ފަތަން ނޭންގޭތީ މޫދަށް ނޭރުމަކީ ބައެއް މީހުން ދައްކާ އުޒުރެކެވެ. ގެބިދާނެކަމަށް ބުނެ ވަށައިގެން އޮންނަ މޫދަށް ނެރޭ މީހުންވެސް ރާއްޖޭގައި މަދެއް ނޫނެވެ.

އެހެންނަމަވެސް ކިންގްލީ ނަމަކަށް ކިޔާ މިގަޑިން މިވާހަކަތަށް މުޅިން ބަދަލުކޮށްލައިފިއެވެ.

ކިންގްލީއަކީ ގަޑިއެއްގެ ސިފައިގައި އޮތް އެއްޗަކަށް ވީނަމަވެސް، މިއީ އާދަޔާ ޚިލާފު އެއްޗެކެވެ. އަދި ތިމާ މީހެއްގެ ނުވަތަ އެއްޗެއްގެ އެހީއަށް އެންމެ ބޮޑަށް ބޭނުންވާ ވަގުތު އެންމެ ބޮޑު އެހީތެރިކަމެއް ދޭނެ އެކައްޗެވެ. މިއީ ތިމާ ގެބެމުންދާ ވަގުތު، ތިމާއަށް އެހީތެރި ވެދޭނެ އާލާތެކެވެ.

އާދައިގެ ގަޑިއެއްގެ ސިފައިގައި އޮތްކަމަކު މިއީ ފިސާރި ކުޅަދާނަ އެއްޗެކެވެ. ގެބެމުންދާ ވަގުތު މިގަޑީގައި ހުންނަ ފިތަކަށް ފިއްތާލުމުން އިސާހިޔަކު ބޮޑު ހަމެއް ކަހަލަ ވައިޖެހިގެން އެއްޗެއް މިގަނޑިތެރެއިން ނިކުމެއެވެ. އަދި ތިމާ ލޮނުން މައްޗަށް އުފުލާލަދެއެވެ.

ކާބޮންޑައި އޮކްސައިޑް ކުޑަ ސިލިންޑަރ އެއްގެ އެހީގައި މަސައްކަތްކުރާ މިއާލާތް އެއްފަހަރު ބޭނުން ކުރުމަށްފަހު ސިލިންޑަރ އާކޮށްލުމުން ދެވަނަ ފަހަރަށްވެސް ބޭނުންކޮށްލެވެއެވެ.

ކިންގްލީ އުފެއްދި ފަރާތުން މައުލޫމާތު ދޭ ގޮތުގައި މި ގަޑިން ނިކުންނަ ހަމެއް ކަހަލަ އެއްޗެއްގެ އެހީގައި 275 ޕައުންޑްގެ މީހެއްވެސް ލޮނުން މައްޗަށް ހިއްލާލަދޭނެއެވެ. އަދި މި ހަމެއް ކަހަލަ އެއްޗަކީ އޮރެންޖް ކުރަލައިގެ އެއްޗަކަށް ވުމުން ތިމާ ގެއްލިއްޖެ ހާލަތެއްގައި، ހޯދަން އަންނަ ފަރާތްތަކަށް ތިމާ ހޯދަން ފަސޭހަ ވާނެ ކަމަށްވެސް ކިންގްލީ އުފެއްދި ފަރާތުން ބުނެއެވެ.

ކުޑަކުދިންނާއި އަދި ބޮޑެތި މީހުންނަށްވެސް އެޅޭ ގޮތަށް އުފައްދާފައިވާ މިއާލާތަކީ ފަތަން ނޭންގޭ އަދި އިނގޭ މީހެއްގެ އަތުގައިވެސް މޫދަށް ދާއިރު، ސަލާމަތަށް ޓަކައި އޮންނަން ޖެހޭނެ އެއްޗެއް ކަމަށް ޤަބޫލު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޫގުލާ

    ކީއްކުރަން އަޅާ ގަޑިއެއް؟ ލައިފްޖެކެޓްއެއް މާ ރަނގަޅުވާނެ ތިޔައްވުރެ.. އެއީ އެ އަގު ހެޔޮވެސް ވާނެ.. ތި ބަޓަނައް ފިތޭ ކަމަށްކަށް ނުވާނެ ފެތޭ މީހަކު..