ޖައްވަށް ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަތުރުވެރިން، އަދި ހަނީމޫނަށްދާ ފަރާތްތަކަށް ޚާއްސަކޮށްގެން، ޖައްވުގައި އެންމެ ޒަމާނީ ހޮޓަލެއް ޤާއިމް ކުރުމަށް އެމެރިކާގެ ކުންފުންޏަކުން ތައްޔާރުވާން ފަށައިފިއެވެ.

އެމެރިކާގެ އޮރިއަން ސްޕޭން ކުންފުނިން މި މަޝްރޫޢުގެ މަސައްކަތަށް މިހާރު ތައްޔާރުވަމުންދާއިރު، 2021 ވަނަ އަހަރު ހޮޓަލުގެ މަސައްކަތް ނިމި ބޭނުން ކުރުމަށް ފެށޭވަރުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުގައި ނާސާގެ ޖައްވީ އިދާރާގޮތަށް ފަރުމާކުރާ މި ލަގްޒަރީ ހޮޓަލުގައި 12 ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބޭއިރު، ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ފެންވަރު ރަނގަޅު ހޮޓެލްތަކުން ލިބޭ ހުރިހައި ހިދުމަތެއް ލިބޭނެއެވެ.

އޮރިއަން ސްޕޭންއިން ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުގައި ޤާއިމްކުރާ މި ބޮޑު ހޮޓަލުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އޮރިއަން ސްޕޭން ކުންފުނިން ވަނީ ރިޒަވޭޝަން ހެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރިޒަވޭޝަން ހެއްދުމަށް އެދޭ ފަރާތްތަކުން 80 ހާސް އެމެރިކާ ޑޮލަރުގެ އެޑްވާންސެއް ދޭން ޖެހޭއިރު، 12 ދުވަހުގެ މި ދަތުރަށް ކަނޑައަޅާފައިވާ ޖުމްލަ އަގަކީ 9.5 މިލިއަން އެމެރިކާ ޑޮލަރެވެ.

ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުގައި، ބިމާއި 322 ކިލޯމީޓަރު ދުރުގައިވާ، ދެމީހުންގެ ޖާގައިގެ މި ހޮޓަލަކީ ހަނީމޫނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުވާ ހޮޓަލަކަށްވާއިރު، އެތަނުން އިންޓަނެޓުގެ ޚިދުމަތްވެސް ލިބޭނެ ކަމަށް އޮރިއަން ސްޕޭން އިން ބުނެފައިވއެވެ.