ރުޅިއަކީ ކޮންމެ މީހެއްގެވެސް ފިތުރަތުގައިލައްވާފައިވާ ކަމެކެވެ. ނަމަވެސް އެ ރުޅި މައިތިރިކޮށް ނުވަތަ ކޮންޓްރޯލް ކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ އިޚްތިޔާރެކެވެ. ގަދައަށް ރުޅި އަންނަ މީހުންނަކީ ރުޅި ކޮންޓްރޯލް ކުރުމުގެ މާބޮޑު ވިސްނުމެއް ގެންގުޅޭ ބަޔަކަށް ނުވާއިރު، އެ ރުޅީގެ ސަބަބުން ފަހުން ހިތާމަކުރަން ޖެހޭ ފަހަރުވެސް އާދެއެވެ.

އެހެންކަމުން ރުޅި މަޑުކޮށް ކޮންޓްރޯލް ކުރުމަށް އެދޭނަމަ، ކުރަންވީ ކަންކަން ދަތުމަކީ މުޙިންމު ކަމެކެވެ. ތިރީގައި މި ހިމަނައިލަނީ މާ ރުޅި ގަދަވާނަމަ އެކަން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

އަޢޫޛުގެ ކަލިމަ ކިއުން: ރުޅި އައުމުން އެންމެ ފުރަތަމަ އެކަން ކޮންޓްރޯލް ކުރުމަށް އަޢޫޛު ކިޔަން އާދަކުރަންވާނެއެވެ. އަދި މާބޮޑަށް ރުޅި ގަދަވާނަމަ ވުޟޫ ކުރުމަށް އަވަސްވެގަތުން ބުއްދިވެރިއެވެ. ދީނުގައި ރުޅި މަޑުކުރުމަށް ނުހަނު ބޮޑަށް ބާރުއަޅާއިރު، މި ދެކަމަކީ ރުޅީގެ ފުރަތަމަ ފަރުވާކަމުގައި ދެކެންވާނެއެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުން: ދުޅަހެޔޮ ސިއްޙަތެއްގައި ނެތުމަކީ އޭގެ ސަބަބުން އެކިއެކި ގެއްލުން ލިބުމަށް މަގުފަހިވާނޭ ކަމަކަށް ނޫނީ ނުވާނެއެވެ. ނަމަވެސް ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ބޭއިޚްތިޔާރުގައި ރުޅި ގަދަވުމަކީ ދުރުކަމެކެވެ. އެފަދަ ފަރާތްތަކަށް ރުޅި ގަދަވާން ފެށުމުން ހިތުގެ ވިންދު އަވަސްވެ މޫޑު ބަދަލުވާކަމުގެ އިހުސާސް ކުރެވޭނެއެވެ. އެހެންކަމުން ރުޅި ކޮންޓްރޯލް ކުރުމަށް އެފަދަ ފަރާތްތަކަށް ފަސޭހަވެއެވެ.

ފުން ނޭވާއެއް ލުން: ރުޅި ގަދަވެފައިވާ ކަމުގެ އިހުސާސް ކުރެވުމުން އެންމެ ފުރަތަމަވެސް ހަމަޖެހިލުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އެއަށްފަހު ފުން ނޭވާއެއްލައި މީހާގެ ހާސްކަން ފިލުވައިލެވޭތޯ ބަލަންވާނެއެވެ. މިކަމުގެ ސަބަބުން މީހާގެ ރުޅި މަޑުވެ ޚިޔާލަށް އެކި ކަންކަން ގެނެސް މޫޑު ރަނގަޅުކޮށްދޭނެއެވެ.

ރުޅި ގަދަވާ އިހުސާސްތައް ސިއްރުކޮށްފައި ނުބެހެއްޓުން: ތިމާގެ އިހުސާސްތައް އެހެން މީހަކާއި ޙިއްސާ ކުރުމުގެ އެންމެ މުޙިންމު އެއް ބޭނުމަކީ މިއީއެވެ. ކަމެއްގައި ތިމާގެ ވިސްނުން އެންމެ ރަނގަޅު ނުވެދާނެއެވެ. އެހެނަސް އެހެން މީހަކާއި އެކަން ޙިއްސާކޮށް މަޝްވަރާ ކުރުމުގެ ތިމާއަށް ކުރިމަތިވާ ޕްރެޝަރަށް ލުޔެއް އާދެއެވެ. މިކަމުން ރުޅި އިސް ކުރުމަށް ފުރުސަތު ކުޑަވެއެވެ.

ފަހަށް ވިސްނުން: ރުޅި ގަދަވުމުން ބައެއް ޙާލަތުތަކުގައި ނޭދެވޭ ކަންތައްތައްވެސް ކުރެވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ފަހުން ހިތާމަކުރަން ޖެހޭއިރު، ރުޅި އަންނަ ހިނދު އެ ރުޅިގެ ސަބަބުން ފަހުން ކުރިމަތިލާން ޖެހިދާނޭ ކަންކަމާއި މެދު ވިސްނާލުމަކީ ރުޅި ކޮންޓްރޯލް ކުރުމަށް ލިބޭ އެހީއެކެވެ.

ރުޅީގެ އަސްލު ދެނެގަތުން: ގިނަ ފަހަރަށް ރުޅި އިސސްކުރެވެނީ ދިމާވަ ކުޑަ ކަމަކާއި ގުޅިގެންނެވެ. ނަމަވެސް އެހެން ކަންކަމާއިވެސް އެކަން ގުޅުވި އިތުރަށް މައްސަލަ ހޫނުވާން މެދުވެރިވެއެވެ. އެހެންކަމުން ރުޅި އަންނަން ޖެހުނު ސަބަބު ވިސްނައި އެކަން ޙައްލުކޮށް، ނިންމުމަކީ ރުޅި ގަދަވުމުގެ ކުރިން ހަނދާނުގައި ބަހައްޓަންޖެހޭ ކަމެކެވެ.

ރުޅި އައުމަކީ ކުށެއް ނޫނެވެ. މަތީގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ރުޅި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންކަން ހުންނާނެއެވެ. އެފަދަ ވަގުތުތަކުގައި ވިސްނުންތޫނު ކަމާއި އެކު ޢަމަލު ކުރުމަކީ ހަރުދަނާ މީހުންގެ ސިފައެކެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ރުޅީގެ ސަބަބުން ފަހުން ހިތާމަކުރާންޖެހޭ ފަދަ ކަމެއް ނުކުރުމެވެ.