ތަފާތު މައްސަލަތަކާ ގުޅިގެންވެސް ފްލައިޓުތައް ޑިލޭކޮށްފައިވާކަން، ނޫސްތައް ކިޔާލުމުން ހާމަވެއެވެ. ފްލައިޓު ތެރޭގައި އޮންނަ ކުޑަ ކުޑަ އެއްޗެއްގެ ސަބަބުންނާއި، ފަސިންޖަރަކު ކުރާ ކުޑަ ކުޑަ ކަމެއްގެ ސަބަބުންވެސް، ފްލައިޓު ޑިލޭ ކުރާ ފަހަރު އާދެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ވައިގެ ބަނދަރުކަމުގައިވާ ލަންޑަނުގެ ހީތުރޯ އެއަރޕޯޓުން ފުރަން އޮތް، އެއަރ އިންޑިޔާގެ ފްލައިޓެއްގެ ތެރޭގައި އޮތް މޯބައިލް ފޯނެއްގެ ސަބަބުން، އެފްލައިޓު ފުރުން ވަނީ ދެ ގަޑިއިރަށް ލަސްކޮށްފައެވެ.

އިންޑިޔާގެ މަޝްހޫރު "އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި ފުރުން ލަސްވުމަށް މަގުފަހިވި ފޯނަކީ، އެއަރޕޯޓުގެ ގްރައުންޑު ހޭންޑްލިން އަދި ފްލައިޓު އިންޖިނިއަރިން މަސައްކަތް ކުރުމަށް ހަރަކާތްތެރިވާ މުވައްޒަފެއްގެ ފޯނެވެ. އަދި، ފޯނު ފްލައިޓު ތެރޭގައި އޮތީ، ފްލައިޓުގެ ބައެއް ކަންކަން ކުރުމަށް ފްލައިޓަށް އެރުމަށްފަހު ހަނދާން ނެތިގެން ބާއްވާފައި ދިޔުމުންކަމަށްވެސް ބުނެފައިވެއެވެ.

އެނޫހުން ބުނެފައިވާ ގޮތުގައި، ފްލައިޓު ލަސްކުރުމަށްފަހު، ފޯނުގެ ހައްގުވެރިޔާއަށް ފޯނު ދިނުމަކީ، ޕައިލެޓުގެ އޯގާތެރިކަން ފެންނަ ކަމެކެވެ.

އެގޮތުން، ބޮއިންގ މަރުކާގެ މި ބޯޓު ދުއްވަން އިން، ކެޕްޓަންވަނީ ފްލައިޓުގެ ދޮރު ތިރިކޮށްލުމަށްފަހު ރައްކާތެރި ތަނަކަށް ފޯނު އެއްލުމަށް، ކެބިން ކްރޫ އަކަށް އަންގާފައެވެ. އަދި، އެއްލާއިރު ފޯނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް، ފްލައިޓުގެ ގޮނޑިތަކުގެ މަތީގައި ހުންނަ ބާލީހެއްގެ ތެރެއަށް ލުމަށްފަހު ފޯނު އެއްލުމަށްވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ނޫސްތަކަށް ކޮމެންޓުކޮށް ވާހަކަ ދައްކާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ޕައިލެޓުގެ ފަރާތުން ފެނުނީ ރީތި މިސާލެއްކަމަށާއި ފޯނަކީ، މިހާރު އެއާ ނުލައި ނޫޅެވޭފަދަ ޒަރޫރީ އެއްޗެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު