އައިޝްވާރިޔާ ރައީއަކީ ބެލުންތެރިންގެ މެދުގައި މަޤުބޫލު މޫނެކެވެ. އެތަރިއަކަށް އެތައް ބަޔަކު ސަޕޯޓުކުރާ އެކްޓްރެސް އެކެވެ. ބޮޑު ސްކްރީނުން އޭނާ ގެއްލިގެން، އޭނާ މަތިން އެތައް ބަޔަކު "މިސް" ވެގެން އުޅުނު އުޅުމުން މިކަން ހަމަ ރަނގަޅަށް ހާމަވެއެވެ.

މިއީ ރީތީގެ ރާނީގެ ތާޖު ވެސް ހޯދާފައިވާ އައިޝްވާރިޔާގެ ފޭނުންނަށް އަނެއްކާވެސް އުފާވެރި ޚަބަރެކެވެ. ބޮޑު ފިލްމެއްގެ ރޯލަކުން ބޮޑު ސްކްރީނަށް އައުމަށް އައިޝްވާރިޔާ ދަނީ މިހާރު މަސައްކަތް ކުރަމުންނެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާ "ފަންނޭ ޚާން" ގައި އޭނާ ހުންނަ ގޮތްވެސް ބެލުންތެރިންނަށްވަނީ ދައްކާލާފައެވެ. މިއުޒިކަލް ޑީވާ ފިލްމެއްގެ ގޮތުގައި ތައްޔާރުކުރާ މި ފިލްމުގައި، އޭނާ ފެންނަނީ ވަރަށް "ސަޅި" ކޮށްކަމަށް އެތައް ބަޔަކު ދަނީ ބުނަމުންމެއެވެ.

އެހެންކަމުން، ބެލުންތެރިން ދަނީ މި ފިލްމު ނެރޭނެ ދުވަހަކަށް ކެނޑިނޭޅި އިންތިޒާރު ކުރަމުންނެވެ.