ޗުއްޓީ ހޭދަކުރުމަށް ނޭޕާލަށް ގޮސްގެން އުޅުނު އިންޑިއާގެ 8 ފަތުރުވެރިއަކު، ނޭވާ ހާސްވެގެން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި 8 ފަތުރުވެރިން މަރުވެފައިވަނީ އެމީހުން ތިބި ހޮޓެލް ތެރޭގައި ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް މަޑުކޮށްފައިވަނީ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ދާ މަންޒިލެއް ކަމަށްވާ ކަތަމަންޑޫގެ ޑަމަން ގައެވެ. ޑަމަން އަކީ ކައިރީގައި ވާ ފަރުބަތަށް ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ މަންޒިލެކެވެ.

ފުލުހުން ބުނެފައިވަނީ އެ މީހުން މަރުވެފައިވަނީ ހޮޓެލް ތެރެ މާ ފިނިވުމުން، ކައްކާ ގޭސް އުދުން ޖެއްސުމުން ނޭވާ ހާސްވެގެން، އެމީހުންގެ ދަތުރު ނިމެން އުޅެނިކޮށް ކަމަށެވެ. މި 8 މީހުން މަރުވެފައިވާއިރު އެމީހުންނާއި އެކީ އެތަނުގައި ތިބި އިތުރު 7 މީހަކަށް އެއްވެސް ކަހަލަ ކަމެއް ވެފައެއް ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ މިހާދިސާގައި މަރުވި 8 މީހުން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި މިހާރު އެ ފަތުރުވެރިންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމަކީ ނޭޕާލުގެ އިގްތިސޯދަށް އެންމެ ގިނައިން ފައިސާ ވަންނަ އެއް މަގެވެ. މިދިޔަ އަހަރު އެގައުމަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިރު އޭގެ ތެރެއިން ގިނައީ އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ.