އިނގިރޭސިވިލާތުގެ ކޮލެޖުގައި ކިޔަވާ ދެ ފިރިހެން ކުދިން ހެޔޮ އަގުގައި މާސްކުތަކެއް ގަތުމަށްފަހު ބޮޑު އަގުގައި އެތަކެތި ވިއްކައިގެން ގިނަ ފައިސާތަކެއް ހޯދަައިފިއެވެ.

އުމުރުން 17 އަހަރުގެ ގެބްރިއެލް ބެކާ އާއި 18 އަހަރުގެ ލޫކް ގޭމްބަލް ބުނެފައިވާ ގޮތުގައި އެމީހުންނަށް މާކެޓުގައި މާސްކަށް ބޮޑު ޑިމާންޑެއް އޮތްކަން ފާހަގަވީ ކަމަށާއި އެހެންކަމުން އީބޭއީން 10 މާސްކު ފޮށި ގަނެގެން އެތަކެތި ބޮޑު އަގުގައި ވިއްކީ ކަމަށެވެ.

އެމީހުން އީބޭއީން ފޮއްޓެއް ގަނެފައި ވަނީ 17 ޕައުންޑު ނުވަތަ 339 ރުފިޔާ އަށް ކަމުގައިވާއިރު އެއިން ކޮންމެ މާސްކެއް ވަކިން އެމީހުން ވިއްކީ 160 ރުފިޔާ އަށެވެ.

ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރެމުން ގެންދާ މި ދަނޑިވަޅުގައި އެ މީހުން ބުނެފައި ވަނީ އިނގިރޭސިވިލާތުގައި މާ ގިނަ ބަޔަކު މާސްކުތައް ވިއްކަމުން ނުދާ ކަމަށާއި އެެހެންކަމުން ބޮޑު އަގުގައިވެސް މީހުން ތިބީ މާސްކު ގަންނަން ތައްޔާރަށް ކަމަށެވެ.

ހޯލްސޭލް އަދި ރީޓެއިލް ކޮށްގެން އެމީހުން 10 ފޮށި މާސްކު ވިއްކާފައި ވާއިރު، އެންމެ 10 ފޮށިން އެމީހުންނަށް ވަނީ 10،000 ޕައުންޑު ނުވަތަ 199,446 ރުފިޔާ ލިބިފައި ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ދަނީ ބުނަމުންނެވެ. މި މީހުން ކުރި މި ކަންތައް މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވާއިރު، އެއްބަޔަކު އަންނަނީ އެމީހުންނަށް ތައުރީފް ކުރަމުންނެވެ. ނަމަވެސް ގިނަ މީހުން ބުނަމުން އަންނަ ގޮތުގައި މިގޮތަށް ހެޔޮ އަގުގައި ގަނެފައި މީހުންނަށް އެތައް ގުނައެއް އަގުބޮޑުކޮށް ވިއްކުމުގެ ބޭނުމެއް ނެތް ކަމަށާއި އަދި އެއީ ކޮށްގެން ވާނެ ވަރުގެ ކަމެއްވެސް ނޫން ކަމަށެވެ.