އިންޑޮނޭޝިއާގައި މަސްވެރިކަމަށް ނުކުމެ އުޅުނު ކުއްޖެއްގެ ކަރަށް، ފުންމައިގެން އައި ތޮޅިހެއް ހެރިއްޖެއެވެ.

އުމުރުން 16 އަހަރުގެ މުހައްމަދު އިދުލް ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ މަހަށް ނުކުމެ އުޅުނީ އޭނާގެ އާއިލާގެ މީހުންނާއި އެކީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ބުޓޮންގެ އިރުދެކުނުގެ ކަނޑަށެވެ.

އެ ތޮޅި އެކުއްޖާގެ ކަރަށް ވަތ ްގޮތަށް ވަނީ އެއްކޮޅުން ފޫ އަޅުވާފައެވެ. އިދުލްގެ އާއިލާ މީހުން އަވަސްވެގަތީ އޭނާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ވަނީ އޭނާގެ ސާޖަރި ދެ ދުވަސް ފަހުން ކުރުމަށް އަންގައި އޭނާއަށް އެވަގުތު ދެވެން ހުރި ފަރުވާތައް ދީފައެވެ.

އިދުލްގެ ކަރުން ނަގާފައިވާ ތޮޅިގެ ތުނބު--ފޮޓޯ: މީސްމީޑިއާ

މީސްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ތޮޅި ހެރިފައިވަނީ އެކުއްޖާގެ ކަރުގެ ފަހަތަށް ވާ ގޮތަށެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ކަރުގެ މެދަށް ހެރުނު ނަމަ އޭނާ ދިރިހުރުމުގެ ފުރުސަތު ކުޑަކަމަށެވެ.

އޮޕަރޭޝަނަށް ހާއްސަ 2 ޑޮކްޓަރުންނާއި ހޭނައްތާ 2 ޑޮކްޓަރުންނާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ސާޖަރީ ވަނީ 2 ގަޑިއިރަށް ދިގު ދެމިގެން ގޮސްފައެވެ. އޭނާގެ ސާޖަރީ ކުރި ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ ސާޖަރީ ކޮށްފައިވަނީ އޭނާގެ ކަރުގެ މައި ނާރަށް ވަރަށް ބަލައިގެން ކަމަށާއި ތޮޅި ހުރީ މައިނާރަށްވެސް ކޮންމެވެސް ވަރަކަށް އަސަރު ކުރާ ގޮތަށް ވަދެފައި ކަމަށެވެ.

އަދި އެފަރާތުން ބުނެފައިވަނީ އިދުލްގެ ނަސީބު ވަރަށް ރަނގަޅު ކަމަށާއި، މީގެ ކުރިން އެގޮތަށް ކަރަށް ތޮޅިއެއް ހެރިގެން އަންނަ ފަރާތްތަކުން ދުނިޔޭގައި ތިބި ނަމަވެސް ކޮންމެވެސް ކަހަލަ އައިބެއް އެމީހެއްގެ ކިބައިން ފެންނަން ހުންނާނެ ކަމަށެވެ.

އިދުލްގެ އާއިލާއިން ބުނެފައިވަނީ ސާޖަރީއަށް ފަހު އޭނާގެ ހާލު ރަނގަޅު ނަމަވެސް އޭނާގެ ގައިގައި ހުމުގެ އަަސަރު ހުރި ކަމަށެވެ. އަދި ހުމުގެ އަސަރު ކެނޑުމުން އޭނާ ގެއަށް ދޫކޮށްލާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.