ދުނިޔޭގައި އެކަމެއްގެ ހަގީގަތް ނޭނގޭ އެތައް އެތައް ބައްޔެއްވައިރު ނަފްސާނީ މައްސަލަތަކަކީ އަދި ވަކިން ހާއްސަކޮށް އެކަމެއްގެ ވާނުވާ ސައިންސްވެރިންނަށާއި ޑޮކްޓަރުންނަށް ހޯދަން އުނދަގޫ މައްސަލަތަކެވެ. އެގޮތުން ސްޓެންދެލް ސިންޑްރޯމް ނަމަކަށްކިޔާ ސައިކޮސޯމިކް ބައްޔަކީ މާ ގިނަ ކުރެހުމާއި ސަގާފީ އެއްޗިހި ފެނުމުން އެބަލި ހުންނަ މީހަކަށް އެކި ކަހަލަ މައްސަލަތަކާއި ކުރިމަތިކުރުވާ ބައްޔެކެވެ.

ފްލޯރެންސް ސިންޑްރޯމް އަދި ހައިޕާރކަލްޗާރީމިއާގެ ނަމުންވެސް ނަން ދެވިފައިވާ މި ބައްޔަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެ ބަލި ހުންނަ މީހަކަށް މާ ގިނަ ކުރެހުމާއި ތާރީޚީ އެއްޗިހި ހުންނަ ތަންތަން މިސާލަކަށް ދާރުލްއާސާރެއްފަދަ ތަނަކަށް ވަދެއްޖެނަމަ ހިތުގެ މައްސަލަތަކާއި، ޕެނިކް އެޓޭކް އަދި ބޮލަށް އެނބުރުން އެރުންފަދަ މައްސަލަތަކާއި ކުރިމަތިވާކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އެފަދަ މީހުންނަށް ހަދާންނެތުމުގެ މައްސަލަތައްވެސް އެވަގުތުކޮޅު ކުރިމަތިވާއިރު ނުފެންނަ އެއްޗެހި ލޮލަށް ސިފަވުން ފަދަ މައްސަލަތަކާއިވެސް ކުރިމަތިވެދާނެއެވެ.

އެ ބައްޔަށް ނަންދެވިފައިވަނީ 19 ވަނަ ގަރުނުގައި ދިރިއުޅުނު ފަރަންސޭސިވިލާތުގެ ލިޔުންތެރިޔެއްކަމުގައިވާ މަރީ-ހެންރީ ބޭލްގެ ފަރާތުންނެވެ. އޭނާ ވަނީ އިޓަލީގެ ފްލޯރެންސްގައި ހުންނަ ބަސިލިކާ އޮފް ސެންޓާ ކްރޯކޭއަށް ވަނުމާއިއެކު އެތަނުގައި ހުރި ކުރެހުންތަކާއި އެއްޗެހީގެ ސަބަބުން އޭނާ މޮޔަވެގެންދިޔަކަމަށް ކިޔައިދީފައެވެ.

ސްޓެންދެލް ސިންޑްރޯމްއަކީ ޕެރިސް ސިންޑްރޯމް އަދި ޖެރުސަލެމް ސިންޑްރޯމްފަދަ މައްސަލަތަކާއިވެސް ވަރަށް އެއްގޮތް މައްސަލައެކެވެ. އެ މައްސަލަތަކަކީ ޕެރިސްއަށް ނުވަތަ ޖެރުސަލެމްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެތަންތަނުގެ ރީތިކަމުގެ ސަބަބުން އާޝޯހުވެ މޮޔަވުމަށް މެދުވެރިކުރުވާފަދަ މައްސަލަތަކެކެވެ.