އަހަރުތަކަކަށްފަހު އުފަންރަށުގެ ފަސްގަނޑުގައި ފައި ޖެހުމުން އަހަންނަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. ތަޢުލީމް ހާސިލްކުރަން ރަށުން ބޭރުގައި އުޅެންޖެހުމާއި، ބީރައްޓެއްސަކާ ކައިވެނި ކުރެވުމުން އަހަރެން ވަނީ އަމިއްލަ ވަޒަނަށް ބީރައްޓެހިވެފައެވެ. ފުރަތަމަ ނަޒަރުން ވެސް އަހަރެންގެ ލޮލުގައި މަންމައާ ބައްޕަ އަޅައިގަތެވެ. އެމީހުން ތިބީ އަހަރެން އައުމުން އިންތިހާއަށް އުފާވެފައެވެ.

އެކަމަކު ނީމް ފެންނަން ނެތުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވިއެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް މަންމަމެންނާ ހަމަކުރިއިރު ނީމް ހުރީ މަންމަގެ ފުރަގަހުގައެވެ. މަންމަ ލައިގެންހުރި ދިގުހެދުމުގެ ނިވަލުގައެވެ. "މަންމަގެ ދޮންދޫނި.."

ހަ އަހަރުގެ ކުޑަކުޑަ ނީމް އަކީ އަހަރެންގެ ހިތުގެ ދިރުމެވެ. ދުވަސްތަކަކަށްފަހު އެ ތުއްތުމޫނު ފެނުމުން އަހަރެންގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރިގަތެވެ. އެ މޫނުގައި ބޮސްދިނީމެވެ. އޭނާގެ ސަމާލުކަން އަހަންނަށް ލިބުނީ ހީކުރި ވަރަށްވުރެ ކުޑަކޮންނެވެ. އެ ކުޑަކުޑަ މޫނުން ފެންނަނީ މޮޅިވެރިކަމެވެ. ހީވަނީ ރަނގަޅަށް ނިދި ނުލިބިވާހެންނެވެ. ނުވަތަ ބަލިވެ އުޅޭހެންނެވެ.

ވާނީވެސް އެހެންނެވެ. މި ދުނިޔެއަށް ލީ ފުރަތަމަ ނޭވާއިން ފެށިގެން އަހަރެންގެ އުނގުތެރޭގައި ބޮޑުވި ކުއްޖަކު ދެ މަސްދުވަސް ވަންދެން އަހަންނާ ދުރުގައި އުޅޭއިރު ކިތަންމެ ބަދަލެއް ވެސް އަންނާނެއެވެ. "މިހާރު ފައި މުޅިން ރަނގަޅު ދޯ!" އަހަރެން ނީމް އުރާލުމަށްފަހު ބިންމަތީގައި ބެހެއްޓުމުން މަންމަ ބުންޏެވެ. ފާހާނާތެރެއަށް ކައްސާލައިގެން ވެއްޓި އަހަރެންގެ ފައިބިނދުމުން ނީމް މަންމަ ކައިރިއަށް ފޮނުވީ މަންމަގެ އެދުމުގެ މަތިންނެވެ. މަންމަ އަކީ ރަށު ސްކޫލްގެ މަސައްކަތުމީހަކަށް ވާތީ މަންމަ އަށް އަހަރެން ކައިރިއަށް އައުމަށް ދަތިވުމުންނެވެ.

"މަންމަ ނުފެންނާތީ ކަނބުލޮ އަބަދު ހުންނަނީ ދެރަވެފަ" ބައްޕަ ނީމްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެކަމަކު ނީމް ބޭނުންވީ އަހަރެން ކައިރީގައި ހުންނާށެވެ. އޭނާ ދުވެލާފައި އައިސް އަހަރެންގެ އިނގިލީގައި ހިފިއެވެ. ގެއާ ހަމައަށް އާދެވުނު އިރުވެސް އަހަންނަކަށް ނޭނގުނެވެ. މީގެ ތިން އަހަރު ކުރިން އަހަރެން އައި އިރުވެސް ހުރީ އަހަރެމެން ކުޑައިރު ވެސް އުޅުނު މުސްކުޅި ގެ އެވެ. އެކަމަކު މިހާރު އެއީ މުޅިން އާ ބިންގަލެއްގެ މަތީގައި ބިނާކުރެވިފައިހުރި މުޅިން އާ އިމާރާތެކެވެ.

"ދަރިފުޅު މާމައާ އެކީގަ ތިއުޅެނީ ޕެލަސްއެއްގަ ދޯ!" ފާރުތަކުގައި ލާފައިހުރި ކުލައިން ފެށިގެން ގޮސް ފަރުނީޗަރުތަކާއި، ސީލިންގއާއި، ކޮޓަރިތަކުގެ ފަރުމާއަށް އަހަންނަށް ތަޢުރީފުކުރެވުނެވެ. "އުމުރުން ދުވަސްވިޔަސް ބައްޕަގެ ވިސްނުމާ ސްޓައިލް ވަރަށް ޒުވާން" ބައްޕަ އަކީ ކެޔޮޅެކެވެ.

އެކަމަކު މިހާރު މަހަށްގޮސް އުޅެނީ ހިތްހަމަޖައްސާލުމަށެވެ. މަންމަ ވެސް އަދާކުރާ ވަޒީފާގެ އިތުރުން އާމްދަނީ ލިބޭކަހަލަ ކިތަންމެ މަސައްކަތެއް ކުރެއެވެ. އިލޮށިފަތި ހަދައިގެން ވިއްކައެވެ. އަގަށް ބަނބުކެޔޮ ތެލުލައިދެއެވެ. ފަޅު ގޯއްޗާއި، ގެވަޅުފަދަ ތަންތަން މަހުމުސާރައަށް ކުނިކަހާ ބަލަހައްޓައިދެއެވެ. އެހުރިހާ ކަމެއްގައި ވެސް ބައްޕަގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެއެވެ. ބައްޕަ އަކީ މަންމަ އަށް ވަރަށް "ހެޔޮ" މީހެކެވެ.

ރަށު އެންމެން ވެސް އެވާހަކަ ދައްކައެވެ. އަހަރެން އެންމެ އުފާވާކަމަކީ އެއީއެވެ. އަހަރެން އައިފަހުން ތިންހަފުތާ ވީއިރުވެސް ނީމް ހަމައަކަށް ނޭޅެއެވެ. އަބަދު ހުންނަނީ ބަސްމަދުވެ، ރުންކުރުވެފައެވެ. ކުދިކުދި ކަންކަމާ ރޮއެ، ނުކާންއުޅުން އާދައަކަށްވެފައެވެ. ކޮންމެވެސް ކަމަކާ ބިރުގަނެ، ހާސްވެފައި ހުންނަކަން މޫނުމަތިން ހާމަވެއެވެ. އަހަރެން އެވާހަކަ އާސިފް ކައިރީގައި ވެސް ބުނީމެވެ. "އެއީ މަންމައާ ދުރުގަ އުޅެންޖެހުނީމަ ކަމަށް ވާނީ.. ކުދިންގެ އުމުރާގުޅިގެން ވެސް އުޅުމަށް ކުދިކުދި ބަދަލު އަންނާނެ!" އާސިފް އެދުނީ އެކަމާ މާބޮޑަށް ކަންބޮޑުނުވުމަށެވެ.

އިރާކޮޅުގެ ވަގުތެވެ. ނީމް މާއަވަހަށް ނިދުމުން އަހަރެން ބަދިގެފަރާތަށް ނުކުތީމެވެ. އަނބުގަސްދަށުގައި ހުރި ޖޯލިފަތީގައި މަންމަ އިލޮށި މަށަން އިނެވެ. "މިރޭ ދުން ނުޖަހަންތަ؟" ޖޯއްޔާއި ތަންކޮޅެއް ދުރުގައި ހުރި ޑަބިޔާގަނޑުން ދުން ނާރާތީ އަހަރެން އެހީމެވެ. "މަދިރި ނޫޅެނީތަ؟" "އެއީ ބައްޕަ ކުރާކަމެއް! މުޅިގައިގަ ދުނބުޅި ވަސް ހިފާތީ މަންމައަކަށް ކަމަކުނުދެ" "މިހާ މަދިރިގިނަ ރަށެއްގަ އުޅެއުޅެ މަންމަމެން ތި ތިބެނީ އެކަމަށް އާދަވެފަ. އަހަންނަށް ވަރަށް އުނދަގޫވޭ ފައި ކައިރީގަ އެންމެ މަދިރިއެއް އުޅުނަސް" ހެމުން އަހަރެން ބުނީމެވެ. "ކަނބުލޮ ނިދީތަ؟" އަހަރެން ޖޯލީގައި އިށީނުމާއެކު އުނގުފޮޅާލަމުން މަންމަ ތެދުވިއެވެ.

އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. ޖޯލީގައި އޮށޯވެ، ހަމަޖެހިލަމުން އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އާސިފް ކިތަންމެ ވަރަކަށް ނުވިސްނާށޭ ބުންޏަސް އެކަނިވާ ކޮންމެ ފަހަރަކު އަހަންނަށް ފިކުރުކުރެވެނީ ނީމްއާ ދޭތެރޭގައެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިހުރިހާ ދުވަހު އޭނާ ގެންގުޅުނީ އަހަރެންގެ އުނގުތެރޭގައެވެ. ކިތަންމެ ކުޑަ ބަދަލެއް އަޔަސް އަހަންނަށް އެނގޭނެއެވެ. އިހުސާސް ކުރެވޭނެއެވެ. މިއީ ކުށްހީއެއް ނޫނެވެ. ނީމް އަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ.

"އާސިފް އަންނަނީ ކޮންއިރަކުން؟" މަންމަ އައިސް ބިންމަތީގައި ހުރި އިލޮށިތައް ހޮވަންފެށިއެވެ. "ދަރިފުޅުމެން ދިޔައިމަ މިގޭތެރެ ވަރަށް ފަޅުވާނެ" "އޭނާ އަށް ޗުއްޓީ ލިބޭނީ މި މަސް ނިމުނީމަ. އަދި ދެހަފުތާވަރު ވާނެހެން ހީވަނީ" އާސިފަށް ޗުއްޓީ ނުލިބުމުން ނީމް ބަލާއައީ އަހަރެން އެކަންޏެވެ. އޭރުން ދުވަސްކޮޅަކު މަންމަމެން ކައިރީގައި މަޑުކޮށްލުމުގެ ފުރުޞަތު ވެސް ލިބޭނެތީއެވެ. "ކާން ހަދައިފިން. ހިނގާ ކާން ދާން" މަންމަ ދިޔުމުން ވެސް އަހަންނަށް އޮވެވުނީއެވެ. ފިކުރުތަކުގެ ކަނޑަކަށް ޣަރަޤުވެފައެވެ. ހޭވެރިކަންވީ އެއްޗެއް އަނދާވަސް ދުވަންފެށުމުންނެވެ.

ފައިދަށުން ދުންއަރާތަން ފެނުމުން ތެޅިގަނެވުނެވެ. މަންމަ އައިސް ޖޯލި ދަށުގައި މަދިރި ދުންދަނޑިއެއް ބަހައްޓާފައި ހުރިކަން އެނގުނީ އެވަގުތެވެ. މަންމަގެ އެހީއަކަށް އެދި ހަޅޭއްލަވައިގަނެވުނެވެ. "ޒިމްނާ!" މަންމަ ހަޅޭއްލަވައިގަތީ ބިރުވެރިކަމުން ފުރިފައިވާ ގޮތަކަށެވެ. ބައްޕަ ވެސް އައީ ހަމަ އެވަގުތެވެ. މަންމަ އާއި ބައްޕަގެ މަސައްކަތުން މިނެޓެއްހާއިރު ތެރޭގައި އަހަރެން ލައިގެންހުރި ކަޅުހެދުމުގެ ފަސްބައިގައި ހިފާފައިވާ ހުޅުގަނޑު ނިއްވާލިއެވެ. އަހަންނަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. އެކަމަކު ވަރަށް ބާރަށް މޭތެޅެމުންދިޔައެވެ.

"ޒިމްނާ" މަޑުމަޑުން އަހަންނަށް އެނަން ކިޔާލެވުނެވެ. ހަމަ އެހިނދު އަހަރެންގެ ހިތުގައި ވަޅުޖެހިފައިވާ ހަނދާންތަކެއް އާވެ އާލާވާންފެށިއެވެ. މީގެ ފަނަރަވަރަކަށް އަހަރުކުރިން އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ އަމިއްލައަށް ގައިގައި ރޯކޮށްލައިގެން މަރުވި ހާދިސާއަކީ މުޅި ރަށަށް ސިހުންގެނުވި ހާދިސާއެކެވެ. ކަންވީގޮތް އަހަންނަކަށް މާރަނގަޅަކަށް ނޭނގެއެވެ. އޭރު އަހަރެންގެ އުމުރުން ދިހަ އަހަރެވެ. އަހަންނަށް އެޚަބަރު ލިބުނީ ޖެހިގެންއައި ދުވަހުގެ ހެނދުނެވެ. ބޮޑުދައިތަގެ ފަރާތުންނެވެ. އެކަމެއް ހިނގީ އެރޭގެ މެންދަމުގެ ވަގުތެއްގައެވެ.

އަހަންނަށް އެނގުނު އިރު މަންމަ އާއި ބައްޕަވީ ދައްތަ ގޮވައިގެން އަތޮޅު ހޮސްޕިޓަލަށް ގޮހެވެ. ހަމައެދުވަހު ދައްތަ މަރުވީއެވެ. އެތައްބަޔަކު، އެތައްގޮތަކަށް ދައްތަގެ މަރުގެ ވާހަކަދެއްކިއެވެ. ދައްތަ މަރުވީ ޝާހިދު ރުޅިވުމުން ކަމުގައި ވެސް ކިޔެވެ. އަހަރެން ހުރިތަނެއްގައި އަހަރެންގެ ރައްޓެހި ކުއްޖެއްގެ މަންމަ ވެސް އެވާހަކަ އެގޮތަށް ދެއްކިއެވެ. އެކަމަކު އަހަރެން އެވާހަކަ އެއްވެސް މީހަކާ ހިއްސާއެއް ނުކުރަމެވެ. ބައްޕަ އޮތީ ދައްތަގެ ވާހަކަ ދެއްކުން މަނާކޮށްފައެވެ. މަންމަ އާއި ބައްޕަގެ ދުލުން ދައްތަގެ ނަން ވެސް ކިޔާއަޑެއް އަހަންނެއް ނާހަމެވެ. މާޒީއާ އެކުވެގެންދިޔަ އަހަރުތަކާއެކު މިހާރު އެނަން ހަނދާންހުރި މީހަކު ރަށުގައި ވެސް ނޫޅޭނެކަން ގައިމެވެ. ޚުދު އަހަރެން ވެސް ހަނދާނެއްނެތެވެ.

އަހަންނަށް ދިމާވި އަލިފާނުގެ ހާދިސާ ކިޔައިދިނުމުން އާސިފް ނުހަނު ކަންބޮޑުވިއެވެ. "ނަސީބެއްނު ނުފިހުނުކަން" "އަހަރެން ފިހުމަށްވުރެ މާބޮޑެއްނު ނީމްގެ ކަންތައް!" ވީދެރައާއެކު އަހަންނަށް ރުޅި އާދެވުނެވެ. "އަހަންނަށް ޔަގީން ނީމް އަށް ކޮންމެވެސް ކަމެއް ވެއްޖެކަން. އަހަންނަކަށް ނުވެސްނިދޭ. މިހާ ހޭލުންތެރި، ވަސީލަތްތައް ފަހި ޒަމާނެއްގަ އަޅާނުލާ ތިބެން ހެޔޮވާނެތަ؟" އަހަންނަށް ކުރެވޭ ޝައްކު ހާމައެއް ނުކުރަމެވެ.

އެކަމަކު ފޯނު ބޭއްވީ ނުހާއާ ވާހަކަދައްކާނެ ކަމަށް އާސިފް ބުނުމުންނެވެ. ނުހާއަކީ އާސިފްގެ ރައްޓަހި ކައުންސެލަރަކެވެ. ސްކޫލް ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކުގައި ލަފާދޭ ތަޖުރިބާކާރެކެވެ. ދައްތަގެ މަރުގެ ޙަޤީޤަތް ހޯދުމުގެ ޝައުޤުވެރިކަން ހިތުގައި އޮތުމުން ޝާހިދާ ބައްދަލުވޭތޯ ދިޔައިމެވެ.

މީހަކު ކައިރީގައި އަހައިގެން އޭނާ އުޅޭ ގެ ހޯދީމެވެ. ހީކުރިވަރަށްވުރެ ފަސޭހައިން އޭނާއާ ދިމާވިއެވެ. އޭނާ އުޅުނީ ގޭ ދޮރުމަތީގައި ހެދިފައިވާ ފޭރުގަހެއްގައި ހުރި ގިތިފޭރުތަކަށް ފުޅި ލައްވާށެވެ. އަހަރެން ފެނުމުން އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާދަރަޖައިގެ ހައިރާންކަމެވެ. "ނަޝްވާ. . ! ކަމަކުތަ؟" އަރާހުރި ހަރުގަނޑުން ފައިބަމުން ޝާހިދު އެހިއެވެ.

އެއީ މީގެކުރިން ދުވަހަކު ވެސް އަހަރެން ދިޔަ ގެ އެއް ނޫނެވެ. ވާހަކަދެއްކި މީހެއް ނޫނެވެ. އެކަމަކު އާބާދީމަދު ކުދިކުދި ރަށްރަށުގައި އެންމެންނަކީ ވެސް ފެނިދެނިވާ މީހުންނެވެ. ވާހަކަ ފަށަންވީ ކިހާހިސާބަކުން ކަމެއް އަހަންނަކަށް ނޭނގުނެވެ. އެކަމަކު ޒިމްނާ އަމިއްލައަށް މަރުވީ ކީއްވެތޯ އެހުމުން ޝާހިދުގެ މޫނުމަތިން ފެންނަމުންދިޔަ ހައިރާންކަން ދެގުނައަށް އިތުރުވިއެވެ.

"އަހަންނަށް ކިހިނެއް އެނގޭނީ؟" އެ އަޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރެއް އެކުލެވިގެންވާ އަޑަކުން ޝާހިދު އެހިއެވެ. "ޒިމްނާ މަރުވިއިރު ރައްޓެހިވެގެން އުޅުނީ ޝާހިދާ." އަހަންނަށް އެނގިފައިވާ ގޮތަށް ބުނީމެވެ. "މަރުވީވެސް ޝާހިދާ ޖެހުނު މައްސަލައެއްގަ. . " ޝާހިދު ފުންނޭވާއެއްލިއެވެ.

ހީވީ އަހަރެން ފެނުމުން އުފެދުނު ހުރިހާ ނުތަނަވަސްކަމެއް އެއްފަހަރާ ބޭރުކޮށްލީހެންނެވެ. "އެއީ ދޮގެއް! ޒިމްނާ އަހަންނަކާ ރައްޓެއްސެއްނުވެ. އަހަރެން އުޅުނީ ޒިމްނާއާ އަޅައިގަނެގެން، ރައްޓެހިވާހިތުން. އެކަމަކު ޒިމްނާ ބުނީ މިރަށު ކުއްޖަކާ ރައްޓެހިވާކަށް ބޭނުމެއްނޫނޭ. ހީވަނީ އޭރު އޭނާ އުޅުނީ ކުޅުދުއްފުށީ ކުއްޖަކާ ރައްޓެހިވެގެންހެން." ޝާހިދަށް ހީކުރެވިފައިވާ ގޮތް ބުންޏެވެ. އޭރު ރަށުގެ ތަޢުލީމީ ހާލަތުހުރިގޮތުން ކިރިޔާވެސް ފޯރާބައެއްނަމަ ދަރިން ކިޔަވަން ފޮނުވާނީ ކުޅުދުއްފުށްޓަށެވެ. އަހަރެން ވެސް އުމުރުން އެގާރަ އަހަރުން ފެށިގެން އުޅުނީ އެރަށުގައެވެ. "ރީމާ ވެސް ބުނި ޒިމްނާ ބުންޏޭ ރަށަށް އަންނަހިތެއް ނުވެއޭ! އެކަން ހިނގީވެސް އެ އަހަރު ބޮޑު ޗުއްޓީގަ ޒިމްނާ ރަށަށް އައިސް އުޅެނިކޮށް!" ޝާހިދުގެ ވާހަކައިން އަހަންނަށް ގަބޫލުކުރެވުނީ ދައްތައަށް އެދިމާވި ކަމެއް ދިމާވީ މިރަށުން ކަމުގައެވެ.

އަހަރެން ރީމާއާ ވެސް ވާހަކަދެއްކީމެވެ. އެއީ ދައްތަގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކައެއް ނުވަތަ ލޯބިވާ މީހަކު ހުންނަ ވާހަކައެއް ވެސް ރީމާ ކައިރީގައި ބުނެފައެއްނުވެއެވެ. "އަހަރެން ބުނިން ޝާހިދަކީ ރީތި، ރަނގަޅު ކުއްޖެކޭ!" ޒިމްނާގެ ހަނދާންތައް އާކުރަމުން ރީމާ ކިޔައިދިނެވެ. "އެކަމަކު ބުނީ ތިމަންނާގެ ޙަޤީޤަތް އެނގިއްޖެނަމަ ޝާހީދު ރައްޓެއްސެއް ނުވާނޭ!" ކޮން ޙަޤީޤަތެއް ހެއްޔެވެ؟ އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. "އެފަހަރު ޗުއްޓީގަ އައިސް އުޅެފަ އެދެއްކި ވާހަކަތަކެއް އަހަންނަކަށް ވެސް ނޭނގެ. ކިޔަވާ ހިތެއްނުވެއޭ! އެކަމަކު ކިޔަވަން ނުގޮސް ރަށުގަ ހުންނަ ހިތެއްނުވެއޭ! ގެ އަށް ދާހިތެއްނުވެއޭ! ދެން ނޭނގެ އަހަންނަކަށް" ހަނދާންހުރި މިންވަރަށް ރީމާ ކިޔައިދިނެވެ.

ޝާހިދާއި ރީމާ ދެއްކި ވާހަކަތައް އެއްކޮށްލުމުން ކުރެވެމުންދިޔަ ހީތައްވީއިތުރެވެ. ބައެއްކަންކަން ޔަޤީން ވެސް ވިއެވެ. ނުހާގެ ކޯލެއް އައީ އެވަގުތެވެ. ނީމްގެ ފަރާތުން އަހަންނަށް ފާހަގަކުރެވޭ ހުރިހާ ކަމެއް ކިޔައިދިނީމެވެ. "ވެދާނެ މީހަކު ޖިންސީގޯނާ ކުރަނީކަމަށް!" ނުހާ ދިން ޖަވާބުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ބުނަން ކިތަންމެ ބޭނުން ނުވިޔަސް އެއީ އަހަންނަށް ވެސް ހީކުރެވުނު ގޮތެވެ.

ނުހާ ވަރަށް ތަފުސީލުކޮށް އެފަދަކަންކަން ދެނެގަންނާނެ ގޮތްތައް ކިޔާދިނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެފަދަ އަނިޔާތައް ތަޙައްމުލު ކުރަމުންދާ ކުއްޖަކާއި، އެފަދަ ކަމެއް އަލަށް ދިމާވާން ފަށާ ކުއްޖަކަށް އަންނާނެ ބަދަލުތައް އޮޅުންފިލުވައިދިނެވެ. ބިރުވެރިކަމާއި، ނުތަނަވަސްކަން ހިލައިގެ ފާރުތަކެއް ފަދައިން ހަފަރާތުން އައިސް އަހަރެން ފިއްތައިލިއެވެ. ޖަވާބު ނޭނގޭ ސުވާލުތައް ހިތުގައި ގިނަވަމުން ދިޔުމުން ހާސްކަން އިތުރުވާން ފެށިއެވެ. އެފަދަ ނުބައި ކަމެއް އެކުރަނީ ކާކު ހެއްޔެވެ؟ ގެއަށް ވަދެއުޅޭ ރައްޓެއްސެއް ހެއްޔެވެ؟ ނުވަތަ ތިމާގެމީހެއް ހެއްޔެވެ؟ އެއީ ކޮންމެ މީހަކަށް ވިޔަސް މަންމަ އާއި ބައްޕަ އަށް ނޭނގި އެކަން ހިނގާފާނެ ހެއްޔެވެ؟ އަހަރެން އެކިގޮތްގޮތަށް ނީމްއާ ސުވާލުކުރީމެވެ.

ލިބުނު ޖަވާބުން ބޮލަށް އެނބުރުން އެރިއެވެ. ހަމަ އެހާމެ ހިތްދަތި ވެސް ވިއެވެ. މައިންބަފައިންގެ ޝިކާރައަކަށް ދަރިންވާނަމަ އެދަރީންނަށް ހިމާޔަތްދޭނެ ދުރުހިލޭމީހަކު ހުންނާނެ ހެއްޔެވެ؟ އުފަން ދަރިއަކާއި، ކާފަ ދަރިއެއްގެ މާބޮޑު ތަފާތެއް ނުހުންނާނެއެވެ. ލޯބިވާނީ އަދި ހެޔޮ އެދޭނީ ވެސް އެއްވަރަކަށެވެ. ދެއްކޭނެ މާބޮޑު ހެއްކެއް ނެތް ނަމަވެސް އަހަރެންގެ ހިތް ބުނަނީ ދައްތަ މަރުވީ ވެސް ބައްޕަގެ ޝިކާރައަކަށް ވުމުން ކަމުގައެވެ. އަމިއްލަ ދަރިފުޅަށް ރަޙުމުނުކުރި މީހަކު ކާފަދަރިފުޅަށް ރަޙުމުކުރާނެ ހެއްޔެވެ؟ ގިނަ ދުވަސްތަކެއް ވަންދެން ރަށުން ބޭރުގައި ކިޔަވަން އުޅެން ޖެހުމަކީ އަހަރެންގެ ނަސީބެވެ.

އަހަރެން އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރީމެވެ. ބައްޕަ ފަޟީޙަތް ނުކުރުމަށް އެދި މަންމަ އާދޭސްކުރިއެވެ. މިއީ ފުރަތަމަ ފަހަރު ކަމަށް ވީތީ މަޢާފުކޮށްދިނުމަށް އެދުނެވެ.

ނޫނެކެވެ. މިއީ ފުރަތަމަ ފަހަރުކަމަށް އަހަރެން ޤަބޫލެއްނުކުރަމެވެ. އަހަރެމެންނަށް ނޭނގޭ ނުވަތަ ސިއްރުކުރެވިފައިވާ މިފަދަ ކިތަންމެ ކަމެއް ހުންނާނެއެވެ. އެއްވެސް މީހަކު ކައިރީގައި ވެގެން އުޅޭގޮތް ނުބުނެ ދައްތަ އަމިއްލައަށް މަރުވުން އޭގެ ހެއްކަކަށް ފުދެއެވެ.

މި ކުޑަކުޑަ މުޖުތަމަޢުގައި މިފަދަ ކުށްތައް އިންތިހާއަށް އިތުރުވަމުން ދިޔުމުގެ އަސްލަކީ ކުށްވެރިންގެ ދިފާއުގައި ވާހަކަދައްކާ މީހުން ގިނަވުމެވެ. ދެވަނަ ފަހަރަށް މުޖުތަމަޢު އެމީހުން ބަލައިވެސް ގަންނާނެއެވެ. އިންސާފު ނުލިބޭނީ އަނިޔާ ލިބުނު ފަރާތަށެވެ. މީހުން މެރުމާއި، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމަކީ މަޢާފުކުރެވޭނެ ކުށްކުށެއްނޫނެވެ. އެފަދަ މީހުން މިނިވަންވުމުން މާދަމާ އެހެން މީހެއްގެ މައުސޫމު ދަރިއަކު ޝިކާރަނުކުރާނެ ކަމާމެދު އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ?????

    6
    1
  2. އެޖެންޑާ ކެހެރިނުފަޅާ ކަންނެލި

    ވަރަށްސަޅި ވާހަކައެއް އަށްޑޫ ގައިވެސް މިފަދަ ހަގީގީ ހާދިސާ އެއް މީގެ އެތަކެއް އަހަރުކުރިން ހިގިވާހަކައެއް އަޑުއެހިން . ދޮން ކާފަ ޔަކު ގްރޭޑް 2 ގައި އުޅޭ ކުއްޖަކު ރޭޕްކުރީޔޯ މާމަޔަކު އެކަން ސިއްރުކުރީޔޯ އޭގެ ދުވަސްކޮޅެއްފަހުން ވީ ނުވީ ނޭ ގޭ ކުއްލި މަރެއްގައި ދައްތަ ކުއްޖާ 16 ވަރަކަށް އަހަރުގެ އަންހެންކުއްޖަކު ވަނީ ނިޔާވެފަޔޯ މިބުނާ ވަހުޝީ ދޮންކާފަ ނިޔާވީ މިދިއަ އަހަރު ފާހާނާ އަށް ވަދެފަ ހަބަރެއްނުވެ ލަސްވީމަ ބެލި އިރު އޮތީ ގަޔަށް ގުއިރީ ގެން މަރުވެފަޔޯ. މިބުނާ ކުޑަކުއްޖާގެ ބޮޑުބޭބެޔަކީ ވެސް މިކއްޖާ ރޭޕް ކުރުމުގައި ބައިވެރިވިމީހެއް .ކާފަ ބެހޭތަން ފެނުނީމާ ބޮޑުބޭބެވެސް ބައިވެރި ވިއްޔޯ . މީ ޔުނިވާރސިޓީ އެއްގައިމިހާރު އުޅޭ ، މިބުނާ ހާދިސާ ދިމަާވި އަސްލު ކުއްޖާ ކިޔާދިން ވާހަކައެއް އެކުއްޖާ ކުޑައިރު. މިހާރު އެކުއްޖާގެ އުމުރަކީ ބާވިސް އަހަރު މީހަކާވެސް އިދެފި

    13
  3. ސޮނިފުހޭ

    އިސްލާމީ ޝަރީއަތް ގާއިމް ކުރޭ

    19
  4. ކަހަނބު ވިތްޓޯ ޓޯ

    ގާނޫނުގެ ވަރަ ބިންދައިގެން ދިޔާމަ ބޮކްސާ ބާލައިގެން ދުވާ މީހުން ގިނަވެއެވެ އިސްލާމީ ޝަރީއަތް ގާއިމް ކުރުމަކީ މައްސަލަ ތަކުގެ ހައްލު ހެޔޮނުވާނެ އިސްލާމީ ތައުލީމް ދެއްވާ.ރޯނު އެދުރުން މުދިން ކަމުން ވަކިކުރޭ .

    15
    1