އުމުރުން 75 އަހަރުގެ މީހަކު އޭނާގެ ރައްޓެހިންގެ ފަރާތުން ޚަބަރެއް ނުވެގެން އުޅޭތާ ތިން ހަތަރު މަހެއްވަރު ވެއްޖެ އެވެ. މިކަމާ ގުޅިގެން އޭނާ ކަންބޮޑުވެ، ވެގެން އުޅޭ ގޮތެއް ބަލަން ބޭނުން ވެއްޖެއެވެ.

ސްކޮޓްލޭންޑަށް ނިސްބަތްވާ އުމުރުން 75 އަހަރުގެ އެލަން ހެޓެލް ވަނީ ވެގެން އުޅޭ ގޮތް ފަހުން ސާފުކޮށްފައެވެ. އޭނާ ކުރި ތަހުގީގުން އެނގުނު ގޮތުގައި އޭނާގެ ކުރީގެ އަނބިމީހާ ވަނީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން އޭނާ މަރުވެއްޖެ ކަމަށް ނިންމައި އޭނާގެ ނަމުގައި މަހާނައެއް ހަދާފައެވެ. އަދި މަހާނާގައި އޭނާގެ ނަންވެސް ވަނީ ޖަހާފައެވެ.

"އަހަރެންގެ ފޯނަށް ކޯލެއް ނާންނަތާ މިހާރު މަސްތަކެއް ވެއްޖެ. އެމީހުން ނުގުޅާތީ އަހަރެން މިހިރީ ވީނުވީއެއް ނޭނގި. ހުއްޓާ މި އެނގުނީ އެމީހުން ހީކުރަނީ އަހަރެން ދުނިޔޭގަ ނެތީ ކަމަށް. އެމީހުން ހީކުރަނީ އަހަރެން މަރުވެއްޖެ ކަމަށް،" އެމީހާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ، މަރުވުމުންވެސް އޭނާގެ ހަށިގަނޑު ވަޅުލާން ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުން ވަނީ އޭނާގެ ހަށިގަނޑު އަންދާލަން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމީހާގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށް ބުނެ މީހުންނަށް އޮޅުވާލި، އޭނާގެ ކުރީގެ އަނބިމީހާއާ އެ ދެމީހުން ވަރިވެފައިވަނީ މީގެ 26 ވަރަކަށް އަހަރު ކުރިންނެވެ. އަދި އޭނާގެ މަރުގެ ދޮގު ޚަބަރު ފެތުރި ކަމުގެ ޒިންމާ އޭނާގެ ކުރީގެ އަނބިމީހާ ނަގަން ޖެހޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު