ދަރީންނަކީ ކޮންމެ މައިންބަފައެއްގެވެސް ހުވަފެންތަކާއ ގުޅިފައިވާނޭ ބައެއްކަން ގައިމެވެ. އެގޮތުން ދަރިން މޮޅުވެގެން މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރެ، އެކުދިން ދުނިޔޭގައި "އުދުހޭ" މަންޒަރު ބަލާލުމުގެ އުންމީދު ނުކުރާނޭ މައިންބަފަޔަކު މަދުވާނެއެވެ. ކިތަންމެ ފަޤީރު ޙާލުގައި އުޅެމުންވެސް ތިމާމެން ކުރަންވީ ކަންކަން ލިބޭ މިންވަރަކުން ފުއްދާލައިގެން، ދަރީންގެ ހުރިހައި ބޭނުމެއް އެންމެ ފުރިހަމަކޮށްދިނުމަކީ، ދަރީން ދެކެ ލޯބިވާ ކޮންމެ މައިންބަފަޔަކުވެސް ބޭނުންވާ ގޮތެވެ. އިންޑިއާގެ ރަސަންނާއަށް ނިސްބަތްވާ އާސިފާގެ މައިންބަފައިންނަކީވެސް އެފަދަ ލާމަސީލު ބައެކެވެ.

އެހެނަސް ތަޤުދީރު ނިޔާކުރިގޮތުން، އާސިފާގެ މައިންބަފައިން ކުރި ޢުންމީދުތަކާއި ދެކެމުންއައި ހުވަފެންތަކަށް ވަނީ ނިމުމެއް އައިސް، އަލުން އާ ފެށުމަކުން ދިރިއުޅުން ފަށަންޖެހިފައެވެ. ދުނިޔެއަކީ އިމްތިޙާނުތަކުން ފުރިގެންވާ ވަގުތީ ތަނެއްކަން ޤަބޫލުކުރާ އާސިފާގެ މައިންބަފައިން ބުނާގޮތުގައި، އެމީހުންގެ ލޯބިވާ ޢުމުރުން އެންމެ 8 އަހަރުގެ ތުއްތު ދަރިފުޅަކީ ކުޑަކުޑަ އެ އާއިލާއަށް ހިނިތުންވުން ގެނެސްދިން އުފާވެރިކަމެވެ. ނަމަވެސް އެ އުފާ ހިތާމައަށްވެ ވަޅުލާން ޖެހުނީ ހަމަ ޔަޤީނުންވެސް ދުނިޔެމަތީގައި އިންސާނުންގެ ސިފައިފައި ތިބި ޝައިތާނުންތަކެއްގެ ސަބަބުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އާސިފާ މަރާލާފައި އޮއްވައި ފެނުނީ، ވަގަށް ނަގައިގެން ގޮސް ރަހީނުކޮށްގެންގެ އުޅޭތާ ދުވަސްތަކެއްވީ ފަހުންނެވެ. ކަންބޮޑުވެފައިވާ އޭނާގެ މައިންބަފައިން އޭރުވެސް އާސިފާ ދިރިހުއްޓައި ފެންނާނެކަމުގެ އުންމީދުގައި ތިއްބައި ގެއްލުނުތާ ހަފްތާއެއް ފަހުން ލިބުނު ޚަބަރަކީ، އަނިޔާވެރި ގޮތަކަށް އެމީހުން ލޯބިވާ ދަރިފުޅު މަރާލި ޚަބަރެވެ.

ފުރާނެ ނެތް އެ ތުއްތު ހަށިގަނޑު ފެނުނީ، އޭނާ ޢާންމުކޮށްވެސް ދުވާލު ވަގުތުގައި ކުޅެން ގޮސް އުޅޭ ޖަންގައްޔެއް ކައިރިންނެވެ. އެތައް އަނިޔާއެއްދީ، އެތައް ފަހަރެއްގެ މަތިން ރޭޕްކޮށް ކުޑަކުއްޖަކަށް ތަޙައްމަލް ނުކުރެވޭ ވަރުގެ އަނިޔާތަކުގެ ނިޝާންތައް ފެންނަ ހަށިގަނޑުގެ އެތަންމިތަނުން ފެންނަ ޙާލުގައެވެ. ކުށެއްނެތް މައުސޫމު އާސިފާގެ ރަހުމުކުޑަ މި މަރުގެ ޚަބަރު ލިބިފައި އެތައް ބައެއްގެ އަސަރުކޮށް އެކަން ދުނިޔޭގެ ސަމާލުކަމަށްވެސް އައި ހިސާބަކީ އެއީއެވެ.

މިއަދު މި މައްސަލަ އިންޑިއާގެ ކަމާއިބެހޭ އިދާރާތަކުން ބަލަމުންދާއިރު، އާސިފާގެ މައިންބަފައިން ބުނާގޮތުގައި އެމީހުނަށް ތަފާތު އެކި ގޮތްގޮތުން އަންނަނީ އިންޒާރުތައް ލިބެމުންނެވެ. އެގޮތުން އާސިފާގެ މަރުގެ ފަހަތުގައި ތިބި ހައްދުފަހަނައަޅައި ގޮސްފައިވާ ހިންދޫ ދީނުގެ މީހުން އެ އާއިލާއާއި ކުރިމަތިލާން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މި އަޑުތައް ފެތުރެމުންދާ ދަނޑިވަޅުގައި އާސިފާގެ ބައްޕަ ބުނެފައިވަނީ، އެމީހުންގެ އުންމީދުތައް ވެއްޔާއި މޮޑެވި ނިމި ހިނގައްޖެ ކަމަށާއި، އަދިވެސް ބޭނުންވަނީ އަނިޔާ ދިނުމައްތޯ އަހައި ސުވާލުކޮށްފައެވެ. އަދި މިވަގުތު އެންމެ އެދޭ އެދުމަކީ، އާސިފާގެ މަރުގެ މައްސަލަ ރަނގަޅަށް ތަހުޤީޤުކޮށް އާއިލާއަށް އިންސާފު ލިބިގެން ދިއުން ކަމަށާއި، އެކަމުން މުޅި "ހިންދުސްތާނަށް" ވެސް އިންސާފު ލިބިގެންދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެމެން މިއީ އެއްވެސް އާރެއް ބާރެތް ނެތް ނިކަމެތިން. އަހަރެމެން ދިރިއުޅުމަށްޓަކައި ކާންބޯން ކުރާ މަސައްކަތަކީ ބަކަރި ވިއްކުން. މިތަކެއްޗަށާއި އަހަރެމެންގެ ގެދޮރަށް ގެއްލުން ދިނުމުގެ ބޭނުމަކީ ކޮބާ؟ އެތަކެތި މަރުވެއްޖެނަމަ އަހަރެމެންވެސް ދިރިއުޅެ ކައިބޮއެހަދާނެ ގޮތެއް ނެތި މަރުވެދާނެ،" އާސިފާގެ ބައްޕަ ގިސްލުމާއިއެކު ލޮލުން ކަރުނަ ފޮހެލަމުން ބުނެލިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަނު

    ދެރަ ވެއްޖެ މިޙބަރު ކިޔާފަ

  2. އަޅުގަނޑު

    ޔާﷲ މިދެމަފިރިންނަށް ކެއްތެރިކަމާ އުފާވެރިކަން ދެއްވަވާ އާސިފާ އަށް އިންސާފުދެއްވަވާނދޭވެ. އާމީން
    މާތްﷲ އީ ހިތާމަތައް އުފަލައްވެސް ބަދަލް ކޮށްދެއްވަވާ އިލާހު. އިންޝާﷲ ރަނގަޅު ގޮތް މެދުވެރި ކުރަށްވަވާނެ އަދި.

  3. މަ

    ހުރިހާ ކަމަކަށް ވެސް ކެއްކުރަން ވާނެ.

  4. ހުސެން

    ވަރަށް އަސަރުގަދަ ހަބަރެއް.. އާސިފާގެ މައިންބަފައިންގެ ފަރާތުން ނަމޫނާ ލިބިގަންނަންޖެހޭ. އިންސާފު ލިބިގެންދާނެ. އަނިޔާވެރިކަމުގައި ހައްފުފަހަނަ އެޅުމަކީ ދެވުނު އަނިޔާ ފޮރުވުމަށް އިތުރު އެަތަށް އަނިޔާއެއް ދިނުން... އަނިޔާވެރިން ބަލިކުރައްވާފާންދޭވެ.. އާމީން

  5. މައެއް

    ލިއުން ފުރިހަމައެއް ނޫން ...އާސިފާ ގެ ބޮޑައް ތިބި 2 ބޭބެ ވަނީ ބަސް އެކްސިޑެންޓުގަ މަރު ވެފަ ...މިހާރު އެދެމަފިރިން އެކަނި ވީ??