ބައެއް ފަހަރު ރައްޓެހިވެގެން އުޅޭ ދެ މީހުން މައްސަލަ ޖެހިގެން ދަނީ އެކަކު އަނެކަކު ގޮވައިގެން ބޭރަށް ނުދެވިގެންނެވެ. މި ދެންނެވީ ޑޭޓް ނައިޓް ތަކަށް ނުދެވިގެންނެވެ. ގިނަ ފަހަރު ފިރިހެން ކުއްޖާއަށް އަންހެން ކުއްޖާ ގޮވައިގެން ބޭރަށް ނުދެވެނޭ އަތުގައި ފައިސާ ނެތިގެންކަންވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އެހެން ނަމަވެސް އެއީ މައްސަލައެއް ކަމަށް ނުބަލައި މިކަންކަން ކޮށްލުމުން ދެމީހުންގެ ދެމެދުގައި އޮންނަ ލޯބި އިތުރުވެގެން ދާނެއެވެ.

އާއްމު ގޮތެއްގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ދެމީހުން ދެމީހުންނަށް ވަގުތު ނުދެވުމެވެ. އެކަކު ވަޒީފާގައި އުޅެފައި ނިންމާލާ ގަޑީގައިވެސް އަނެކަކު ވަޒީފާ ނުނިމެއެވެ. މިގޮތަށް ކަން ހިނގުމުން ދެމީހުން ދިމާ ނުވެ ދެއެވެ. އޭގެ ފަހުން ވަރަށް ގިނަ މައްސަލަތައްވެސް ދިމާވެއެވެ. މިކަހަލަ ކަންކަން ދިމާވުމުން ކުރަން ޖެހޭ އެއް ކަމަކީ ދެމީހުން އޮފް ވާ ދުވަހެއްގައި ކުރީބާގައި މަޝްވަރާތައް ކޮށް، ރެސްޓޯރެންޓުތަކަށް ނުގޮސްވެސް ދިމާ ކުރާނެ ގޮތްތައް ނިންމުމެވެ.

މީގެ ތެރޭގައި ދެމީހުން އެންމެ ބަލާ ހިތްވާ ފިލްމް ނުވަތަ ޓީވީ ޝޯއެއްވެސް ބެލިދާނެއެވެ. ބައެއް ފަހަރު އެކި ފަރާތްތަކަށް ކަމުދަނީ ބިރުވެރި ފިލްމު ތަކެވެ. އަނެއް ބައި ފަރާތްތަކަށް ރަނގަޅު ވަނީ ލޯބީގެ ފިލްމު ތަކެވެ. ދެ ލޯބިވެރިންގެ މެދުގައި މިފަދަ ތަފާތުވުމެއް ހުރެއްޖެނަމަ، މަޝްވަރާ ކޮށްގެން މިކަންވެސް ކުރުން ބުއްދިވެރިވާނެއެވެ.

ދެމީހުން އެކީގައި ކެއްކުންވެސް އެއީ ދެ މީހުންނަށް އެކުގައި މަޖާ ކުރުމަށް އިތުރުވެގެންދާނެ ވަގުތުތަކެއް ލިބިގެންދާނެ ކަމެކެވެ. ކެއްކުމުގެ ކުރިންވެސް ދެމީހުން ވާހަކަ ދައްކައި ކައްކަން އެވަގުތު އެންމެ ރަނގަޅީ ކޯއްޗެއްތޯ ބަލައި އަރައިރުން ނުވާނެ ގޮތަކަށް ކަން ކުރުމުން ދެމީހުން އެކަކު އަނެކަކު ދެކެ ވާލޯބި އިތުރުވެގެން ދާނެއެވެ.

މީގެ އިތުރުންވެސް ދެމީހުންގެ މާޒީވި ދުވަސް ތަކުގެ ވާހަކަ ކުޑަކޮށް ދައްކައި އެކުގައި ދެމީހުންނަށް ހަޔާތެއް ބިނާ ކުރުމަށް ކުރުވެން ހުރި ކަންކަމުގެ ވާހަކަ ދެއްކުންވެސް މުހިންމެވެ. މިފަދަ ކަންކަމަކީ އާއްމު ގޮތެއްގައި ގިނަ ބަޔަކު ރެސްޓޯރެންޓްތަކަށް ގޮސް ދައްކާ ވާހަކައެވެ. މިގޮތަށް ބޭރަށް ގޮސް މި ވާހަކަ ދައްކާއިރު ބައެއް ފަހަރު އަންހެން ކުއްޖާ ނުވަތަ ފިރިހެން މީހާ، އެ ހުރި ތަނެއްގައި ހުރެ ރުޅިއައިސްގެން އެކަކު އަނެކަކު ދޫކޮށްދާ ހިސާބައް ދެއެވެ. އެހެންކަމުން މިއީވެސް ވިސްނާލަން ޖެހޭ ކަމެކެވެ. ލޯތްބަކީ ބުރުވާލާ ފައިސާތަކެއް ނޫންކަންވެސް ހަނދާން ކުރަން ޖެހޭނެއެވެ.