އަލަތު ދަރިފުޅަށް މައިމީހާ ބަލިވެއިންނަ ހިސާބުން ފެށިގެން އެކުއްޖާ އަށްޓަކާ ފޮނި އުންމީދުތަކެއް ކުރެއެވެ. އެކުއްޖާގެ ސިއްހަތު ސަލާމަތުން ލެއްވުމަށް ﷲ ކިބަފުޅުން އެތައް ދުވައެއް ކުރެއެވެ. އެހެން ނަމަވެސް އިރާދަފުޅުން ބައެއް ކުދިންނަކީ އުފެދުމުގައި އުނިކަމެއް ނުވަތަ ބައްޔެއް ހުންނަ ކުއްޖަކަށް ވުމީ އެކަށީގެންވާ ކަމެކެވެ.

މިއީ މީގެ ހަދުވަސް ކުރިން އުފަންވީ ގދ.ވާދޫއަށް ނިސްބަތްވާ ހިތުގެ ބޮޑު އޮޕަރޭޝަނެެއް ކުރަން ޖެހިފައިވާ ތުއްތު ތުއްތު ކުއްޖެއްގެ ވާހަކައެވެ. އާއިލާއިން "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި އެކުއްޖާގެ މަންމަ އަކީ ހިތުގެ މައްސަލައަކަށް މީގެ އަހަރެއްހާ ދުވަސް ކުރިން ބޭސް ފަރުވާކޮށްފައިވާ މީހެެކެވެ. އަލަތު ކައިވެންޏަށް މި ކުއްޖާ އަކީ އޭނާއަށް ފުރަތަމަ ލިބުނު ދަރިފުޅު އާއިލާއިން "ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ވަނީ ހާމަކޮށްފައެވެ.

"ބަލިވެ އިން އިރުވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނަނީ ދެމައިންގެ. އައިޖީއެމްއެޗް އަށް ދެއްކުމުން ޑޮކްޓަރުން ވިދާޅުވި އެއްވެސް މައްސަލައެއް ނެތް ވާހަކަ. އެކަމަކު ކުއްޖާގެ މަންމަ ބަނޑަށް ހަތަރުމަހުން ހަދަން ޖެހޭ ޓެސްޓެއް ނުހެދުނު ކަން އޮތީ. އެ ޓެސްޓު ނުހެދި ދިޔައީ އެޕޮއިންޓުމެންޓު ހެއްދުމުން ވެސް އެތަނުން ހަބަރެއް ނުވުމުން. އެކޮޅުން ގުޅި އިރުު ހުރީ ޓެސްޓު ހަދަންޖެހޭ ވަގުތު ކަޓައިފަ ކަމަށް ޑޮކްޓަރުން ވިދާޅުވީ" މައުލޫމާތު ދިން އާއިލާ މެންބަރު ބުންޏެވެ.

މަންމަ އަށް ނުވިހިގެން ކުއްޖާ ނެގީ ސިޒޭރިއަން ހެދުމަށް ފަހުގައި ކަމަށާއި، އެކުއްޖާ އުފަންވީ އިރު ހާލު ދެރަކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ. ކުއްޖާގެ ހިތުގައި ލޯވަޅެއް ހުރުމުގެ އިތުރުން ވަކިން އިންނަންޖެހޭ ދެނާރެއް ގުޅިފައި ވުމުގެ ސަބަބުން، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް އެއާއިލާއިން ބުނެއެވެ.

"އަދިވެސް ބޭބީގެ ހާލު ރަނގަޅެއް ނޫން. މަންމަ އާއި ދަރިފުޅު ބައްދަލު ކުރެވެނީ ހަމައެކަނި ގާތުންދޭން ވީމަ އެކަނި. މަންމަގެ ހާލުވެސް ރަނގަޅެއް ނޫން. ވިހޭ ފަހުން މަންމަ ހުންމަޑު ނުކުރާތީ އައިޖީއެމްއެޗްގައި ބާއްވައިގެން މިއުޅެނީ" އެކުއްޖާގެ އާއިލާއިން ބުންޏެވެ.

އާއިލާއިން ވާހަކަދެެއްކި ފަރާތުން ބުނި ގޮތުގައި ޑޮކްޓަރުން އެދިފައި ވަނީ ކުއްޖާގެ ގައިގައި 5 ކިލޯ ހަމަވުމުން އޮޕަރޭޝަން ކުރާށެވެ. އަދި އެ އޮޕަރޭޝަން ކުރުމަށް ދާން ޖެހެނީ ރާއްޖެއިން ބޭރަށް ކަމުން އެކަމަށް ގިނަ ފައިސާ ހޭދަވާނެ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ކުއްޖާގެ ހާލު ސީރިއަސް ވެއްޖެ ނަމަ މިހާރުން މިހާރަށްވެސް އެކުއްޖާ އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ކުއްޖާގެ އާއިލާއަކީ ފުދުންތެރި އާއިލާއަކަށް ނުވުމުގެ ސަބަބުން މި އޮޕަރޭޝަން ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އާންމުންގެ އެހީތެރިކަން ބޭނުންވެއެވެ. އެހެން ކަމުން މި ތުއްތު ކުއްޖާ އަށް އެހީތެރިވުމަށް ބޭނުންވާ ފަރާތެއް ނަމަ، 7704265403101 (ދިވެހި ރުފިޔާ އެކައުންޓެއް) އަށް ފައިސާ ފޮނުވައިދިނުމަށް އެއާއިލާއިން އެދެއެވެ. އަދި މިކަމާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ބޭނުންވާ ކަމުގައިވާ ނަމަ ކުއްޖާގެ ބައްޕަގެ ފޯން ނަންބަރު 7620807 އަށް ގުޅުއްވައި އިތުރު މައުލޫމާތު ހޯދުމަށް ވަނީ އެދިފައެވެ.

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފާތުނ

    މާލީ ތަނަވަސްކަން ނެތް ފަރާތްތަކުން ހެޔޮ ދުއާ ކޮށް ދިނުން ވަރަށް ބޮޑަށް އެދެން. އެއީ ދުއާއިން ޤަޞާ ބަދަލުވޭ އެއީ މުއުމިނަގެ ހަތިޔާރު. ހެޔޮދުއާކީ ވަރަށް ބޮޑު އެހީތެރި ކަމެއް.

    31
  2. ނަސީދު

    ކޮބާސަރުކާރު ޓެކްސްނަގައިގެން އަދިވެސް ރައްއިތުން މިސަލާންޖަހަންޖެހެނީ ތިކުއަޖާއައް އަވަސްސިފާއަކައެދެން

    23
    1
  3. ކެނެޑީ

    މަބުނީ މީރާއަށް ކޮންމެ މަހަކު މިވައްދާ އެތައް މިލިއަނެއްގެ ރުފިޔާއިން ފުރަތަމަ މިފަދަ ކުދިންގެ ބައްޔަށް ފަރުވާ ކުރަންވީނު ޝާހިދު ފުށްޖަހައިގެން ގައުމުގައުމަށް ނުފޮނުވާ

    16
  4. Anonymous

    މިފަދަ ބޮޑެތި ބަލިތަކަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނީ 100 ޕަސަންޓަށް އެއީ ބޭސް ފަރުވާ އަދި ބަލި މީހާ އާއި ބަލިމީހާގެ އެހީތެރިޔާގެ ފުޑާއި އެކޮމަޑޭޝަން ހިމަނައިގެން. ސަރުކާރުން ކަމެއް ކޮށް ދެންޏާ ފުރިހަމަ އަށް ރަގަޅަށް އެކަމެއް ކޮށްދިނުމަށް ގޮވާލާން. އެއީ ރައްޔިތުން ޓެކްސް ގޮތުގައި ދައުލަތަށް ކޮންމެ ދުވަހަކު އެތައް މިޔަން ފައިސާ އެއް އެބަދޭ.ތުއްތު ކުއްޖާ އަށް އަވަސް ޝިފާ އަކަށް އެދެން.

    20
  5. ސިރާޖް

    އަވަސް ސިފާއެއް މިންވަރު ކުރައްވާށި އެވެ.

    13
  6. ލާމު

    އާސަންދަ އާއި އެންސްޕާ މިއީ ކީއްކުރާ ތަންތަންތޯ؟

    • Anonymous

      އާއިލާ އަދި ރައްޓެހީން ދެން ޕާޓީގެ ކުދިންނަށް އެހީތެރިކަން ދޭ ސަރުކާރުގެ ކުންފުންޏެއް

  7. Anonymous

    މިރާއްޖޭގެ ހިތުގެ މައްސަލަ ހުންނަ ރާއްޖެއިން ބޭރަށކުދިންނަށް ފަރުދޭނެ ނިޒާމް އެބަޖެހޭ

  8. ކާޝް

    ހިތުގެ މައްސަލަތައް ހުންނަ ކުދިންނަށް މިރާއްޖެއިން ފަރުވާ ދެވޭނެ ނިޒާމު ހަމަޖެހުމަކީ އެފަދަ ކުދިން ލިބޭ އުފަލެއްކަމެއް ކަމުގައި ދަންނަވަން.