މީސް މީޑިޔާގައި ދަޢުރުވި މި ފޮޓޯ އަށް ބަލަހައްޓައިގެން އެތައް އިރަކު އިންނަން ޖެހުނީ، މިއީ ކޮންރަށެއްގެ، ކާކުގެ ހުނަރުވެރިކަމެއްތޯ ސުވާލު އުފެދޭތީއެވެ. މި ވާހަކަ އެހާ ބޮޑަށް ދައްކަން މި ބޭނުންވީ، 12 އަހަރުގެ ކުޑަ ދެ ފިރިހެން ކުދިންގެ ހުނަރުވެރިކަން ތަފާތު ގޮތަކަށް ދައްކުވައިދީފައި ވާތީއެވެ.
ނ.މަނަދޫ ގަނދަކޯޅިމާގެ، ޙުސައިން އިޔާދު (12)، އާއި، އެރަށު ރޯޝަނީގެ ޙަސަން ނާހިލް (12)، އަކީ ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 7 ގައި މިއަހަރު ކިޔެވުމަށް ހަމަޖެހިފައިވާ ދެ ކުދިންނެވެ. އިޔާދު ދިރިއުޅޭ ގޭގެ ސިޑިއެއްގެ ކައިރި ހުރި ފިލާގަނޑެއްގައި، ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތަކެއް ކުރަހާފައިވާ ތިން ކުރެހުމުގެ ޚިޔާލު އެ ކުދިންގެ ސިނކުޑީގައި ތަރައްޤީ ކުރި ގޮތް "ވަގުތު" އަށް ވަނީ ކިޔައިދީފައެވެ.
"ވަރަށް ކުރިން ފެށިގެން އަޅުގަނޑުގެ ޝައުޤުވެރިކަން ހުރޭ ކުރެހުމަށް. ބޮޑަށް ޑިޒައިން ކުރުމަށް ޝަޢުޤު ހުންނަނީ. މީގެ ހަފްތާއެއް ހާ ދުވަސް ކުރިން މި ރަށު އެކުވެރި ކުލަބުން ހިންގި ކުރަހަން ދަސްކޮށްދޭ ކޯހެއް. އެ ކޯހުގަ އަޅުގަނޑު ބައިވެރިވިން. އެއީ 5 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ކޯހެއް. އެ ކޯހުގަ ކިޔަވައިދެއްވަން ދުރުވީ މިތާ ކައިރި ރިސޯޓެއްގަ އުޅޭ ދެ މީހުން. އެ ކޯހުން އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ދަސްވި. ބޮޑަށް ރާއްޖޭގެ ނޭޗާރ އާއި ގުޅޭ ކުރެހުންތައް ކުރަހަން ދަސްވި." "ވަގުތު" އަށް އެ ވާހަކަތައް އިޔާދު ޙިއްސާ ކުރިއެވެ.
އިޔާދުގެ ވާހަކައިގައި ފާހަގަ ކުރި ރިސޯޓަކީ، "ރޮބިންސަން ކުލަބް ނޫނު" އެވެ. ކޯސް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވި، ޒަރީރު އާއި ޢަބްދުﷲ ވަނީ އެ ފަސް ދުވަހުގެ ތެރޭގައި ކިތަންމެ ރަނގަޅަކަށްވެސް އެ ކޯހުގައި ބައިވެރިވި ކުދިން، އެ ދާއިރާ އަށް ނެރެދީފައެވެ.
"އަޅުގަނޑު އަބަދުވެސް ބޭނުންވޭ މި ދާއިރާ އިން ކުރިއަށްދާން. ޤައުމީ ފެންވަރުގެ މުބާރާތް ތަކުގަ ބައިވެރިވާން. ޒަރީރް ސަރ އަށާއި، ޢަބްދުﷲ ސަރ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުގެ ހުންނާނެ ދައްތަ އެއް، އަޅުގަނޑަށް ވަރަށް ހެލްޕު ކުރާ. މަންމަގެ ފަރާތުންވެސް ވަރަށް ސަޕޯޓް ލިބޭ. ބޮޑަށް ފަތުރުވެރިކަމާއި ގުޅޭ ކުރެހުންތައް ކުރަހަން ބޭނުންވަނީ." އިޔާދު އޭނާގެ އެ ހުނަރުގެ ވާހަކަ ދިޔައިދިނެވެ.
އެ ކުރެހުން އިޔާދު ދިރިއުޅޭ ގޭގެ ސިޑިކައިރީގައި ހުރި ފިލާގަނޑެއްގައި ކުރަހަން ޚިޔާލު އައި ގޮތްވެސް އެނާ ވަނީ ކިޔައިދީފައެވެ.
"ގެއަށް ވަންނަ އެންމެންނަށްވެސް އެންމެ ފުރަތަމަ އެ ފިލާގަނޑު ފެންނާނެ. ވަރަށް ހަޑިކޮށް އެ ފިލާގަނޑު ހުރީ. ދެން ކޮއްކޮ މެންނާއި އެކު ފޮޓޯ ނަގާލަންވެސް ފަސޭހަ ވާނީ އެ ފިލާގަނޑު ރީތިކޮށްލީމައޭ ހިތަށް އެރީ. މެންދުރު ނަމާދު ބަންގިގޮވުމުގެ ކުރިން އެ މަސައްކަތް ފެށިން. ދެން މެންދުރު ނަމާދަށް މަޑުކޮށްލާފަ، ނަމާދު ކޮށްގެން އަނެއްކާ ފެށީ. އިރުއޮއްސެން ވާއިރަށް ނިިމިއްޖެ. އެ ކުރެހުން ބަލާލަން އާއިލާގެ ގިނަ މީހުން ގެއަށްވެސް އައި. ކުރަހަން އަޅުގަނޑާއި އެކު އުޅުނު ނާހިލް އަކީ ވެސް އާއިލާގެ ކުއްޖެއް." އިޔާދު ބުންޏެވެ.
މި ކުދިންގެ މި ހުނަރު ވެރިކަމުގެ އެހީގައި، މި ރާއްޖޭގައި ފުޅާވަމުން މި އަންނަ ފަތުރުވެރިކަމުގެ ދާއިރާ މުޅިން އެހެން މިސްރާބަކަށް ގެންދެވިދާނެ އެވެ. ރަށްރަށުގައި ގެސްޓް ހައުސްތަކުގެ ވިޔަފާރި ތަރައްޤީ ވަމުން އަންނަ އިރު، އެ ގޭގޭގެ ސިޓިން ރޫމާއި ހަމައަށް ފަތުރުވެރިން އަންނަ މަޖުބޫރު ކުރެވިދާނެ އެވެ. އެފަދަ ހިތްގައިމު ކުރެހުންތަކާއި، ކުދިންގެ ހުނަރު ބަލާލަން ބޭނުންވާ އެތައް ފަތުރުވެރިންނެއް ކޮންމެ ދުވަހަކު ރާއްޖެ އެބަ އާދެއެވެ. އެ ކުރެހުމަށް އެ ކުދިން ބޭނުން އަގެއް ދީ، އެ ކުރެހުން ހިފައިގެން ދާނެ އެތައް މަހުޖަނުންނެއް މި ރާއްޖޭގެ ރީތިކަން ބަލާލަން އައިސް އެބަ ތިއްބެވެ. މި ދެ ކުދިންގެ ހުނަރުވެރިކަމާއި އެކު، ނ.އަތޮޅުގެ ޓުއަރިޒަމް އެހެން ހަރުފަތަކަށް ގެންދެވިދާނެ އެވެ. މިއީ އަންނަން އޮތް ޒުުވާން ޖީލް މި ޤައުމުގެ ފަތުރުވެރިކަމުގެ މުސްތަޤުބަލާއި ހަވާލުވާން ތައްޔާރަށް ތިބިކަން ދައްކުވައިދޭ ވަރަށް ފުރިހަމަ، ރީތި ކުރެހުމެކެވެ.
މާޝާﷲ. ވ. ރީތި ކުރެހުންތައް.
ކުރިމަގުގައި ކާމިޔާބަށް އެދެން
އެއީ ނ. އަތޮޅު މަދަރުސާގެ ދެދަރިވަރުން. އެގޭތޯ
އިނގޭ