މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ ބޮލީވުޑް ފިލްމު "ރާޒީ" ގެ ލަވައެއް އާންމުކޮށްފައިވާއިރު، މެގްނާގެ ތައުރީފްވެސް ފިލްމުގެ އަންހެން ލީޑް އެކްޓްރެސް އާލިއާ ބަޓްއަށް ލިބިއްޖެއެވެ.

"އައި ވަތަން" ނަމަކަށް ކިޔާ މި ލަވަ އާންމުކުރުމަށް ބޭއްވި ހަރަކާތުގައި، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ އާލިއާ ބަޓްއާއި ވިކީ ކައުޝަލް ވެސް ވަނީ ބައިވެރިވެފައި ކަމަށް ޚަބަރުތައް ބުނެއެވެ.

ކުރިންވެސް އެތަކެއް ފިލްމެއް ޑައިރެކްޓްކޮށްފައިވާ މަޝްހޫރް ފިލްމު ޑައިރެކްޓަރު މެގްނާ ބުނެފައިވަނީ އާލިއާ މި ފިލްމު ނުކުޅުނުނަމަ، މިހާ ފުރިހަމަ ކޮށް މި ފިލްމު ބެލުންތެރިންނާއި ހަމައަށް ގެނެސް ނުދެވޭނެ ކަމަށެވެ.

"އާލިއާ ދަސްކުރާނީ ހަމައެކަނި އޭނަގެ ޑައިލޮގެއް ވެސް ނޫން. އެހެން ކެރެކްޓާތަކުގެ ޑައިލޮގުތައް ވެސް އޭނަ ބުނެދޭ. އަދި މިސާލަކަށް މިވެނި ކަމެއް ރަނގަޅު ކޮށްލާށޭ ބުނަނިކޮށް ދާދި ފަސޭހައިން ނަގައިވެސް ގަނޭ. ވަރަށް ފުރިހަމައަށް އަންހެން ކުއްޖާގެ ރޯލު ކުޅެދީފައިވަނީ ވެސް" މެގްނާ އާލިއާއަށް ތައުރީފްކޮށް ބުނެފައިވެއެވެ.

ހަޤީޤީ ވާހަކައެއްގެ މައްޗަށް ހަދާ މި ފިލްމަކީ، ހަރިންޑާ ސިއްކާ ލިޔެފައިވާ "ކޯލިން ސެހްމަޓް" ގެ އެޑަޕްޝަން އެކެވެ.

"މިއީ ހަޤީޤީ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެއްގެ ރޯލެއް އަހަރެން ކުޅޭ ފުރަތަމަ ފަހަރު. އުންމީދު މި ކުރަނީ ވީހާވެސް ހަޤީޤަތާއި އެއްގޮތަށް ފިލްމު ކުޅެވުނު ކަމަށް" އާލިއާވެސް އޭނާގެ ޝުއޫރުތައް ފާހަގަކުރަމުން ބުނެފައިވެއެވެ.

"ރާޒި" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގައިއެވެ.