ބޮލީވުޑްގެ އެންމެ ގުޅޭ ދެ ޖޯޑު ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނި މި އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ބާއްވަން ނިންމާފައިވާކަަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެެއެވެ. ދެ މީހުންގެ ކައިވެނި ބާއްވަން އުޅޭކަމަށް ބުނެ މީގެ ކުރިން ވެޑިންގ ކާޑެއްވެސް މީސް މީޑިއާގައި ދައުރުވިއެވެ. ނަމަވެސް އެއީ ފޭކު ކާޑަކަށް ވަނީ ވެފައެވެ.

އެހެން ނަމަވެސް މިއަދު އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، މި ދެ ތަރިންގެ ކައިވެނި ޑިސެމްބަރު މަސް ތެރޭގައި ބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ކައިވެނި ކުރެވޭނެ ތަނަކާއި، ތާރީހު އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

އެ ނޫހުން ބުނީ، ދެ ތަރިންގެ ކައިވެނި ކުރެވިގެން ދާނީ ދެ މީހުން އެކުގައި ފެނިގެންދާ ފިލްމް ނެރުމަށްފަހު ގައި ކަމަށެވެ. ދެ މީހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް ނެރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު ހަތަރު ވަނަ ދުވަހުއެވެ. އެ ފިލްމަކީ ބަރަހްމަސްތްރާ އެވެ.

އެ ފިލްމް ނެރުމަށްފަހުމާ ގިނަ ދުވަހެއް ނުވަނީސް ކައިވެނި ކުރާނެ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.