ފޮޓޯ އިން އެ ފެންނަނީ ޓޮޕް މޮޑެލް އެއް ކަމަށް އެ ފޮޓޯ އަށް ބަލައިލާ މީހުންނަށް ހީވެދާނެއެވެ. ނަމަވެސް އެއީ އެކަހަލަ އެއްވެސް ކަމެއް ކުރާ ފަރާތެއް ނޫނެވެ. އެއީ ފިންލޭންޑަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ހަގު ބޮޑުވަޒީރެވެ.

އުމުރުން އެންމެ 34 އަހަރުގެ ސެނާ މެރިންގެ ފޮޓޯތައް މިދިޔަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައުރުވަމުން އަންނައިރު، އޭނާގެ ފޮޓޯތައް ފެނުމުން ގިނަ ބަޔަކަށް އެންމެ ފުރަތަމަ ހީވެފައި އޮތީ އެއީ ކޮންމެވެެސް މޮޑެލް އެއް ނުވަތަ ފިލްމީ ތަރިއެއް ކަމަށެވެ. ނަމަވެސް، މިހާރު ސެނާގެ ހަގީގަތާއި އޭނާ އަކީ ކާކުކަން ގިނަ ބަޔަކަށް ވަނީ އެނގެން ފަށާފައެވެ.

ސެނާ

މީގެ ކުރިން ފިހާރައެއްގެ ސޭޓުކަންވެސް ކޮށްފައިވާ ސެނާ ސިޔާސީ ދާއިރާ އަށް ނިކުމެފައި ވަނީ އޭނާގެ 20ގެ އަހަރުތަކުގެ ތެރޭގައެވެ. އޭރު ސެނާ ސިޔާސީ ދާއިރާ އަށް ނިކުތުމަށް ބޭނުންވި އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔޭގެ ވެރިން ތިމާވެށި ރައްކާތެރި ކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅުއްވަމުން ނުގެންދަވާތީ ކަމަށް ސެނާ ވަނީ ވިދާޅުވެފައެވެ.

ހެލްސިންކީ އަށް އުފަން ސެނާ 2017ވަނަ އަހަރު އެޑްމިނިސްޓްރޭޓިވް ސައިންސެސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލް ކޮށްފައިވާއިރު އެކަމަނާ ވަނީ މީގެ ކުރިން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކޮށް، ވެރިކަމާއި ހަވާލުވުމާއި ހަމައަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ސެނާ

ސެނާގެ ފޮޓޯތައް ފެނިފައި އެތައް ބަޔަކު އޭނާ ރީތިކަމަށް ބުނެ ސެނާގެ ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ކުރަމުން ސެނާ ދެކެ "ފުރަތަމަ ނަޒަރުން ލޯބި ވެވިއްޖެ" އޭ ބުނެ މިފަދަ އެއްޗެހި ބުނަމުން ގެންދިޔަ ނަމަވެސް ހަގީގަތުގައި ސެނާ އުޅެނީ ޒަވާޖީ ހަޔާތެއް ފަށައިގެންނެވެ. އަދި އޭނާގެ ކައިވެންޏަށް ދަރިއަކުވެސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ސެނާ އާއި ގުޅުވައިގެން މިފަދަ ވާހަކަތައް ދެއްކުން އެހައި ރަނގަޅެއް ނޫނެވެ.

ސެނާ އަކީ ފިންލޭންޑުގެ ތާރީޙުގައިވެސް އެ ގައުމުގެ ވެރިކަމާއި ހަވާލުވި އެންމެ ހަގު ބޮޑުވަޒީރު ކަމުގައި ވާއިރު، އެކަމަނާ އަކީ މިވަގުތު ދުނިޔޭގައިވެސް ހުރި އެންމެ ހަގު ބޮޑުވަޒީރުކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު ވެރިކަމާއި ހަވާލުވިތާ އެންމެ ދެދުވަސް ފަހުން އޮތް ޔޫރޮޕިއަން ޔޫނިއަންގެ ސަމިޓުގައި ސެނާ ވަނީ ބައިވެރިވެ، އޭނާ އަކީ ސިޔާސީ ދާއިރާ އަށް އައު މީހެއް ނޫންކަން ޔޫރޮޕްގެ ވެރިންނަށް ސާބިތު ކޮށްދީފައެވެ.

ސެނާ

ސެނާގެ މިނިސްޓަރުންގެ ކެބިނެޓުގައި ޖުމްލަ 19 މިނިސްޓަރަކު ހިމެނޭއިރު، އޭގެ ތެރެއިން 13 މީހުންނަކީ އަންހެން ކަނބަލުންކަން ފާޙަގަކޮށްލެވެއެވެ.