ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ދިރިއުޅުމުގެ ކުރީކޮޅަށް ބަލާލާއިރު އެތަނުން ގިނަ ފަރާތްތަކަކީ ވަރަށް އާދައިގެ ފެށުމަކުން އައިސްފައިވާ ބައެއް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޓެސްލާ، ސްޕޭސް އެކްސް އަދި ދަ ބޯރިންގް ކޮމްޕެނީ ފަދަ ކުންފުނިތަކުގެ ވެރިޔާ އިލޯން މަސްކް، ފޭސްބުކްގެ އިސް ވެރިޔާ މާކް ޒަކަބާގްގެ އިތުރުން މައިކްރޯސޮފްޓުގެ އިސްވެރިޔާ ބިލް ގޭޓްސްފަދަ ފަރާތްތަކުގެ ދިރިއުޅުމަކީ އެކަމުގެ ލާމަސީލު މިސާލުތަކެވެ. މައިކްރޯސޮފްޓުގެ އިސްވެރިޔާ ބިލް ގޭޓްސް ބިލިއަނަރަކަށްވުމަށް މުޅިއެކު 12 އަހަރު ހޭދަވެގެންދިޔައެވެ.

ކިތަންމެ އާދައިގެ އަދި ފަސޭހަ ވަޒީފާއަކުންވެސް ބިލިއަނަރަކަށްވެވިދާނެކަން ދަންނާށެވެ. އަދި ބިލިއަނަރަކަށްވުމަށްޓަކައި ކޮންމެހެން ބޮޑު ޔުނިވާރސިޓީއަކުން ވަރުގަދަ ޑިގްރީއެއް އޮންނަން ނުޖެހޭކަމަކީ ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ސާބިތުކޮށްދީފައިވާ ކަމެކެވެ.

ދުނިޔޭގެ އެންމެ މުއްސަނދި 100 މީހުންގެ ގޮތުގައި ފޯބްސްއިން ކަނޑައަޅާފައިވާ ލިސްޓުގައި ތިބި މީހުންގެ ތެރެއިން 75 މީހުންގެ އަތުގައި ޑިގްރީއެއް އޮވެއެވެ. އެތަނުން އެންމެ ގިނައީ އިންޖިނިއަރިންގް، ބިޒްނަސް، ފައިނޭންސް އަދި އިކޮނޮމިކްސް، ލޯ އަދި ކޮމްޕިއުޓާރ ސައިންސްގެ ދާއިރާއިން ޑިގްރީ އޮންނަ ފަރާތްތަކެވެ.

އެހެންނަމަވެސް އެ ލިސްޓާއި ބެހޭގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ލިސްޓުގައި ތިބި ގިނަ މީހުން އެމީހުންގެ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ސޭލްސްޕާރސަންއެއްގެ ވަޒީފާއިން ފެށިކަމެވެ. ގިނަ ފަރާތްތައް އާއިލާއާއި ގުޅުން ނޯންނަ ވިޔަފާރިތަކުގައި މަސައްކަތްކުރަންފެށިއިރު އަނެއްބައި ފަރާތްތަކުން މަސައްކަތްކުރަންފެށީ ސްޓޮކް އެކްސްޗޭންޖުގެ ދާއިރާއިންނެވެ. ދެން އެންމެ ގިނައީ އިންޖިނިއަރިންގްގެ ދާއިރާއިން މަސައްކަތްކުރަން ފެށި ފަރާތްތަކެވެ.

މިކަމުން އެނގިގެންދާ އެންމެ މުހިންމު އިބުރަތަކީ ކިތަންމެ އާދައިގެ ދިރިއުޅުމަކުންވެސް ބިލިއަނަރަކަށް ވެވިދާނެކަމެވެ. އެކަމަށް ޔުނިވާރސިޓީ ޑިގްރީއެއް ކޮންމެހެން ބޭނުންނުވާއިރު އެކަން ކުރުމަށްޓަކައި އާދައިގެ ވަޒީފާއަކުންވެސް މަސައްކަތް ފެށިދާނެއެވެ. އެންމެ މުހިންމު ކަމަކީ ގަދައަޅައި މަސައްކަތްކުރުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާދަނު

    ބިލިޔަނަރަކަށް ވުމަކީ އެއްވެސް މައްސަލައެއްނޫން. އެކަމަކު އަހަރެމެން ގަދައަޅައި މަސައްކަތް ކުރަންވީ ދުނިޔެ ހޯދަންތޯ ނުވަތަ އާހުރަތް ހޯދަންތޯ އެއީ އެންމެ ފުރަތަމަ އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލު. އާހުރަތް އެދޭމީހާ އޭނާގެ ވަގުތު ހޭދަކުރުން ގިނަކުރާނީ ﷲ ގެ ރުއްސެވުން ހޯދޭ އަމަލުތައް ކުރުމުގައި. ދިރިއުޅުމަކީ ދާދިއަވަހަކު ނެތިދާނެ ހުވަފެނީ ތަޖުރިބާއެއް.

    49
  2. ކަތުރުފާނު

    ފައިސާއާއި ރިސޯސް ހައްދެއްނެތް މިންވަރަށް ހުންނަ ގައުމުތަކުގަ ކޮންމެވެސްބަޔަކު ބިލިއަނަރުންނަށްވާނެތާ، ދެން އެމީހުން ކުރީގަ ކޮންމެވެސް މަސައްކަތެއް ކޮށްފަތާ ހުންނާނީ.

    11
    1
  3. ހުސޭނުބޭ

    އެންމެ އަވަހަށް ބިލިއަނަރުންނަށް ވާނީ އަލިފާން ކެއުމުން! މިއީ ވަރަށް ވާހަކަ!

    10
  4. ޝާށާ

    ބޭނުން ނުވާމިންވަރަށް އެކައުންޓަށް ފައިސާ އަޅާ ޒަކަތްނުނެރެތިބެ ބިލިއަނަރުންނަށް ވީމަ އާޚިރަތުގަ އޮތީ ކޮން ފައިދާއެއް؟ އެކަމުންވެސް ފާފައެއް ނޫނީ ނުލިޔެވޭނެ. މުދަލާ މުއްސަނދިކަމަކީ ވަރަށް ބޮޑު އިމްތިހާނެެއް. އެއަށް ހަދާނެ ނުހަދާނެ ގޮތް ނޭނގި މީހާ ވާވައްދުވާލާ ބިރުވެރިކަމެއް. މެއިން ޓާގެޓަކީ ސުވަރުގެ. މި ހިނދުކޮޅުގައި ކަމެއް ނޭނގެ މަރު ވާންޖެހޭނީ. ތިފަދަ ނުރައްކާތެރި މުއްސަނދިކަމެއް ބޭނުމެއްނޫން ބަޔަކަށް އެހީވާން މެނުވީ..