހަކީ ސިކުނޑީގެ ގޮތުން އުނި މީހެއް. އެ ހެޔޮ އެމީހަކު ސިކުނޑީގެ ގޮތުން އުނި ވެގެން އެހެންމީހުންނަށް ޖެއްސުން ކުރިޔަސް އޭނަ ފުލުގަ އޮންނަ އެއްޗެއް ނުފެންނާނެތާ އޭނައަކަށް.

    28
  4. ލޮލީ ކަލޯ

    ﷲ ތިބާ އަށް ދެއްވި ނިއުމަތް ތައް ގުނާ އަދަދު ނުކުރެވެޭހާ ގިނައެވެ ފައިސާ އާ ތަނަވަސްކަމާ ގޯތިގެދޮރެވެ ﷲއަށް ޓަކައި ތިބާ ބޮޑާ ކަމާ ކިބުރުވެރިކަމުގެ ފިޔަ ތިރިކޮށްލާ މިސްކީނަކަށް އެހީނުވާނަން ހެއްޔެވެ އެކަމަކުވެސް ތިދައުވާ ކުރަނީ ތިބާ އަކީ މުސްލިމެއްކަމަށެވެ ހިތާމަހުއްޓެވެ ގައުމުގެ ބޮޑު ބޮޑެތިން ހީ ހީ ފާ މަޖާކޮށް ޕާޓީ ކުރަމުންދާއިރު ގައުމުގެ ޒުވާން އަންހެން ކުއްޖަކު އަމިއްލަ ފުރާނަ އަށް ޓަކައި މަދު ކާއެތި ކޮޅަކަށްޓަކައި ތެޅި ފޮޅެނީ އެވެ ރޭޕިސްތާނާ އެއްފެންވަރަކަށް މިގައުމު ވެއްޓުނަ ނުދޭށެވެ އޯގާތެރި ސަރުކާރު ބީރު ކަންފަތް ޖެހީ ހެއްޔެވެ

    46
    2
  5. Anonymous

    ލާދީނީ ހައްދު ފަހަނަ އެޅި ހަރުކަށި ސަރުކާރުން އަބަދުވެސް ކަންކަން ކުރަނީ މިހެން

    24
    2
  6. އެޑީޝާން

    ހިތާމަ ހުރި ކަމެއް. މައްސަލަ އަކީ ބަރާބަރަށް ޓިކްޓޮކް ކުޅޭތީ.

    15
    2
  7. އާދު

    ތިމިނިސްޓަރަކީ މިއުޅޭ އަނގަވީދޭ ސިދާޗާތަ

    10
  8. ޝާނާ

    ހާލަތައް ހަމްދަރުދީ ވަން. އުޅުން އިސްލާހްވުމަށް ވެސް ގޮވާލަން.