ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އޮޕަރޭޓިންގް ސިސްޓަމް ކަމަށްވާ ވިންޑޯސް އަށް ބޮޑު އަޕްގްރޭޑެއް ގެނައުމަށް ތައްޔާރުވަމުންދާ ކަމަށް މައިކްރޮސޮފްޓް ކުންފުނިން ހާމަކޮށްފިއެވެ.

ވިންޑޯސް އަށް ބޮޑު ބަދަލެއް ނާންނަތާ ގިނަ ދުވަސްތަކަކަށްފަހު އެ އޮޕަރޭޓިންގް ސިސްޓަމަށް ގެންނަ އަޕްޑޭޓަށް ދީފައިވާ ނަމަކީ "ވިންޑޯސް 10 އެކްސް" އެވެ. މި އަޕްގްރޭޑް ރަސްމީކޮށް ނެރެން ހަމަޖެހިފައިވާ ސީދާ ދުވަހެއް މައިކްރޮސޮފްޓުން އަދި ހާމަކޮށްފައި ނުވީނަމަވެސް، މިއަހަރުގެ ފަހުކޮޅު މި އަޕްގްރޭޑް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މައިކްރޮސޮފްޓް "ވިންޑޯސް 10 އެކްސް" ނެރެން ތައްޔާރުވަމުންދާއިރު، މި އޮޕަރޭޓިންގް ސިސްޓަމް ޓެސްޓު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އެމިއުލޭޓަރ އެއް މައިކްރޮސޮފްޓުން މިހާރު ވަނީ ނެރެފައެވެ. މި އެމިއުލޭޓަރ އެޅުމަށް ބޭނުންވާނީ ވިންޑޯސް 10 އަޅާފައިވާ، މަދުވެގެން 8 ޖީބީ ރެމް ހުރި ސިސްޓަމެކެވެ. އަދި ވިންޑޯސް އެޅުމަށް 15 ޖީބީގެ ސްޕޭސް އާއި ޑަބްލިއުޑީޑީއެމް 2.4 ނުވަތަ އެއަށްވުރެ ފަހުގެ ޑްރައިވާ ބޭނުންވާނެއެވެ. މީގެ އިތުރުން މި އޮޕަރޭޓިންގް ސިސްޓަމް އެޅުމަށް ބަޔޯސްގެ ބައެއް ފީޗާތައް އެނޭބަލް ކުރަން ޖެހެއެވެ.

މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުގައި ވިންޑޯސް އަށް ގެންނަ މި ބޮޑު އަޕްޑޭޓް ވެގެންދާނީ ގިނަ ބަޔަކަށް ކަމުދާނެ އަޕްޑޭޓަކަށެވެ. އެގޮތުން އޮޕަރޭޓިންގް ސިސްޓަމްގެ ހަލުވިކަމާއި އެކު އޭގެ އާ ފީޗާތައް، ވިންޑޯސް ބޭނުންކުރާ ފަރާތްތަކަށް ކަމުދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަލަށް ނެރޭ ވިންޑޯސް 10 އެކްސްއަށް އަންނަ އަޕްޑޭޓުތައް އެންމެ 90 ސިކުންތުން އިންސްޓޯލްކޮށް ނިންމާލެވޭނެ ކަމަށް ވެއެވެ.

ވިންޑޯސް އަށް އަޕްޑޭޓެއް ނާންނަތާ ގިނަ ދުވަސްތަކެއް ވެފައިވުމުން ގިނަ ބައެއްގެ ޝަކުވާ އެކަމަށް ވަނީ އަމާޒުވެފައެވެ. އެހެންކަމުން ދެން ނެރޭ ވިންޑޯސްގެ އަޕްޑޭޓް ވެގެންދާނީ އެފަދަ ފަރާތްތަކަށް ދިމާވާ މައްސަލަތަކުގެ ޙައްލަށް ކަމަށް މައިކްރޮސޮފްޓުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށު މީހާ.......

    ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރަނީ ވިންޑޯޒްއެއް ނޫން....... އެންމެ ގިނަ ބަޔަކު ބޭނުން ކުރަނީ އެންޑްރޮއިޑް......

    • ރަންނަ

      ދުނިޔޭގަ އެންމެ ގިނަމީހުން ބޭނުން ކުރަނީ ނޭވާލާން ވައި