އިންޑިއާގެ މެންގަލޫރުގައި ފަހަރި އާއި އޭނާގެ އަންހެން ކުއްޖެއްގެ ގަޔަށް އެސިޑް ޖެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

މި ހާދިސާއާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 55 އަހަރުގެ މީހެކެވެ.

ފުލުހުން ބުނެފައިވަނީ ޑަކްޝިނާ ކަންނަޑާ އަވަށުގައި ހިނގި މިހާދިސާގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާ، އެސިޑް ޖަހާފައިވަނީ އޭނާގެ ފަހަރިއާއި ފަހަރިގެ އަންހެން ދަރިފުޅުގެ ގަޔަށް ކަމަށެވެ. އެއަންހެން މީހާގެ އިތުރު 2 އަންހެން ދަރިން ތިބޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެސިޑް ޖެހުމުގެ ސަބަބުން ގައިގެ އެކި ތަންތަން އަނދައިގެން ގޮސް މިހާރު އެ އަންހެން މީހާ އާއި އޭނާގެ އަންހެން ދަރިފުޅު ވެންހޮކް ހޮސްޕޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނެފައެވެ.

އެ އަންހެން މީހާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ފިރިހެން މީހާ އެމީހުން ދިރިއުޅޭ ގެއަށް އައިސް އެސިޑް ޖެހުމުގެ ކުރިން އޭނާގެ ގައިގައި އަތްލައި ހަދާފައިވާ ކަމަށެވެ. އަދި ވަކި ހިސާބަކަށް ދިއުމުން އޭނާ ކަންކަމަށް އިންކާރު ކުރުމުން އެސިޑް ޖެހީ ކަމަށެވެ. މި އަންހެން މީހާއަކީ ފިރިހެނުން މަރުވެ ހުވަފަތް ވެފައިވާ އަންހެނެކެވެ.

ފުލުހުން ބުނެފައިވަނީ އެ ފިރިހެން މީހާ އެގޮތަށް ކަންތައް ކޮށްފައިވަނީ އަންހެން މީހާގެ ފިރިހެނުން މީގެ ކުރިން ބޭންކުން ނަގާފައިވާ ލޯނެއްގެ ސަބަބުން ކަމަށެވެ.

އަންހެން މީހާގެ ފިރިމީހާ ބޭންކުން ނަގާފައިވާ ލޯނު ނެގިތާ މާ ގިނަ ދުވަހެއް ނުވެ ފިރިހެން މީހާ މަރުވުމުން ބޭންކަށް ދެއްކިފައިވަނީ 2 މަހުގެ ލާރިއެވެ. އަދި އެގޮތަށް ނުދެއްކި ހުރުމުން ބޭންކުން ފޮނުވާ ޗިޓް ތައް ދަނީ އެ ފިރިހެން މީހާ ދިރިއުޅޭ ގެޔަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. މިގޮތަށް ޗިޓް މާ ގިނައިން ދިއުމުން އޭނާ ރުޅި އައިސްގެން އެކަން ކުރީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ މިހާރު ހުރީ އެމީހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.