ތައިލޭންޑަކީ ދުނިޔޭގައި އެންމެ އާދަޔާޙިލާފް އެއް ސަގާފަތް އޮންނަ އެއް ގައުމެވެ. އެ ގައުމަކީ ފަތުރުވެރިންގެ މެދުގައި އެ ގައުމުގެ ރީތި ގޮނޑުދޮށްތަކާއި ކަނޑުގެ ގުދުރަތީ ރީތިކަމަށްވެސް ވަރަށް މަގުބޫލު މަންޒިލެކެވެ. އެކަންކަމުގެ އިތުރުންވެސް ތައިލޭންޑްގައި ކޮންމެ އަހަރަކުހެން އޮންނަ ރާމާމަކުނަށް ހާއްސަ ޖާފަތަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އެ ޖާފަތަކީ އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަގުބޫލު ޖާފަތެކެވެ.

މަޖާ ކުރުމަށްޓަކައި ތައިލޭންޑްގެ ލޮޕްބުރި ޕްރޮވިންސްގައި ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ދަނީ މޭޒުތަކެއް އަތުރައި އެ މޭޒުތައް މަތީގައި މޭވާ، މާ، ކޭކް އަދި އެހެނިހެންވެސް ރަމާމަކުނު ކާ ހިތްވާކަހަލަ ފޮނި އެއްޗިހި އަތުރައި އެ އެއްޗިހި ރާމާމަކުނުތަކަށް ހަދިޔާކުރަމުންނެވެ. އެތަން ބަލަން އަންނަ ފަތުރުވެރިންނަށް ރާމާމަކުނުތައް އެއް މޭޒުން އަނެއް މޭޒަށް ފުންމައި އެ އެއްޗިއްސަށްޓަކައި ތައްޔާރުކުރެވިފައިވާ ޖާފަތް ފެނި އުފާކުރާ މަންޒަރަކީ ވަރަށް މަޖާ އަދި އުފާކުރުވާ މަންޒަރެކެވެ.

އެ ޖާފަތަށް މަންކީ ބުފޭ ފެސްޓިވަލްގެ ނަން ދެވިފައި އޮންނައިރު އެއީ އާންމުކޮށް ތައިލޭންޑްގައި ނޮވެމްބަރު މަހު އޮންނަ ޖާފަތެކެވެ. އެ ޖާފަތް އެންމެ ފުރަތަމަ ފެށީ ޔޮންގްޔުތް ކިޓްވަޓަނަނުސޮންޓް ނަމަކަށްކިޔާ މީހެކެވެ. އޭނާގެ އެ މަސައްކަތަށް ފަތުރުވެރިންގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން އެގައުމުގެ ސަރުކާރުންވެސް ވަނީ އޭނާއަށް އެކަމުގައި އެހީތެރިވާން ފަށައިފައެވެ.

އާންމުކޮށް އެހެން ގައުމުތަކުގައި ރާމާމަކުނަކީ އިންސާނުންނަށް އުނދަގޫކުރުމަށް ނަން މަޝްހޫރުވެފައިވާ ޖަނަވާރެކެވެ. ތައިލޭންޑްގައި އެކަން ވަނީ ދިމާ އިދިކޮޅަށެވެ. ރާމާމަކުނުތަކުގެ ސަބަބުން އުނދަގޫވުމުގެ ބަދަލުގައި އެ ގައުމަކީ ރާމާމަކުނުތަކަށް ހާއްސަކޮށްގެން ޖާފަތެއް ބާއްވާ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު