ޓީވީ ސީރިއަލްތަކުން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޖެނިފަރ ވިންގެޓް، އޭނާގެ މީސްމީޑިއާގައި ހިއްސާކުރި ނަފްސީއަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

"ސަން ކިސްޑް، އެންޑް ކިސިން ބެކް"، މި ކެޕްޝަން އާއި އެކު އޭނާ ހިއްސާ ކުރި މި ނަފްސީއަށް ފޭނުން ވަނީ ވަރަށް ބޮޑު ތަރުޚީބެއް ދީފައެވެ.

ޖެނީފަރ ހިއްސާކުރި މި ނަފްސީއަކީ ރިޝިކޭޝްގައި ނަގާފައިވާ ފޮޓޯއެކެވެ. "ސަން ކިސްޑް" އަކީ އިރުގެ ދޯދިތައް މޫނަށް އެޅުމުން ދަޅަ އަޅާފައިވާ ފޮޓޯތައް ހިއްސާކުރާ އިރު ޒުވާނުން ފަހަކަށް އައިސް ބޭނުން ކުރަމުންދާ ކެޕްޝަންއެކެވެ.

ޖެނިފަރ އަކީ އިންޑިއާގެ ސީރިއަލްގެ ދުނިޔޭގައި އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ އެއް ފަންނާނެވެ.

ދިވެހިންގެ މެދުގައި މަޤްބޫލް ކަސޯޓީ ޒިންދަގީއިން އެންމެ ފުރަތަމަ ވިދާލި ޖެނިފާއަކީ ސަރަސްވަތީ ޗަންދަން އާއި ބޭހަދް، ބޭޕަނާހް، ދިލް މިލްގަޔާ ފަދަ ސީރީޒްތަކުގައި މޮޅު އެކްޓިން އެއް ދެއްކި ފަންނާނެކެވެ.

ޖެނިފަރ އަކީ ހިންދީ ސީރީޒްއެއްގައި ލީޑް ރޯލެއްގެ ގޮތުގައި، ނެގެޓިވް ކެރެކްޓަރއަކުން ފެނުނު ފުރަތަމަ ފަންނާނެވެ.އެއީ ބޭހަދް 1ގައެވެ.

ބޭހަދްއަށް ލިބުނު ހޫނު ތަރުޚީބަށް ފަހު އެ ސީރީޒްގެ އިތުރު ސީކުއެލްއެއް މިދިޔަ އަހަރުގެ ފަހު ކޮޅު ވަނީ ފަށާފައެވެ.

ބޭހަދް 1ގައި ފެނިގެން ދިޔައީ ފިލްމްގައި ޖެނިފާ އަދާ ކުރި "މާޔާ"، ކެރެކްޓަރ އަށް މީހެއް ދެކެ ލޯބިވެވުމުން އޭނާ އެ ލޯބި ހާސިލް ކުރަން ހައްދު ފަހަނައަޅާ ދާ މަންޒަރެވެ. އެއާއި ޚިލާފަށް ބޭހަދް 2ގައި ފެންނަނީ "މާޔާ"ގެ ލޯބި ބީވުމުންނާއި އޭނާ ބަލިވެ އިންދާ އޭނާއަށް ނޭނގި އޭނާގެ ބަނޑުގައިވާ ދަރިފުޅު މަރާލުމުން އެކަމުގެ ބަދަލު ހިފަން އޭނާ ހައްދުފަހަނައަޅާ ދާ މަންޒަރެވެ.

https://www.youtube.com/watch?v=KBZMA065AYg

މިހާރު ޖެނިފަރ ދަނީ ރިޝިކޭޝްގައި ބޭހަދްގެ ޓީމާއި އެކު ހަރަކާތްތެރިވަމުންނެވެ.

ބޭހަދް 2ގެ މައި އެއް ކެރެކްޓަރކަމަށްވާ މިތުން ޖޭ ރޯއި ސިންގގެ ކިބައިން ބަދަލު ހިފުމަށް މާޔާ ކުރާ މަސައްކަތް ފެންނަ އިރު، އޭނާ އެކަން ކުރަނީ މިތުން ޖޭގެ ދަރިންނަށް އޮޅުވާލައިގެން އޭނާގެ ދަލުގައި ޖައްސައިގެންނެވެ.

އެގޮތުން ސީރީޒް ފެށިގެން އަދި މާ ގިނަ ދުވަހެއް ނުވަނީސް، މާޔާ ވަނީ މިތުން ޖޭގެ ހަގު ދަރިފުޅު ރިޝީ މަރާލާފައެވެ.

މާޔާ ރިޝީ މަރާލާފައި ވަނީ، ރިޝީ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ހީވާ ކަހަލަ ގޮތަކަށެވެ.

ސީރީޒްގެ ޕްލޮޓްލައިން ކުރިއަށްދާ ވަރަކަށް ދެން ވާނެ ގޮތެއް ބަލަން ފޭނުން ތިބީ ކެތް މަދު ވެފައެވެ.

ބޭހަދްގެ ކުރިއަށް އޮތް އެޕިސޯޑްގެ ޓީޒާއިން ފެންނަނީ މިތުން ޖޭގެ ދޮށީ ދަރިއާއި ކައިވެނިކޮށްގެން މާޔާ އެ ގެއަށް ދާ މަންޒަރެވެ.

އެއާއި އެކު މިތުން ޖޭ އާއި އޭނާގެ އާއިލާ އަށް ސިހުން ލިބެއެވެ. މިހާތަނަށް އެނގޭ ގޮތުން މާޔާ ބޭނުންވަނީ މިތުން ޖޭގެ މުޅި އާއިލާ ބަރުބާދުކޮށްލާށެވެ.

އެހެންނަމަވެސް މިތުން ޖޭގެ ބޮޑު ދަރިއަށް މަޑުމަޑުން މާޔާގެ ހިތް ޖެހެމުންދާކަން ސީރީޒް ކުރިއަށް ދާ ވަރަކަށް ފާހަގަކުރެވެއެވެ.

ބޭހަދް އަކީ އިންޑިއާގައި އާއްމުކޮށް ކުރިއަށް ގެންދާ ސީރިއަލްތަކާއި ޚިލާފަށް، ރީތި ވާހަކައެއްގެ މައްޗަށް ބިނާ ކުރާ ސީރިއަލްއެކެވެ.

އަދި ބޭކާރު ސީންތަކާއި، ސީންތައް ދިގު ދެންމުން ފަދަ ކޫސަނި ކަންކަން މި ސީރިއަލްއިން ފެނިގެނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު