ފޮޓޯ އިން ތިޔަ ފެންނަނީ ދުނިޔެ މިހައިތަނަށް ދުށް އެންމެ ނުރައްކާތެރި ނިރުބަވެރި ޖަމާއަތް ކަމުގައިވާ އައިސިސްގެ ބޮޑެކެވެ. ދާދި ފަހުން އޭނާ އިރާގުގައި ފިލައިގެން އުޅެނިކޮށް އެ ގައުމުގެ ފުލުހުން މިވަނީ އޭނާ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާ ފަލަކަމުން ފުލުހުންގެ ވެހިކަލަށްވެސް ނޭރުވުމުން މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ.

ނިމާ ހައްޔަރު ކުރަން ދިޔައިރު އިިން ގޮތް

ޝިފާ އަލް ނިމާ ނުވަތަ އަބޫ އަބްދުލް ބާރީ އަކީ އައިސިސް ޖަމާއަތުގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރައި، މީހުންނަށް ފަތުވާ ދީ އުޅުނު މީހެކެވެ. ނަމަވެސް އެ ޖަމާއަތުގެ ބާރު އިރާގުންނާއި މެދު އިރުމަތީގެ ގައުމުތަކުން ކުޑަވުމުން އޭނާ އުޅެން ފެށީ ފިލައިގެންނެވެ. އެތައް މީހުންނެއް މެރުމަށާއި އެތައް ބޮމުގެ ހަމަލާތަކެއް ދިނުމަށް އަމުރު ކޮށްފައިވާ ނިމާ އިރާގުގެ ގެއެއްގައި ފިލައިގެން އޮތް ކަމުގެ މައުލޫމާތު ލިބިގެން ގޮސް ބެލިއިރު އޭނާ އިނީ އެނދުމަތީގައެވެ. ފެންނަ ފެނުމަށް އޭނާ ފަލަކަމުން ހިނގާވެސް ނުލެވޭނެއެވެ.

ކޮންމެއަކަސް، ފުލުހުން އޭނާ އަށް ބަލާފައި ފުލުހުންގެ ވެހިކަލަށް ނޭރުވޭނެކަން އެނގުމުން ނިމާ ހައްޔަރުކޮށްގެން ގެންދަން ޖެހުނީވެސް އޭނާގެ އަމިއްލަ ޓްރަކުގެ ފަހަތަށް އަރުވައިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ އެ ޓްރަކުގެ ފަހަތަށް އެރުވީވެސް ވަރަށް އުނދަގުލުންނެވެ.

ނިމާ ޓްރަކަށް އެރުވީވެސް ވަރަށް އުނދަގުލުން

ނިމާ ހައްޔަރު ކުރުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުންނާއި ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ އެކަމަށް މަރުޙަބާ ކިޔަމުންނެވެ. އަދި ނިމާ ހައްޔަރު ކުރުމާއި އެކު އައިއެސް ޖަމާއަތުގެ ބާރު އިތުރަށް ކުޑަވެގެން ދާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.