ފިލްމީ ދާއިރާއިން ވަކި ވަރަކަށް ކުރިއެރުން ލިބުމުން، ގިނަ ބޮލީވުޑް ތަރިން މިސްރާބު ޖަހަނީ "ޕްރޮޑަކްޝަން" ގެ ދާއިރާއަށެވެ. އެކްޓުކުރުމުން މުޅިން އަތް ވީއްލާނުލި ކަމުގައިވެސް އެކްޓްރެއް ނުވަތަ އެކްޓްރެސް އެއްގެ ގޮތުގައި ފެނުމަށްވުރެ ދެން އެ ފަދަ ފަރާތްތައް ފެނުން ގާތީ ޕްރޮޑިއުސަރެއްގެ ގޮތުގައެވެ.

މިފަދަ އެއް ފަންނާނަކަށް ވެގެންދާނީ ބޮލީވުޑްގައި ވިދާލި ރަންތަރި ދިޕިކާ ޕަދުކޯނެވެ. އެކްޓްކުރުމުގެ ދާއިރާގައި ފައިތިލަ ސާބިތުކޮށް އޭނާ މިހާރު މިވަނީ ޕްރޮޑަކްޝަންގެ ދާއިރާއަށް މިސްރާބު ޖަހާފައިކަމަށް ފަހުގެ ޚަބަރުތައް ބުނެއެވެ.

"އަހަރެން މިހާރު ބޭނުންވަނީ ޕްރޮޑިއުސަރަކަށްވާން. އެ ޤާބިލުކަން ހުރިކަމަށްވެސް ޤަބޫލުކުރަން. އަހަރެން އަބަދުވެސް ކަންތައްތައް ރާވާ ހިންގާ އޯގަނައިޒްކޮށް ހަދާ ހިތްވޭ" މީޑިއާއަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ބުނެފައިވެއެވެ.

އާންމުންނަށް ދިޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަންޖޭ ލީލާ ޑައިރެކްޓްކޮށް ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދައިފައިވާ ފިލްމު "ޕަދުމާވާތް" އިންނެވެ. އޭގެ ފަހުން ވެސް ދިޕިކާ ފިލްމެއްގެ މަސައްކަތް ކުރުމަށް އެއްބަސް ވެފައިވީ ނަމަވެސް، އޭނާއާއި އެކު ފިލްމުގެ ރޯލަކުން ފެނިގެންދާ އިރުފާން ޚާންގެ ސިއްހީ ހާލަތު ހުރިގޮތުން އެ ފިލްމުގެ މަސައްކަތް ވަނީ ފަސްކޮށްފައެވެ.

ދިޕިކާ އިތުރަށް ބުނެފައިވަނީ، އެއްގޮތަކަށްވެސް އޭނާ ޕްރޮޑިއުސަރަކަށްވާން މި އުޅެނީ ލިބޭ ފައިސާއަށް ބަލާފައި ނޫން ކަމަށާއި ޕްރޮޑިއުސް ކުރުމަކީ އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް ކަމުގައެވެ.