އޮސްޓްރޭލިއާ އަކީ އެކި ވައްތަރުތަކުގެ ޖަނަވާރުން ދިރިއުޅޭ ގައުމެކެވެ. އެގައުމުގައި ޖަނަވާރުން ހިމާޔަތްކޮށްގެން ރައްކާތެރިކޮށް ބެލެހެއްޓުމަށް އެކަމަށް ޚާއްސަ މިނިސްޓްރީއެއްވެސް އޮވެއެވެ. ނަމަވެސް ބައެއް ފަހަރު ފާމު ތަކުގައި ގެންގުޅޭ ޖަނަވާރުންނަށް އެކަށީގެންވާ ވަރަށް އަޅާލުން ނުދެވި ހިތާމަވެރި ހާދިސާތައް ދިމާވެއެވެ. އެފަދަ ކޭސްތަކުގައި ޖަނަވާރުންނާ މެދު އިހުމާލުވާ ފަރާތްތަކާމެދު އެގައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅައެވެ.

އެގޮތުން މިއީވެސް އެފަދަ ހާދިސާ އެކެވެ. އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ފަރުބަދަމަތީ ސަރަހައްދެއްގެ ގެއެއްގައި ގެންގުޅުނު އަސްތަކެއް މަރުވެފައި ވަނިކޮށް ވަނީ ފެނިފައެވެ. އެ އަސްތައް މަރުވެފައިވަނީ ކާން ނުދީ ގިނަ ދުވަސްވުމުން ކަމަށް އެގައުމުގެ އިދާރާތަކުން ހާމަ ކުރެއެވެ. އެ ގެއިން ޖުމްލަ 20 އަސް މަރުވެފައި ތިއްބާ ފެނުނު އިރު އެސަރަހައްދުގައި ގިނަ ދުވަސްތަކެއްވެފައިވާ އަހުގެ ކަށިތަކެއްވެސް ވަނީ ފެނިފައެވެ.

ވިހި އަހެއް މަރުވެފައި ތިބި އިރު އެ ގޭގައި ދެން ގެންގުޅުނު އިތުރު 8 އަހެއްގެ ހާލުވެސް، ކާން ނުލިބުމުގެ ސަބަބުން ދެރަވެފައިވާ ކަމަށް ވެއެވެ. އެ އަސްތައް ތިބީ އަނަރޫފަވެ ކަށިއަޅާފައި ކަމަށްވެސް ވެއެވެ. އެ އަސްތައް ބަނދެފައި ތިބި އިރު މުޅި ސަރަހައްދުގައި އޮތީ ޗަކަ ކަމުން އަސްތަކަށް ކާން ނުލިބި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިހާދިސާއާ ގުޅިގެން އެ އަސްތައް ބަލަހައްޓާ މީހާ ހައްޔަރުކޮށް އެމައްސަލަ ތަހުގީގު ކުރަން ވަނީ ފަށާފައެވެ. އެގައުމުން ބުނެފައިވަނީ ޖަނަވާރުންނާ މެދު އިހާނެތިކޮށް އަމަލު ކުރުމަކީ އެގައުމުގައި މަނާ ކަމެއް ކަމަށާއި އެ ފަދަ އަމަލެއް ހިނގާފައިވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ދިމާވެފައި މިވަނީ އެގައުމުގެ ބޮޑު ބައެއްގައި އަލިފާންރޯވެ އެކި ނަސްލުތަކުގެ ބައި ބިލިއަނަށްވުރެ ގިނަ ޖަނަވާރުތައް މަރުވެފައި ވަނިކޮށް ކަމަށްވެސް ބުނެފައިވެއެވެ.