2019 ވަނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބްރަހަމަސްތުރާ" ފިލްމުގެ މަންޒަރުތައް ނެގުމަށް، ބޮލީވުޑުގެ މަޝްހޫރު އެކްޓަރު، ރަންބީރު ކަޕޫރުގެ ބަރުދަން ލުއިކޮށް، ހިކެން މަސައްކަތް ކުރަމުންދާކަމަށް ނޫސްތަކުން ބުނެފިއެވެ.

"ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފައިވާ ގޮތުގައި ފިލްމުގެ މަންޒަރުތައް ނެގުމަށް އޭނާ ހިކެން މަޖުބޫރުވިކަމުގައިވިޔަސް، ހިކެން އޭނާ ބޭނުމެއް ނުވެއެވެ.

ހިކުމަށް ވަރުގަދަ ކަސްރަތު ޕްރޮގުރާމުތަކެއް، ރަންބީރު އަށް ހިންގަމުންދާއިރު ވަރަށް ހަރުކަށި ޑައިޓު ޕްލޭނެއްވެސް އޭނާއަށް ވަކިން ހަދާފައިވާކަމަށް އެނޫހުން ބުނެފައިވެއެވެ.

އެކްޝަން މަންޒަރުތަކެއް ހިމެނޭ މި ފިލްމަށް، އިންޑިޔާ އަށް ޚާއްޞަ ބައެއް ބާވަތްތަކުގެ މާޝަލް އާޓްސްވެސް ރަންބީރު ދަސްކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އޭނާ ދަސްކުރަމުންދަނީ ކަލަރިޕަޔައްތޫ އަދި ވަރުމާ ކަލާއީ ބާވަތުގެ މާޝަލް އާޓްސް އެވެ.

މި ފިލްމުގައި ރަންބީރާއެކު ދެން ލީޑު ރޯލުން ފެނިގެންދާނީ އާލިޔާ ބަޓް އެވެ. ފިލްމުގައި އާލިޔާގެ އެކްޝަން މަންޒަރުތަކެއް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ، ފިލްމުގައި އެފަދަ ދެވަނަ އެއް ނެތް އަމީތާބު ބައްޗަން އާއި ކުރިން ޓީވީ ސިލްސިލާތަކުގައި ހަރަކާތްތެރިވި މޯނީ ރޯއީވެސް ފެނިގެންދާނެއެވެ.

މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ނިންމާފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.