އިނގިރޭސި ވިލާތުގެ ވިލެޖެއް ކަމަށްވާ އަޕަރ ހޭފޯޑުގައި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކު ގަހަށް އަރަނިކޮށް ދަންޖެހިގެން މަރުވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެކުއްޖާ މަރުވެފައިވަނީ ހެލްމެޓު އަޅައިގެން ގަހަކަށް އަރަނިކޮށް، ގަހުގެ ގޮފިގަނޑެއްގައި ހެލްމެޓު އަޅައި ތާށިވެގެންނެވެ. އޭރު، ކަރު ދަށުން އަޅުވާ ހެލްމެޓުގެ ބެލްޓު އިނީ އަޅުވާފައިކަމުން ކުއްޖާ މަރުވީ ދަންޖެހިގެން ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ފްރެޔާ ތޯޕް ނަމަކަށް ކިޔާ އެކުއްޖާ މަރުވީ ކުޅުމުގެ ގޮތުން ގަހަށް އަރައި އުޅެނިކޮށް ކަމަށް ވެއެވެ. އަދި އެ ކުއްޖާ މަރުވި އިރު އެކުއްޖާގެ މަންމަ ވަނީ މީގެ 10 ދުވަސް ކުރިން އެއްމާބަނޑު ދެކުދިން ވިހާފައެވެ. ކުއްޖާގެ މަންމައަށް އޭނާއާ މެދު އަޅާ ނުލެވުނީ އެހެންވެ ކަމަށް ވެއެވެ.

ގަހުގައި ހެލްމެޓު އަޅައިގެން ދަންޖެހުނު ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެ ސަރަހައްދަށް އެއްވި މީހުންގެ އެހީތެރިކަމާ އެކު އެވެ. ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް 2 ދުވަސް ފަހުން އެކުއްޖާ މަރުވީ އެވެ.

އެހާދިސާއާ ގުޅިގެން ފްރޭޔާގެ ބައްޕަ ބުނެފައިވަނީ އެކަން ހިނގާފައިވަނީ "އިއްތިފާގަކުން" ކަމަށާއި އެއީ އެކްސިޑެންޓެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ކުއްޖާ ދަންޖެހުނު ގަސްވެސް ވަނީ ކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު