މި ފެށުނު އައު އަހަރު ފާހަގަ ކުރުމުގެ މުނާސަބަތުގެ ތެރެއިން އެމެރިކާގެ ކްލީވްލޭންޑުގައި ފިރިހެނަކު ބަޑި ޖެހި ވަގުތު އޭނާގެ އަނބިމީހާގެ ގަޔަށް ވަޒަނެއް އަރައި، އޭނާ މަރުވުމުން ފިރިމީހާ ހައްޔަރުކޮށްފިއެވެ.

އުމުރުން 38 އަހަރުގެ ޝެލްޑަން ސްޓީވަންސް ނަމަކަށް ކިޔާ މީހާ އޭނާ ދިރިއުޅެމުން އައި ގޭގެ ދެވަނަ ފަންގިފިލާގައި އަނބިމީހާ އާއި އެކު އައު އަހަރު ފާހަގަ ކުރަމުން ވަނީ ވަޒަންތަކެއް ޖަހާފައެވެ. އަދި އެތަނުން ވަޒަނެއް އޭނާގެ އަނބިމީހާގެ ގަޔަށް އެރުމުން އޭނާ ވަނީ ވަގުތުން މަރުވެފައެވެ.

އެމްބިއުލޭންސް އެ ގެއަށް އައި ވަގުތު ޝެލްޑަން އޮތީ މަރުވެފައިވާ އަނބިމީހާގެ ގައި މަތީގައި އޮށޯވެ، ރޯންށެވެ. އެހެން ނަމަވެސް، ފުލުހުން އެތަނަށް އައިސް ވަނީ ވަގުތުން ޝެލްޑަން ހައްޔަރުކޮށްފައެވެ. ފުލުހުން މިހާރު ވަނީ އޭނާގެ މައްޗައް ފަރުވާކުޑަކުރުމުގެ ސަބަބުން މީހަކު މަރުވި ކަމުގެ ކުށުގެ ދައުވާ އުފުލާފައި ކަމަށް ފުލުހުން މިވަނީ ދާދި ފަހުން ހާމަ ކޮށްފައެވެ.

ޝެލްޑަންގެ އަނބިމީހާ މަރުވި ރޭ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމުން މި ހާދިސާ ހިނގުމަށް މެދުވެރިވީ މަސްތުވާތަކެތީގެ ސަބަބުން ކަމަށް ބެލެވެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އައު އަހަރުގެ ފުރަތަމަ ރޭ އެކަނިވެސް ކްލީވްލޭންޑު ސިޓީ އިން މިފަދަ 9 މަރު ރިޕޯޓު ކޮށްފައިވާ ކަމެވެ.

އައު އަހަރު ފާހަގަކުރަން ބަޑި ޖެހުމަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި އާއްމު ކަމެކެވެ. ނަމަވެސް އެ ސިޓީ އިން 9 ގަޑިއިރު ތެރޭގައި 9 މީހަކު މިފަދަ ގޮތަކަށް މަރުވެފައި ވާއިރު، އިތުރު 3 މީހެއްގެ ގަޔަށް ވަނީ ޒަވަން އަރައި، އަނިޔާވެފައެވެ.

އައު އަހަރު ފާހަގަ ކުރުމަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޙިލާފްކަމެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.