މެކްސިކޯގެ އެންމެ ބާރުގަދަ އަންހެން "ޑްރަގްލޯޑު" މަރާލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އޭނާ މަރާލާފައިވަނީ އެގައުމުގެ ފުލުހުންނާ ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާތަކެއްގައި މިދިޔަ ހުކުރު ދުވަހު އެވެ. އެ ހަމަލާތަކުގައި އަންހެން ޑްރަގް ލޯޑު، އުމުރުން 21 އަހަރުގެ މާރިއާ ގުއަޑަލުޕޭ ލޯޕޭޒް އެސްކުއިވެލް ނުވަތަ އާންމު ނަމުން ނަމަ "ލަ ކަޓްރީނާ" އާ އެކު އެހަމަލާތަކުގައި އޭނާގެ ގޭންގަށް ނިސްބަތްވާ އިތުރު ހަތް މީހަކުވެސް ވަނީ މަރާލާފައެވެ.

އެ ހަމަލާއަށްފަހު އެގައުމުގެ ފުލުހުން ވަނީ އޭނާގެ ގޭންގަށް ނިސްބަތްވާ އިތުރު އަންހެނަކާއި 6 ފިރިހެނުން ހައްޔަރުކޮށްފައެވެ. މި ހާދިސާ ގައި ލަ ކަޓްރީނާ މަރާލަފައިވަނީ މެކްސިކޯގެ މިޗޮއަކާން ގައެވެ.

ފުލުހުންގެ ހަމަލާތަކެއްގައި އޭނާ މަރުވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އޭނާ ވަނީ ފުލުހުންނަށް އަމާޒުކޮށް އޭނާގެ ގޭންގު މީހުން ލައްވައި ބަޑިޖަހާފައެވެ. އެހާދިސާގައި 14 ފުލުހުން މަރުވެ، އިތުރު 9 ފުލުހަކަށް ވަނީ ޒަޚަމްވެފައެވެ.

ހުކުރު ދުވަހު ފުލުހުން އޭނާ މަރާލާފައިވަނީ، އެގައުމުގެ އަގުއީލާގައި ޑްރަގް ވިޔަފާރީގައި ކުރިއަރަމުން އަންނަ އެމް2 ފާނެންޑޭޒްއާ ބައްދަލުކުރަމުން ދަނިކޮށެވެ.