ބާގިސަން، އޭނާ ހަދާފައިވާ ޓައިޓޭނިކުގެ ކައިރީގައި

ތިމާގެ ގައިގައި ހުންނަ އުނިކަމަކީ ކާމިޔާބު ހޯދުމަށް އޮތް ހުރަހެއް ނޫންކަން އެތައް ބަޔަކު ދަނީ ސާބިތުކޮށްދެމުންނެވެ. އަދި، ތިމާގެ ގައިގައި އުނިކަމެއް ހުއްޓޭ ކިޔާފައި، އަތް އުރާލައިގެން ތިބެންވީ ނޫންކަންވެސް، އެތައް ބަޔަކު ދަނީ ސާބިތުކޮށްދެމުންނެވެ.

އުމުރުން 15 އަހަރުގެ ބްރިންޖާ ކާލް ބާގިސަންވެސް ދަނީ މިކަން ސާބިތުކޮށްދެމުންނެވެ. އޭނާވަނީ ލެގޯ އެތިކޮޅުތަކެއް ބޭނުންކޮށްގެން، ޓައިޓޭނިކުގެ ނަމޫނާއެއް ހަދާފައެވެ.

"ގާޑިޔަން" ނޫހުން ބުނެފައިވާ ގޮތުގައި ބާގިސަންގެ މި ޓައިޓޭނިކު ހެދުމަށް އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 56،000 އެތިކޮޅެވެ. އެހެންނަމަވެސް، ފުރަތަމަ ފަހަރު ހެދި ޓައިޓޭނިކުގެ ނަމޫނާގެ ދިރުނބާކޮޅު ހަލާކުވުމުން، އަލުން ހަދަން ޖެހުމުން، ބޭނުންކުރި ލެގޯ ކޮޅުތަކުގެ އަދަދު 65،000 އަށް އަރާނެއެވެ.

ބާގިސަންގެ މި ބުރަ މަސައްކަތް، އެމެރިކާގެ ދާރުލްއާޘާރެއްގައި އާއްމުންނަށް ދައްކާލަން ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަންނަ ހޮނިހިރު ދުވަހު މި ޓައިޓޭނިކު ދައްކާލަން ބަހައްޓާއިރު، އޭގެ އުސް މިނުގައި ފަސް ފޫޓު ހުންނައިރު ދިގު މިނުގައި 26 ފޫޓު ހުރެއެވެ.

ލެގޯ ބޭނުންކޮށްގެން ކުރި މި މަސައްކަތަށް ލެގޯ ކުންފުނިންވެސް އެހީތެރިވިކަމަށް ބާގިސަން ބުނެފައިވެއެވެ. އެގޮތުން، ލެގޯ ކޮޅުތައް ގަތުމުގައި، އެކުންފުނިން ވަނީ އޭނާއަށް ޑިސްކައުންޓެއް ދީފައެވެ.

އެހެން އޯޓިސްޓިކް ކުދިންނަށް އެތައް ނަމޫނާއެއް ދައްކަމުންދާ ޓައިޓޭނިކުގެ ލެގޯ ނަމޫނާގެ ވެރިޔާ ބުނެފައިވަނީ އޭނާގެ ކިބައިގައި އުނިކަމެއް ހުރިކަމުގައިވިޔަސް އަދި އެއުނިކަމާއެކު ދާއިމަށް އުޅެން ޖެހުނުކަމުގައިވިޔަސް، ވީ މިންވަރަކުން އާދައިގެ މީހެއްގެ ގޮތަށް އުޅެން މަސައްކަތް ކުރާ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިހާރުގެ ކުދިން ޓާޓޮނިކް މައްސަލަ ގަޑަށް ހާދަ ފޯރިއެއް ހުރެޔޭ ދޯ!