ރޭ ލޮސްއެންޖެލެސްގެ ސްޓޭޕްލްސް ސެންޓަރުގައި ބޭއްވި ގްރެމީ އެވަރޑްސްއަކީ ތާރީޚީ އިވެންޓެކެވެ. އެ އިވެންޓްގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައި ވަނީ، އަލަށް މިއުޒިކީ ދުނިޔެއަށް އުފަންވި ޤާބިލް ފަންނާނެއްކަމަށްވާ، ބިލީ އައިލިޝްއެވެ.

އޭނާވަނީ ފަސޭހަ ކަމާއި އެކު ގިނަ ކެޓަގަރީތަކަކުން އެވަރޑް ހާސިލްކޮށްފައެވެ. އެގޮތުން އެންމެ އުންމީދީ ފަންނާންގެ އެވަރޑާއި، އެންމެ މޮޅު ޕޮޕް އަލްބަމް، އެންމެ މޮޅު ލަވައިގެ އިތުރުން އެންމެ މޮޅު އަލްބަމްގެ އެވަރޑްވެސް ލިބުނީ ބިލީއަށެވެ. ބިލީއަކީ ގްރެމީ އެވަރޑް ލިބުނު އެންމެ ހަގު އެއް ފަންނާނެވެ. އުމުރުން އެންމެ 18 އަހަރުގައި ލިބުނު ކާމިޔާބާއި އެކު އޭނާ މިވަނީ މަޤްބޫލް ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ ރިކޯޑްވެސް މުގުރާލާފައެވެ.

ބިލީއަށް ލިބުނު ކާމިޔާބީ އަކީ އޭނާއަށް ތާއީދުކުރަމުން އައި ގިނަ ފޭނުން ކުރި އުންމީދެކެވެ. އެހެންނަމަވެސް ގްރެމީއިން ލިބުނު އާދަޔާ ޚިލާފް ކާމިޔާބީ ވެގެންދިޔައީ ބިލީއަށް ބޮޑު ހައިރާންކަމެއް ގެނުވިކަމަކަށެވެ. އެވަރޑް ލިބުމުން ވާހަކަދައްކަމުން، ބިލީ ވަނީ އޭނާގެ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ އާއި ވާދަކުރި އަރިއާނާ ގްރާންޑޭއަށް އެ އެވަރޑް މާ ހައްގުކަމަށްވެސް ބިލީ ވަނީ ބުނެފައެވެ.

ރޭގެ އެވަރޑް ޝޯގައި ބީޓީއެސް ޕަރފޯރމްކޮށްފައި ވާއިރު، މިއީ ކޭޕޮޕް ބޭންޑަކަށް ގްރެމީގައި ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

މި އަަހަރުގެ އެހެން އެވަރޑްތަކަށް ބަލާނަމަ ބެސްޓް ސޯލޯ ޕަރފޯމަންސްގެ އެވަރޑް ހާސިލް ކުރީ ލިޒީއެވެ. މިއީ ފަލަ އަދި ކަޅު ނަސްލުގެ މީހަކަށް ވެސް ހުނަރު ހުރި ނަމަ އާއްމުންގެ ލޯބި ލިބޭނެ ކަން ސާބިތުވާ ކަމެއްކަމަށް ލިޒީ ވަނީ ބުނެފައެވެ. ލިޒީ އެ އެވަރޑް ހާސިލް ކުރީ "ޓްރުތް ހަރޓްސް" މި ލަވައިންނެވެ. އޭނާ އެ ވަރޑް ހޯދީ ޓެރިއަރ ސްވިފްޓްއާއި، ބިލީ އައިލިޝް، ބިއޯންސޭ އަދި އަރިއާނާ ގްރާންޑޭއާއި ވާދަކޮށްގެންނެވެ.

އެންމެ މޮޅު ސޯލޯ އާޓިސްޓަށް ވާދަކުރި ފަންނާނުން: ފޮޓޯ މީސްމީޑިއާ

މީގެ އިތުރުން، ބޭޑްބަނީ އާއި ޖޭ ބަލްވިން އަދި ފްލޯރ ދި ޓޮލޮއާޗޭއާއި ވާދަކޮށް އެންމެ މޮޅު ލެޓިން ރޮކް، އަރބަން ނުވަތަ އަލްޓަރނޭޓިވް އަލްބަމްގެ މަޤާމް ހޯދީ ރޮސަލިއާ އާއި އެލް މަލް ކުއެރަރއެވެ. އެ ކެޓެގެރީގައި ބޭޑްބަނީގެ ދެ އަލްބަމް ހިމެނުނެވެ. މިފަހަރުގެ އެންމެ ވާދަވެރި އެއް ކެޓެގަރީއަކީ ލެޓިން ލަވަތަކުގެ ކެޓެގަރީއެވެ. އެގޮތުން އެ ދާއިރާއިން ލުއިސް ފޮންސީ، މަލުމާ، ރިކާޑޯ މޮންޓޭނަރގެ އިތުރުން ސެބާސްޓިއަން ޔަޓްރާ އާއި އެލެެޖެންޑްރޯ ސެންޒް ވާދަކުރިއެވެ. އެ ކެޓަގަރީއިން އެވަރޑް ގެންގޮސްފައި ވަނީ އެލެެންޑްރޯއެވެ.

އެންމެ މޮޅު ލެޓިން ޕޮޕް އަލްބަމަށް ވާދަކުރި ފަރާތްތައް: ފޮޓޯ މީސްމީޑިއާ

އެންމެ މޮޅު ކަންޓްރީ ލަވައަކީ، ބްރޭންޑީ ޗާރލައިލް އަދި ފިލް ހެންސެރޮތްގެ "ބްރިންގް މައި ފްލާވަރސް ނައު"އެވެ.އެންމެ މޮޅު ކަންޓްރީ އަލްބަމް އަކީ ޓަންޔާ ޓަކާގެ "ވައިލް އައި އޭމް ލިވިން"އެވެ. އެންމެ މޮޅު ކަންޓްރީ ގްރޫޕް ލަވައަކަށް ޑެން އާއި ޝޭގެ "ސްޕީޗްލެސް" ހޮވުނު އިރު އެންމެ މޮޅު ރެޕް އަލްބަމް އަކީ ޓައިލާ ދަ ކްރިއޭޓަރގެ "އިގޯރ"އެެވެ.

އެންމެ މޮޅު ރެޕް ލަވަ އަކީ "އަ ލޮޓް"އެވެ. ގްރެމީގެ މުހިއްމު އެހެން އެވަރޑްތަކަށް ބަލާއިރު، އެންމެ މޮޅު ރޮކް އަލްބަމް އަކީ ކޭޖް ދަ އެލެފެންޓްގެ "ސޯޝަލް ކިއުސް"އެވެ. އެންމެ މޮޅު ޕޮޕް ޑުއޯ އަކަށް ހޮވުނީ ލިލް ނަސް އާއި ބިލީ ރޭ ސައިރަސްގެ "އޯލްޑް ޓައުން ރޯޑް"އެވެ.