ބޮލީވުޑްގެ ކުޅަދާނަ ތަރިންތަކުގެ ތެރެއިން އަނުޝްކާ ޝަރުމާއާއި ވިރާތު ކޮލީ ގެ ނަން ފާހަގަ ކޮށްލަން ޖެހެނީ ހަމައެކަނި އެ ދެ ފަންނާނުން މޮޅު ވީމައެއް ނޫނެވެ. މިދިޔަ އަހަރު ޑިސެމްބަރ މަހު ކައިވެނި ކުރި މި ދެމަފިރިންގެ "ކަޕްލް ގޯލްސް" ގެ ސަބަބުންނެވެ. މި ދެމަފިން ލޯބިކަމުން ގިނަ ފޭނުންތަކެއްގެ ލޯބި ލިބެމުންދާއިރު، މިފަހަރުވެސް މިއޮތީ ފޭނެއްގެ ފަރާތުން އެ ދެމަފިރިންނަށް ލިބިގެންދިޔަ ތަފާތު ހަދިޔާއެއްގެ ވާހަކައެވެ. ފޭނެއްގެ ފަރާތުން ހަދިޔާއެއްގެ ގޮތުން އެ ދެމަފިރިންނަށް މިފަހަރު ލިބުނީ ދެމަފިރިންގެ "ކުރެހުމެކެވެ."

ޕަންޖާބަށް އުފަން ޖަގްޖޮޓް ސިންގް ނަމަކަށް ކިޔާ މި މަޝްހޫރް ކުރެހުންތެރިޔާގެ ފަރާތުން ލިބިގެން ދިޔަ މި ތަފާތު ހަދިޔާ ލިބުމުން ވަރަށް އުފާވި ކަމަށް އެ ދެމީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

 

އެ ކުރެހުމުން ފެންނަ ގޮތުގައި ވިރާތު ހުންނަނީ ކަޅު ކުލައިގެ ސޫޓެއް ލައިގެންނެވެ. އަދި އަނުޝްކާ ހުންނަނީ ފިޔާތޮށި ހެދުމެއްގައެވެ. ކައިރީގައި ހިނތުންވުމަކާއިއެކު ދެމީހުން ހުއްޓިލައިގެން ހުންނަ މަންޒަރު ދައްކުވައިދޭ މި ކުރެހުން ހަދިޔާކުރި ޖަގްޖޮޓް އަކި ޕަންޖީބީގައި ނަން މަޝްހޫރް ކުރެހުންތެރިއެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން އޭނާގެ ކުރެހުމުގެ މައުރަޒް ބޮލީވުޑްގެ ބައެއް ތަރިންގެ ތެރެއިން ކަރީނާ ކަޕޫރް ޚާނާއި ޝިލްޕާ ޝެޓީފަދަ ފަންނާނުންނަށްވެސް ދައްކާލާފައިވާނޭ ކަމަށް ޖަގްޖޮޓް ވަނީ ބުނެފައެވެ.

ބޮލީވުޑްގެ "އެންމެ ރީތި ޖޯޑު" ގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މި ދެމަފިރިން ވަނީ ލިބުނު ހަދިޔާއަށް ޝުކުރުއަދާކޮށްފައެވެ. އަދި މިފަދަ ތަފާތު ހަދިޔާއެއް ފޭނެއްގެ ފަރާތުން ލިބިގެން ދިއުމުން ވަރަށް ހައިރާންވި ކަމަށްވެސް ބުނެފައިވެއެވެ.