ނިއުޒިލޭންޑުގައި އަންހެނަކު ދުއްވަމުން ގެންދިޔަ ކާރެއްގެ ތެރެއިން ހޭންޑުބޭގެއް މަގުމައްޗައް އެއްލައިލުމުގެ ސަބަބުން އެ ކާރުގެ ފަހަތުގައި އޮތް އިތުރު 5 ކާރު އެކްސިޑެންޓު ވެއްޖެއެވެ.

އެ ގައުމުގެ ބާރުބޮޑު މަގެެއްގެ މަތިން ކާރު ދުއްވަމުން ދަނިކޮށް ހޭންޑުބޭގު ބޭރަށް އެއްލާލާފައި ވަނީ 21 އަހަރުގެ އަންހެނެއް، އެ ކާރު ދުއްވަން އިން އޭނާގެ މަންމަ އާއި ދެމެދު އުފެދުނު މައްސަލަ އެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

21 އަހަރުގެ އެ އަންހެން މީހާ ރުޅި އައިސްގެން ހޭންޑުބޭގު ކާރުގެ ކުޑަދޮރުން އެއްލާލުމާއި އެކު އެ ކާރުގެ ފަހަތުގައި އޮތް ކާރު ދުއްވަން އިން އަންހެން މީހާ އަށް ވަނީ ކުއްލިއަކަށް ކާރު މަޑު ކޮށްލެވިފައެވެ. މީގެ ސަބަބުން އޭގެ ފަހަތުގައި އޮތް 4 ކާރުވެސް ޖެހި، ޖުމްލަ 5 ކާރުގެ މެދުގައި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.

މިކަން ހިނގުމާއި އެކު 21 އަހަރުގެ މީހާގެ މަންމަ ވަނީ އެތަނުން ދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެވަގުތު ޓްރެފިކް ތޮއްޖެހިފައި އޮތުމުން އެކަން ވާގޮތެއް ނުވިއެވެ. ދެން ފަހަތުގައި ތިބި ކާރުތަކުގެ ޑްރައިވަރުން ވަނީ ބޭރަށް ނިކުމެ، 21 އަހަަރުގެ އެ އަންހެން މީހާ އާއި ޒުވާބު ކޮށްފައެވެ.

ފުލުހުން އެތަނަށް އައުމާއި ހަމައަށް ޒުވާބު ކުރިއަށް ދިޔަ ކަމަށް އެ ގައުމުގެ މީޑިއާތައް ބުނެއެވެ. ނަސީބަކުން މި ހާދިސާގައި ކަރުތަކަށް ގެއްލުންވި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. އެ ގައުމުގެ ފުލުހުން މިހާރު މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ އިރުގައި މިއީ ދިވެހިންވެސް ވިސްނާލަން ޖެހޭ ކަމެކެވެ.

ކުއްލިއަކަށް މަގުމައްޗައް އެއްލުމުން ފަހަތުގައި ތިބޭ ޑްރައިވަރުންނަށް އޭގެ ސަބަބުން ސިހުމެއް ލިބިގެން ދާނެއެވެ. އަދި ހިތާމަވެރި ހާދިސާ އެއް ހިނގުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑ

    "ނަސީބަކުން" އެއީ ކޯޗެއްތޯ؟ "ނަސީބަކުން"ނެއް ނުވާނެ އެއްވެސްކަމެއް. އެއީ ދިވެހިން ނަށް ކިޔޭ ބަދަލު ކޮށްލަންޖެހޭ ބަހެއް.. ހުރީހާ ކަމެއްވެސް ވަނީ ﷲ تعالى ގެ އިރާދަފުޅުން. ހާދިސާ އެއްގައި ހިތް ހަމަޖެހޭ ގޮތަށް ކަމެއް ހިނގައިފިނަމަ الحمد لله ކިޔާލުން އަދި މިކަން ވީ ﷲ تعالىގެ ރަހްމަތްފުޅުން ކަން.. ބުނުން/ލިޔުން ރަނގަޅު ގޮތަކީ..
    އަދި ހާދިސާ ގައި ހިތާމަވެރި ގޮތަކަށް ކަމެއް ދިމާވެއްޖެ ނަމަ قَدَّرَ الله وَمَا شَاءَ فَعَلَ. ﷲ އިރާދަ ކުރެއްވި ގޮތެވެ. އަދި އެކަލާންގެ އިރާދަކުރައްވާ ކަމެއް ކުރައްވައެވެ. - މިގޮތަށް ލިޔުން/ބުނުން ރަނގަޅު ގޮތަކީ..

    7
    1