ބޭވަފާތެރިކަމަކީ ގިނަ ބަޔަކަށް އެފަދަ ކަމަކުން ސަލާމަތްވުމަށް އެތައް ދުވަސްތަކެއް ހޭދަވެދާނޭ ކަމެކެވެ. އެގޮތުން ގިނަ މީހުންނަށް އެފަދަ ކަންކަމުން އަރައިގަންނާނޭ ގޮތް ނޭނގިވެސް ހިނގައިދާނެއެވެ. ސަބަބަކީ އާންމުކޮށް އެފަދަ ބޮޑު އަދި އަސަރުގަދަ ބޭވަފާތެރިކަމެއް ލިބިގެންދަނީ އެންމެ ގާތް އަދި އެންމެ އިތުބާރުކުރާ އެކަކުގެ ފަރާތުން ކަމެވެ.

މިސާލަކަށް ގާތް އެކުވެރިޔެއް ތިބާއަށް ކަމެއް އޮޅުވާލުން ނުވަތަ ގާތް އެކުވެރިޔެއް ލޯބިވެރިޔާއަށްޓަކައި ތިބާ ދޫކޮށްލުމަކީވެސް އެފަދަ ކަންކަމުން އަރައިގަންނަން ދަތިވާ އަދި ތިބާ އަޅާލާ ގާތް މީހަކު ތިބާއަށް ބޭވަފާތެރިވިކަމުގެ އިހުސާސެއް ގެނުވައިފާނޭ ކަމެކެވެ.

އެންމެ ފުރަތަމަ އެފަދަ ކަމަކުން އަރައިގަންނަން ކުރަންޖެހޭނޭ ކަމަކީ ކަމުގެ ހާލަތު ރަނގަޅަށް ދެނެގަތުމެވެ. އެގޮތުން އެއީ ކީއްވެގެން ދިމާވިކަމެއްތޯ އަދި އެގޮތަށް އަމަލުކުރަންޖެހުނީ ކީއްވެގެންތޯ އަނެކާގެ ކިބައިން އޮޅުންފިލުވުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. މައްސަލަ ޖެހުމުން ދެ ފަރާތް އަނގައިން ނުބުނެ ތިބުމަކީ އެކަމުގެ ހައްލެއް ނޫނެވެ.

ދެން ކުރަންވީ ކަމަކީ ތިބާއަށް އެމީހަކު ބޭވަފާތެރިވެއްޖެކަން އަމިއްލައަށް ދެނެގަނެ އިހުސާކޮށް އެކަމަކީ ހަގީގަތެއްކަން ގަބޫލުކުރުމެވެ. ކޮންމެ ސަބަބަކާއި ހުރެވެސް އެކަމެއް އެގޮތަށް ވެފައިވާކަން ގަބޫލުކޮށް ދެން ހަޔާތުގައި އެކަމަކާއި ދޭތެރޭ ނުވިސްނައި އެކަމުގެ އިހުސާސްތައް އެހެން މީހަކަށް ކިޔައިދިނުމަކީ ކުރެވިދާނެ ކަމެކެވެ.

ކަންކަން ހައްލުކުރުމަށް ގިނަ ފަހަރަށް އެންމެ ރަނގަޅު އެއް ގޮތް ނެތް ނަމަވެސް އެކަމަކަށްޓަކައި އަނެކާއަށް މައާފްކުރުމަކީވެސް ތިބާއަށް ފައިދާކުރުވާނޭ ކަމެކެވެ. މައާފްކުރުމގެ ރީތި އާދައިގެ ސަބަބުން މީހާއަށް އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށްދިޔުމަށް ފަސޭހެވެ ދެން އަޅާނޭ ފިޔަވަޅުތަކާއިމެދުގައިވެސް ވިސްނުމަށް ފަސޭހަވެގެންދާނެއެވެ.