ކޮންމެ މީހަކީ ވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާ ވަގުތުގައިި އާއިލާގެ އެހީތެރިކަން ބޭނުންވާނެ މީހެކެވެ. އާއިލާގެ ފަރާތުން ލިބިގެންދާ ލޮތްބާއި އަޅާލުމާއި އެހީތެރިކަމަކީ ކޮންމެ މައްސަލައެއް ވެސް ކުޑަ މައްސަލައަކަށް ބަދަލުކޮށްލާ ކަމެކެވެ. ނަމަވެސް ހުރިހާ ހާލަތުތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ އާއިލާއިންވެސް އެހީއަށް ބޭނުންވާ ވަގުތުގައި އަޅާ ނުލާ ދޫކޮށްލައެވެ.

އިންޑިއާގެ ޓެމިލް ނާޑޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ސެލްވަންތަން އަކީ މިފަދަ ބަދުނަސީބަކާއި ކުރިމަތިވެފައިވާ މީހެކެވެ. އޭނާ ހާލުގައި ޖެހުނު ދުވަހު އޭނާގެ އާއިލާ ވަނީ އޭނާއަށް އަޅާ ނުލާ ދޫކޮށްލާފައެވެ. ނަމަވެސް ސެލްވަންތަން ވަނީ މއަދު އެ ހިތާމަ ކާމިޔާބީއަށް ބަދަލު ކޮށްފައެވެ.

ސެލްވަންތަންގެ ބޭބެއަކާއި ހަތަރު ދައްތައިން ތިބެއެވެ. އޭނާ ވަރަށް ކުޑަ އިރު މަންމަ ވަނީ މަރުވެފައެވެ. މަންމަ މަރުވުމާއެކު އޭނާ ކިޔެވުން ހުއްޓާލާފައި ފެކްޓަރީތަކުގައި މަސައްކަތް ކުރަން ފެށިއެވެ. އެހެން އުޅުމުގެ ތެރޭގައި އޭނާއަށް އިލެކްޓްރިކަލް މަސައްކަތް ކުރަން ދަސްވިއެވެ.

2000 ވަނަ އަހަރު ސެލްވަންތަން މަސައްކަތް ކުރަމުން ދަނިކޮށް މަސައްކަތުގެ މާހައުލުގައި އޭނާ އަށް ވަރަށް ސީރިއަސް އަނިޔާއެއް ލިބުނެވެ. އަނިޔާ ލިބުނީ އޭނާގެ މައި ބަދައަށެވެ. މައިބަދައަށް ލިބުނު ގެއްލުމުގެ ސަބަބުން ސެލްވަންތަންގެ ފޫޅުން ތިރި އެއްކޮށް ވާގި ނެތުނެވެ. އަދި އޭނާއަށް އަމިއްލައަށް ހިނގައި އުޅުމުގެ ބާރު ގެއްލުނެވެ.

ސެލްވަންތަން ހާއްސަ އެހީ ބޭނުންވާ މީހަކަށް ބަދަލުވެގެން ދިޔައީއެވެ. އެދުވަހު އޭނާގެ ބޭބެއާއި އޭނާގެ ދައްތަމެން އޭނާ ދަންނަ ކަމަށްވެސް ނުހެދީއެވެ. އަޅާ ނުލާ ދޫކޮށްލީއެވެ. ސެލްވަންތަންއަށް އަޅާނީ އޭނާގެ ހާލު ފެނުނު އާންމު މީހެކެވެ.

މިހާރު އެފަހުން 18 އަހަރު ވެފައިވާއިރު ސެލްވަންތަން މިވަނީ ކާމިޔާބު މީހަކަށް ވެފައެވެ. އޭނާ އަކީ މިހާރު އެލްއީޑީ ބޮކި އުފެއްދާ މީހެކެވެ. އޭނާާގެ އަމިއްލަ އަތުން ހަދާ ބޮކިތައް އޭނާ ދަނީ ނިއު ދެއްލީގެ އެކި ކުންފުނިތަކަށް ވިއްކަމުންނެވެ. އަދި އެކަމުން ލިބުނު ގިނަ އަދަދެއްގެ ފައިސާ މިހާރު އޭނާ ވަނީ ފޮރުވާފައެވެ. އޭނާ ދަނީ އެކަމުން ދިރިއުޅުމެއް އަމިއްލައަށް ބިނާ ކުރަމުންނެވެ.

ސެލްވަންތަންގެ ވާހަކަ އިންޑިއާގެ ނޫހަކުން ރިޕޯޓު ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ. އޭނާގެ ވާހަކައިން އެތައް ބަޔަކަށް ހިތްވަރު ލިބިގެން ދިޔަ އިރު އެތައް ބަޔަކު ދަނީ އޭނާއަށް ތައުރީފުވެސް ކުރަމުންނެވެ.