އިންޑިޔާގެ ގުޖުރާތުގެ ރާޖްކޮޓުގައި ހަ މީހުންގެ ގުރޫޕަކުން ރޭޕުކުރުމުން މާބަނޑުވި 11 އަހަރުގެ އަންހެން ކުއްޖަކަށް ލިބުނު ދަރިފުޅު މަރުވެއްޖެއެވެ. މީގެ މަހެއްހާ ދުވަސް ކުރިން އުފަންވެފައިވާ މި ކުއްޖާ މަރުވެފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

"އިންޑިޔަން އެކްސްޕްރެސް" ނޫހުން ބުނެފައިވާ ގޮތުގައި 11 އަހަރުގެ ކުއްޖާއަށް ލިބުނު ދަރިފުޅު އުފަންވީވެސް ސިކުނޑީގެ އުނިކަމަކާއެކުގައެވެ. އެއީ ކޮންގެނިޓަލް ޑިފެކްޓް ނަމަކަށް ކިޔާ އުނިކަމަށްވާއިރު، އެކަމުގެ ސަބަބުން ސިކުނޑިއަށް ހަށިގަނޑުގެ ކަންކަން ކުރުމުގެ ކޮންޓްރޯލު ގެއްލެއެވެ.

މި ކުޑަކުއްޖާ ވިހެއުމުން، އެކުއްޖާއާ ހަވާލުވުމަށް 11 އަހަރުގެ ކުއްޖާގެ އާއިލާއިން ދެކޮޅު ހަދާފައިވާއިރު އެކަމުގެ ސަބަބުން ތުއްތު ކުއްޖާ ބަލަން ހަވާލުކޮށްފައިވަނީ އެސިޓީގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއަކަށެވެ.

އެކްސްޕްރެސް ނޫހުން، ޖަމިއްޔާއާ ހަވާލާދީ ބުނެފައިވަނީ އިއްޔެ މެންދުރުފަހު ކުއްޖާގެ ހާލު ދަށްވާން ފެށުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް، ހޮސްޕިޓަލުން ބެލި ބެލުމަށްފަހު، ގެނައި މަގުމަތީގައި ކުއްޖާ މަރުވެފައިވާކަމަށް ބުނެފައިވާކަމަށްވެސްވެއެވެ.

ހޮސްޕިޓަލުގެ ޕީޑައިޓްރިކް ޑިޕާޓަމަންޓުގެ އެންމެ އިސް ޑޮކްޓަރުވެސް މިހެން ބުނެފައިވާއިރު މިކަމުގައި އެފަރާތްތަކަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

ރޭޕުގެ މައްސަލަތަކަކީ އިންޑިޔާގައި އިންތިހާ ދަރަޖައަށް ގޮސްފައިވާ ކަންތައްތަކަށްވާއިރު، މި ފަހުންވެސް ރޭޕުގެ ބޮޑެތި އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ