އިންޑިޔާގެ ސިނަމާތަކުގައި މިދިޔަ ހުކުރު ދުވަހު ދައްކަން ފެށި ފިލްމް ޗަޕާކް ވެފައިމިވަނީ މިހާރު އެންމެ އަޑު ހަރުކޮށް އިންޑިއާގައި ދެކެވޭ އެއްވާހަކައަށެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށް ދީޕިކާ ޕަދްކޯން ލީޑުން ފެނިގެންދާ މި ފިލްމަކީ ހަމަ ކޮންމެ މީހަކުވެސް ބަލާލަން ރަނގަޅު ފިލްމެއްގެ ގޮތުގައި އިންޑިޔާގެ ގިނަބަޔަކު ދަނީ ބުނަމުންނެވެ. އިންޑިއާގެ ބައެއް މަޝްހޫރު ޑައިރެކްޓަރުންނާއި ތަރިންގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ފިލްމަށް ތަޢުރީފްކޮށްފައިވާއިރު މި ފިލްމަކީ އާންމުން ހޭލުންތެރިކުރުވުމަށް ހަދާފައިވާ ފިލްމެކެވެ.

ދީޕިކާ ޕަދްކޯންގެ ފުރަތަމަ ޕްރޮޑަކްޝަން ޗަޕާކުގެ ވާހަކަ ބިނާވެފައިވަނީ 2005 ވަނަ އަހަރު އިންޑިއާގައި ކުޑަކުއްޖަށް ދިން އެސިޑް އެޓޭކެއްގެ މައްޗަށެވެ. ލަކްޝްމީ އަގަރްވާލަށް އެސިޑް އެޓޭކެއް ދީފައިވަނީ އޭނާގެ އުމުރުން 15 އަހަރުގައެވެ. އުމުރުން 32 އަހަރުގެ ނައީމް ޚާން ލަކްޝްމީގެ މޫނަށް އެސިޑް ޖަހާފައި ވަނީ އޭނާގެ ލޯބި ޤަބޫލުނުކުރުމުންކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފަވެއެވެ.

ޗަޕާކްގެ ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވަނީ ފިލްމްގެ ޑައިރެކްޓަރ މެގްނާ ގުލްޒާރެވެ. މެގްނާބުނިގޮތުގައި މިފިލްމް އޭނާ ގެނެސްދީފައިވާނީ މީގެ ހަގީގީ ހާދިސާއާއި އެއްގޮތަށެވެ. އަދި ފިލްމްގައި ލަކްޝްމީ އޭނާގެ ހައްގު ހޯދަން ކުރި މަސައްކަތް ދީޕިކާ ބޭނުންކޮށްގެން ވަރަށް ފުރިހަމައަށް ގެނެސްދީފައިވާނެކަމަށް މެގްނާވަނީ ބުނެފައެވެ. މިދިޔަ އަހަރު އާލިއާ ބަޓް އަށް ފިލްމް ރާޒީން އެވޯޑް ހޯދައިދިން ޑައިރެކްޓަރ މެގްނާ ބުނީ މިއީ އަނެއްކާވެސް ދީޕިކާއަށް އެވޯޑް ހައްގުވާނެ ފިލްމެއްކަމަށެވެ. މެގްނާ މިހެން ބުނެފައިވާއިރު ގިނަ ބަޔަކުދަނީ ދީޕިކާ ފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންގއަށް ތަޢުރީފްކޮށްފައެވެ.

ފިލްމް ބެލި ގިނަބަޔަކު ބުނާގޮތުގައި މި ފިލްމް ބަލާ ކޮންމެ މީހަކަށް ފިލްމުން ގިނަ އިބްރަތްތަކެއް ލިބޭނެއެވެ. މި ފިލްމަށް ދުނިޔޭގެ އެހެން ގައުމުތަކުންވެސް އަންނަނީ ބޮޑު ތަރުހީބެއް ލެބެމުންނެވެ. 45 ކްރޯޑް ރުޕީސްއިން އުފައްދާފައިވާ މި ފިލްމަށް މިހާތަނަށްވަނީ 23 ކްރޯޑް ރުޕީސް ލިބިފައެވެ. ބޮލީވުޑްގެ ބޮކްސް އޮފީސް ޚަބަރުތައް ބުނާގޮތުން ކުރިއަށް މިއޮތް ހަފްތާ ބަންދުގައި މި ފިލްމަށް ލިބޭ އާމްދަނީ ދެގުނައަށް އިތުރުވެގެންދާނެއެވެ.