އިންޑިއާގެ ހޮސްޕިޓަލެއްގައި ވިހެއުމަށްފަހު އޮޕަރޭޝަން ތިއޭޓަރުގައި ބާއްވާފައި އޮތް ކުއްޖެއް ކުއްތާއެއް ކާލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އެގައުމުގެ ފައްރުޚަބާދް ސިޓީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. އަދި އެ ހާދިސާ ހިނގީ އަންހެން މީހާ ވިހައިގެން ތިއޭޓަރުން ބޭރަށް ނުނެރެނީސް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ރަވީ ކުމާރު އޭނާގެ އަންހެނުން ވިއްސަން ވެގެން އެ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އޭނާގެ އަންހެނުންނަށް ފަސޭހަކަމާއެކު ވިހޭނެ ކަމަށް ބުނި ނަމަވެސް ފަހުން ސިޒޭރިއަން ހަދަން ޖެހޭ ކަމަށް ބުނެ އޮޕަރޭަޝަން ތިއޭޓަރަށް ވެއްދި ކަމަށް އޭނާ ބުނެފައިވެއެވެ. އެއީ އެ ދެމީހުންނަށް ލިބުނު ފުރަތަމަ ކުއްޖާ އެވެ.

"އޭގެ ގަޑިއިރެއް ފަހުން އޮޕަރޭޝަން ކާމިޔާބުކަން އެންގި. އަދި ބޭރުގައި މަޑުކުރުމަށް އަހަރެން ކައިރީ ބުނި. އިރުކޮޅަކުން ކުއްތާއެއް އޮޕަރޭޝަން ތިއޭޓަރުގެ ތެރެއަށް ވަތް ކަމަށްބުނެ މުވައްޒަފުން ހަޅޭލަވަމުން ބޭރަށް އައީ. އަހަރެން ވަތް އިރު ދަރިފުޅު އޮތީ ލެއާއެކު ބިންމަތީގައި ލެއިން ތަތްތެޅިފައި،" ކުމާރު ބުނެފައިވެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅުގެ މޭމަތީގައި އާއި ލޮލުގައި ކުއްތާ ދަތް އަޅާފައިވާ ކަމުގެ ނިޝާން ހުއްޓެވެ. ދަރިފުޅު އެތަނަށް މަރުވެފައިވާއިރު ހޮސްޕިޓަލުން ބުނި ގޮތުގައި ކުއްތާ އެތަނަށް ވަނީ އޮޅުމަކުން ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލަ އޭނާ ވަނީ ކަމާ ބެހޭ އިދާރާތަކަށް ހުށައަޅާފައެވެ. އަދި އެ މައްސަލައިގެ ތުހުމަތަށް ހޮސްޕިޓަލުގެ ވެރި ފަރާތުގެ އިތުރުން ޒިންމާވާ މުވައްޒަފުންވެސް މިވަގުތު ތިބީ ހައްޔަރުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ. އެމީހުންގެ މައްޗަށް ކުރަނީ "އިހުމާލުވުމުގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ" އެވެ.

ކިޔުންތެރިންގެ ހިޔާލު