"ދުވެލި މަޑުކުރޭ، ފުރާނަ ސަލާމަތް ކުރޭ" މިއީ ވަރަށްވެސް މާނަފުން އިބާރާތެކެވެ. ނަމަވެސް މިހާރުގެ ގިނަ ޒުވާނުން މިފަދަ އެއްވެސް ކަމަކަށް ނުވިސްނާކަމީ ހިތާމަ ހުރި ކަމެކެވެ. މީގެ ކުރިން ޒުވާނުން އެކްސިޑެންޓުތަކުގައި މަރުވަނީ ބާރަށް ދުއްވައިގެންނެވެ. ނަމަވެސް، މިހާރަކަށް އައިސް މިފަދަ ހާލަތްތަކުގައި މަރުވާ ގިނަ ޒުވާނުންގެ މަރާއި ޓެކްނޮލެޖީ އާއި އޮންނަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ.

ދާދި ފަހުން އެމެރިކާގެ ކަނެޓިކަޓްގައި އުމުރުން 23 އަހަރުގެ ޒުވާނަކު ބާރު ސްޕީޑުގައި އޭނާގެ ކާރު ދުއްވާފައި ދިޔައިރު އޭނާ އިނީ އެ މަންޒަރު އޭނާގެ މީސް މީޑިއާގެ ރައްޓެހިންނަށް ދައްކަން ލައިވްސްޓްރީމް ކޮށްގެންނެވެ. ނަމަވެސް، ގަޑިއަކު 100 މޭލަށް ވުރެން ބާރަށް ދުއްވާފައި ދިޔަ އެ ކާރު ކޮންޓްރޯލް ނުވެ، ކާރު ދުއްވަން އިން ޒުވާނާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. ނަސީބަކުން މި ހާދިސާގައި އެ ޒުވާނާ ސީޓް ބެލުޓް އަޅައިގެން އިނުމުގެ ސަބަބުން އޭނާގެ ފުރާނަ ވަނީ ސަލާމަތް ވެފައެވެ.

ގަޑިއަކު 55 މޭލު ބާރުމިނުގައި ދުއްވަން އޮތް އެ ބްރިޖު މަތީގައި ޒުވާނާ މާ ބާރަށް ދާތީ އޭނާގެ ފަހަތުން ފުލުހަކުވެސް ދިޔައެވެ. އޭނާ އެކްސިޑެންޓުވުމުން އަވަސް ފަރުވާ ދެވެން މެދުވެރިވީވެސް އެ ފުލުސް މީހާ އެތަނުގައި ހުރުމުގެ ސަބަބުންނެވެ. ފޯނާއި ކުޅެމުން ކާރު ދުއްވުމަކީ ގާނޫނާއިވެސް ޙިލާފް ކަމެއް ކަމުގައި ވާއިރު، އެ ޒުވާނާ އެކްސިޑެންޓުވާ މަންޒަރު ބަލަން އެތައް ބަޔަކު މީސް މީޑިއާގައި ތިއްބެވެ. އެ އެންމެންވެސް ހީކުރީ އެ ހާދިސާގައި ޒުވާނާ މަރުވީ ކަމަށެވެ. އެއީ އެކްސިޓެންޑުވުމާއި އެކު އެ ކާރު ވަރަށް ބޮޑަށް ފުރޮޅާލުމުންނެވެ.

މިއީ ރާއްޖޭގެ ޒުވާނުންވެސް ވިސްނާލަން ޖެހިފައި އޮތް ކަމެކެވެ. ސިނަމާލެ ބްރިޖުގައި ދުއްވަން އޮންނަ ސްޕީޑަކީ ގަޑިއަކު 50 މޭލު ކަމުގައި ވާއިރު ހިތާމަ އާއި އެކު ފާހަގަކުރަން ޖެހޭ ކަމަކީ ބައެއް ސައިކަލު އަދި ކާރު ޑްރައިވަރުން 100 އަށް ވުރެންވެސް ބާރަށް ދާކަމެވެ. ތިމާ ބާރަށް ގޮސްގެން ވާނެ ފައިދާ އެއް ނޯންނާނެކަން ހަނދާން ކުރާށެވެ. ހިތާމަވެރި ހާދިސާ އެއް ހިނގާއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.

ތިރީގައި އެވަނީ ޒުވާނާ އަމިއްލަ އަށް އެކްސިޑެންޓުވި މަންޒަރު ލައިވް ކުރާ ވީޑިއޯއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮއެފުޅު

    އެވަރު ނުވިއްޔާ ދެރައޭ

    9
    1
  2. މާމަގެމުނިމާމަ

    ދަރިޔާ ކޮންމެއެއްޗެކޭކިޔަސް އެމީހުނަކަށް އަޑެއްނީވޭނޭ ކަންފަތަށް ޖިންނިމަލަންކޮޅުޖަހާގެން މެސޭލެއް ދާހެންދާނެ ތިވަރު ނުވަންޔާތާ ރަނގަޅު ބްރިޖު ހުރަސްކުރާ ކުދިންކޮޅަށް

    11