ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ދިރިއުޅުމުގެ ކުރީކޮޅަށް ބަލާލާއިރު އެތަނުން ގިނަ ފަރާތްތަކަކީ ވަރަށް އާދައިގެ ފެށުމަކުން އައިސްފައިވާ ބައެއް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޓެސްލާ، ސްޕޭސް އެކްސް އަދި ދަ ބޯރިންގް ކޮމްޕެނީ ފަދަ ކުންފުނިތަކުގެ ވެރިޔާ އިލޯން މަސްކް، ފޭސްބުކްގެ އިސް ވެރިޔާ މާކް ޒަކަބާގްގެ އިތުރުން މައިކްރޯސޮފްޓުގެ އިސްވެރިޔާ ބިލް ގޭޓްސްފަދަ ފަރާތްތަކުގެ ދިރިއުޅުމަކީ އެކަމުގެ ލާމަސީލު މިސާލުތަކެވެ. މައިކްރޯސޮފްޓުގެ އިސްވެރިޔާ ބިލް ގޭޓްސް ބިލިއަނަރަކަށްވުމަށް މުޅިއެކު 12 އަހަރު ހޭދަވެގެންދިޔައެވެ.

ކިތަންމެ އާދައިގެ އަދި ފަސޭހަ ވަޒީފާއަކުންވެސް ބިލިއަނަރަކަށްވެވިދާނެކަން ދަންނާށެވެ. އަދި ބިލިއަނަރަކަށްވުމަށްޓަކައި ކޮންމެހެން ބޮޑު ޔުނިވާރސިޓީއަކުން ވަރުގަދަ ޑިގްރީއެއް އޮންނަން ނުޖެހޭކަމަކީ ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ސާބިތުކޮށްދީފައިވާ ކަމެކެވެ.

ދުނިޔޭގެ އެންމެ މުއްސަނދި 100 މީހުންގެ ގޮތުގައި ފޯބްސްއިން ކަނޑައަޅާފައިވާ ލިސްޓުގައި ތިބި މީހުންގެ ތެރެއިން 75 މީހުންގެ އަތުގައި ޑިގްރީއެއް އޮވެއެވެ. އެތަނުން އެންމެ ގިނައީ އިންޖިނިއަރިންގް، ބިޒްނަސް، ފައިނޭންސް އަދި އިކޮނޮމިކްސް، ލޯ އަދި ކޮމްޕިއުޓާރ ސައިންސްގެ ދާއިރާއިން ޑިގްރީ އޮންނަ ފަރާތްތަކެވެ.

އެހެންނަމަވެސް އެ ލިސްޓާއި ބެހޭގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ލިސްޓުގައި ތިބި ގިނަ މީހުން އެމީހުންގެ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ސޭލްސްޕާރސަންއެއްގެ ވަޒީފާއިން ފެށިކަމެވެ. ގިނަ ފަރާތްތައް އާއިލާއާއި ގުޅުން ނޯންނަ ވިޔަފާރިތަކުގައި މަސައްކަތްކުރަންފެށިއިރު އަނެއްބައި ފަރާތްތަކުން މަސައްކަތްކުރަންފެށީ ސްޓޮކް އެކްސްޗޭންޖުގެ ދާއިރާއިންނެވެ. ދެން އެންމެ ގިނައީ އިންޖިނިއަރިންގްގެ ދާއިރާއިން މަސައްކަތްކުރަން ފެށި ފަރާތްތަކެވެ.

މިކަމުން އެނގިގެންދާ އެންމެ މުހިންމު އިބުރަތަކީ ކިތަންމެ އާދައިގެ ދިރިއުޅުމަކުންވެސް ބިލިއަނަރަކަށް ވެވިދާނެކަމެވެ. އެކަމަށް ޔުނިވާރސިޓީ ޑިގްރީއެއް ކޮންމެހެން ބޭނުންނުވާއިރު އެކަން ކުރުމަށްޓަކައި އާދައިގެ ވަޒީފާއަކުންވެސް މަސައްކަތް ފެށިދާނެއެވެ. އެންމެ މުހިންމު ކަމަކީ ގަދައަޅައި މަސައްކަތްކުރުމެވެ.

 

ކިޔުންތެރިންގެ ހިޔާލު